ބޭންކަށް ބަޣާވާތުގެ ތުހުމަތުކުރާތީ ޔާމީނު؛ ބޭންކު ހަލާކުވާ ވަރުގެ ކަމެއް ކޮށްގެންނުވާނެ

އަދި އެ ތަހުގީގުގެ ތެރެއިން ބޭންކުގެ އިތުބާރު ގެއްލި ބޭންކުގައި ފައިސާ ޑިޕޮސިޓުކޮށްފައިވާ މީހުން ބޭންކުން ފައިސާ ނަގައިފާނެ ހާލަތެއް މެދުވެރިވެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނޫސްވެރީންނާއި ބައްދަލު ކުރައްވަނީ -- ޔާމީން | ދަ މިރާ

ގައުމީ ބޭންކު ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް އެ ކުންފުނިން ނިންމާފައިވާ ނިންމުމަކީ ސަރުކާރު ވައްޓައިލަން ހިންގި ބަޣާވާތެއްކަމަށް ސަރުކާރުން ސިފަކޮށް، ދިވެހި ފުލުހުންގެ ހިދުމަތުން ބޮޑު ތަހުގީގެއް ފެށުމާ ގުޅިގެން ބޭންކު ހަލާކުވާނެ ފަދަ ކަމެއް ސަރުކާރުން ކޮށްގެންނުވާނެ ކަމުގައި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވިދާޅުވެއްޖެ އެވެ. 

އެމަނިކުފާނުގެ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)އިން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގައި ޑިޕޮސިޓަރުންގެ ފައިސާ އެބަހުރި ކަމަށެވެ. ނަމަވެސް އެ ފައިސާ ހުރީ ދިވެހި ރުފިޔާއިން ކަމަށެވެ. ބޭންކަށް ޑޮލަރު ބޭނުންވުމުން އެ ދިވެހި ރުފިޔާ ހިފައިގެން ޑޮލަރު ހޯދަން ބޭންކުންދާނީ އެމްއެމްއޭއަށް ކަމަށާއި، ޑޮލަރުގެ ތާށިކަން ބޭންކަށް ކުރިމަތިވެގެން ޑޮލަރު ބޭނުންކޮށްގެން ކާޑުތަކުން މުއާމަލާތްނުކުރެވޭ ގޮތަށް ހަދަންޖެހުނީ އެމްއެމްއޭއިން ބޭންކަށް ޑޮލަރު ނުދިނުމުން ކަމަށެވެ. 

"ބޭންކް އޮފް މޯލްޑިވްސްގައި އެބަހުއްޓޭ ދިވެހި ރުފިޔާ. ދިވެހި ރުފިޔާ އެބަހުރި. އެ ރުފިޔާ ހިފައިގެން ބޭންކް އޮފް މޯލްޑިވްސްގެ ނީޑަށް ޑޮލަރު ބޭނުންވުމުން އެމީހުން އެދަނީ އެމްއެމްއޭއަށް. ދެން ކާކުގެ މައްސަލައެއްތޯ އެއީ އެމީހުންނަށް ޑޮލަރު ނުދެވުމަކީ؟،," ރައީސް ޔާމީން ވިދާޅުވި އެވެ. 

ރައީސް ޔާމީން ފާހަގަަކުރެއްވި ގޮތުގައި ބޭންކުގެ މައި ހިއްސާދާރަކީ ދިވެހި ސަރުކާރުކަމަށްވާތީ ބޭންކުގެ ކަންކަން ސަރުކާރުގެ ފަރާތުން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ފިނޭންސް މިނިސްޓްރީއާ މަތިކޮށްފަ އެވެ. އެމަނިކުފާނު ވިދާޅުވީ ޑޮލަރު ލިމިޓަށް ގެނައި ބޮޑު ބަދަލާ ހަމައަށް ބޭންކު ދިޔައީ ފިނޭންސް މިނިސްޓަރަށް އަދާކުރައްވަންޖެހޭ ޒިންމާ އަދާނުކުރެއްވިގެންނެވެ. 

"އޭނާ [ފިނޭންސް މިނިސްޓަރު]ގެ ޕޭރެންޓޭޖުގެ ދަށުގައި އޮތް ތަނެއް މިއީ. އޭނާ ޖެހޭ ބޭންކް އޮފް މޯލްޑިވްސްއަށް މިހުރި ޑިފަކަލްޓީސް ރިޒޯލްވްކޮށްދޭން ސަރުކާރާއި އެމްއެމްއޭއާ ވާހަކަދައްކައިގެން. އެހެންވީމާ މި ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވި އެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ މިހާރު ބީއެމްއެލްގެ ނިންމުން ބަޣާވާތެއް ކަމުގައި ސިފަކޮށް ޖިނާއީ ކުށްތަކުގެ ތަހުގީގު ހިންގާ އިދާރާއިން ބޮޑު ތަހުގީގެއް ފަށާފައިވާއިރު އެ ތަހުގީގުގެ ދިގު އަތް ފޯރާނީ ކިހައި ހިސާބަކަށްކަން ކަށަވަރުނުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. 

އިތުރު ކަންބޮޑުވެވަޑައިގަތުމެއްގެ ގޮތުގައި ޔާމީން ފާހަގަކުރެއްވީ އެ މުއައްސަސާގައި ގިނަ ދުވަހު ހިދުމަތްކުރެއްވި އައިޝަތު ނޫރުއްދީން ބީއެމްއެލްގެ ހިންގާ ބޯޑުން ވަކިކުރުމެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި 40 އަހަރު ބޭންކުގައި ހިދުމަތްކުރެއްވި އައިޝަތު ނޫރުއްދީނަކީ އެ މުއައްސަސާގެ "އިންސްޓިޓޫޝަނަލް މެމަރީ" އެވެ. އޭނާވެސް ކުށެއް ކުރައްވައިފިނަމަ ވަކިކުރުމުގައި މައްސަލައެއް ނެތްކަމަށާއި، ނަމަވެސް އޭނާ ވަކިކުރެއްވީ ކުށެއް ކުރައްވައިގެން ކަމުގައި ގަބޫލުނުކުރެއްވޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އަދި ބޭންކުގެ ބޯޑަށް ސިޔާސީ މީހުން އައްޔަންކުރެވޭ ގޮތަށް އެމްއެމްއޭގެ ގަވާއިދަށް ގެނެސްފައިވާ ބަދަލާމެދުވެސް ކަންބޮޑުވެވަޑައިގަތުން ފާޅުކުރައްވައި ރައީސް ޔާމީނު ވިދާޅުވީ އެހިސާބުން ބޭންކުގައި ފައިސާ ރައްކާކޮށްފައި ތިބި މީހުން ބޭންކާމެދު ވިސްނަންޖެހޭ ހިސާބަށް ދާ ކަމަށެވެ. 

ބޭންކުގެ އެތެރޭގެ ހުރިހާ ކަމެއް ރެގިއުލޭޓުކުރަނީ ބޭންކުގެ ބޯޑުންކަން ފާހަގަކުރައްވަމުން ރައީސް ޔާމީނު ވިދާޅުވީ ބޯޑުގައި ތިބެންވާނީ ފެންވަރު ހުރި އިތުބާރުކުރެވޭ މީހުން ކަމަށެވެ. 

ބީއެމްއެލްއަކީ ގައުމީ ބޭންކު ކަމާއި، ބޭންކުގައި ދިވެހި ރައްޔިތުންގެ ހިއްސާ އޮންނަކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ބޭންކާމެދު މިހާރު ހިނގަމުންދަނީ ބޮޑު ޖިނާއީ ތަހުގީގެއް ކަމަށެވެ. އަދި އެ ތަހުގީގުގެ ތެރެއިން ބޭންކުގެ އިތުބާރު ގެއްލި ބޭންކުގައި ފައިސާ ޑިޕޮސިޓުކޮށްފައިވާ މީހުން ބޭންކުން ފައިސާ ނަގައިފާނެ ހާލަތެއް މެދުވެރިވެދާނެތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

"އެހެންވީމަ އެއީ އަޅުގަނޑުމެން އެޓް އެނީ ކޯސްޓް އެވޮއިޑުކުރަންޖެހޭ ކަމެއް. ރާއްޖޭގައި ހުރި ގައުމީ ބޭންކަށް ގެއްލުންވާނެ ކަމެއް ސަރުކާރުން ކޮށްގެންނުވާނެ،" ޔާމީން ވިދާޅުވި އެވެ. 

އިތުރަށް އެމަނިކުފާނު ވިދާޅުވީ ބޭންކުގެ ނިންމުމާ ގުޅިގެން ސިޔާސީ މީހުންގެ ދައުރާއި ބައިވެރިވުން އޮތް މިންވަރު ތަހުގީގުކުރާކަމަށް ސަރުކާރާއި ފުލުހުން ބުނި ނަމަވެސް މައްސަލައިގެ އަސްލަކީ އަދި ފެށުމަކީ ސަރުކާރުގެ ސިޔާސަތަކާ ހިލާފު ނިންމުމެއް ބޭންކުން ނިންމުން ކަމަށެވެ. ބޭންކުން ނިންމާ ނިންމުންތަކާ ގުޅިގެން ޖިނާއީ ތަހުގީގުކުރަން ފެށުމަކީ ދެރަވަރު ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.