ދިއްދޫ ކައުންސިލްގެ ކޮންސަލްޓެންޓަކު ފޯޖު ބޭންކް ސްޓޭޓްމެންޓެއް ހުށަހެޅި މައްސަލައެއް

ކައުންސިލަށް ލިބޭ ފައިސާ ގަވާއިދާ އެއްގޮތަށް ޖަމާކުރަން ޖެހޭ އެކައުންޓްތަކަށް ޖަމާ ނުކުރާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފަ އެވެ.

އދ.ދިއްދޫ، ފޮޓޯ: މިހާރު

އދ. ދިއްދޫ ކައުންސިލް އިދާރާގެ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓަންޓްގެ ފަރާތުން ބޭންކް ސްޓޭޓްމެންޓް ފޯޖު ކުރުމަށްފަހު އޮޑިޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާކަން 2022 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައި 2022 ވަނަ އަހަރުގެ ދިއްދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި، އެ އިދާރާގެ ތިޖޫރީގައި ހުރި 5،500 ރުފިޔާ އެ އިދާރާގައި މަސައްކަތް ކުރަމުންދިޔަ އައިޓީ އެންޑް ފައިނޭންޝަލް ކޮންސަލްޓާއި ހަވާލުކޮށްފައިވީ ނަމަވެސް، ކައުންސިލް އިދާރާގެ ބޭންކް އެކައުންޓަށް އެ ފައިސާ ވަދެފައި ނުވާކަން ބަޔާންކޮށްފައިވެ އެވެ.

އެކަން އެނގުމުން، އެފަރާތާ ސުވާލު ކުރުމުން، އަމިއްލަ ފަރާތަކުން ކައުންސިލް އިދާރާގެ ބޭންކް އެކައުންޓަށް ހުށަހެޅި 25،000 ރުފިޔާގެ ތެރޭގައި އެ ފައިސާ ހިމެނޭނެ ކަމަށް އޭނާ ބުނެފައިވާކަން ރިޕޯޓުގައިވެ އެވެ. ބާކީ ފައިސާއަކީ ކުލީގެ ގޮތުގައި ކައުންސިލަށް ލިބޭން ޖެހޭ ފައިސާ ކަމަށް އޭނާ ބުނި ނަމަވެސް، އެ ފައިސާއަކީ އަމިއްލަ ފަރާތަކުން ކައުސިލަށް ދިން އެހީއެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.

އެކަން އެނގުމުން، އެ 5،500 ރުފިޔާ އޭނާގެ އެކައުންޓަށް އޮޅުމަކުން ޖަމާކުރެވިފައިވާ ކަމަށާއި، ފައިސާ ކައުންސިލް އިދާރާއަށް ރައްދުކޮށްދޭނެ ކަމަށް ނޮވެމްބަރު 11، 2023 ގައި ކައުންސިލް މެންބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި އޭނާ އެއްބަސްވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެ އެވެ. 

ފަހުން އޭނާ ވަނީ ކައުންސިލްގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށްފަ އެވެ. އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި އެ މަގާމަށް އޭނާ ނަގާފައި ވަނީ ވެސް ގާނޫނާ ހިލާފަށް ކަމަށެވެ. އެގޮތުން އޭނާ އަކީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާ މަސްލަހަތު ފުށުއަރާ މީހެއް ކަމަށް އެނގެން އޮވެ އެވެ.

މި ރިޕޯޓުގައި، އެ ކައުންސިލުން ވަރަށް ގިނަ ގޯސްތައް ހަދާފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ. އެގޮތުން، މުދަލާއި ހިދުމަތް ލިބުނުކަން އެނގެން ނެތި ފައިސާ ހަރަދުކޮށްފައިވާކަން ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ތަކެތި ގަނުމަށްފަހު ކޯޓޭޝަން ހަދާފައި ނުވުމާއި، ބިޑު ނުކޮށް މަސައްކަތް ހަވާލުކުރުމާއި، ބިޑުގެ ޝަރުތު ހަމަ ނުވާ ފަރާތްތަކާ މަސައްކަތް ހަވާލުކޮށްފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ގަވާއިދާ ހިލާފަށް އެޑްވާންސް ފައިސާ ދޫކޮށްފައިވާކަން ވެސް އެ ރިޕޯޓުން އެނގެ އެވެ. އަދި، އެފައިސާ ދޫކޮށްފައި ވަނީ މިނިސްޓަރުގެ ވެސް ހުއްދަ ނެތި އެވެ. 

ކައުންސިލަށް ލިބޭ ފައިސާ ގަވާއިދާ އެއްގޮތަށް ޖަމާކުރަން ޖެހޭ އެކައުންޓްތަކަށް ޖަމާ ނުކުރާކަން ވެސް އޮޑިޓް ރިޕޯޓުން ވަނީ ފާހަގަވެފަ އެވެ. އެގޮތުން، 2022 ވަނަ އަހަރު ނިމުނުއިރު ކައުންސިލަށް ލިބުނު 302،098 ރުފިޔާ ތިޖޫރީގައި ބެހެއްޓުމަށްފަހު އެކި ކަންކަމަށް ހަރަދުކޮށް، ތިޖޫރީގެ ހިސާބުތައް ވެސް ބަލަހައްޓާފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.