ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ޕީޖީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް އޭނާ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމު ހުސްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. 

މިއަދު ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕީޖީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މި މަހުގެ 11 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ކަމަށެވެ. 

މަގާމަށް އެދި ހުށަހަޅާ ފޯމާއި އިގްރާރާއި ކުށާއި ދަރަނީގެ ރެކޯޑް ފޯމާއި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަންނާނީ މި އަންނަ މަހުގެ 10 އަދި 11 ވަނަ ދުވަހުގެ ހެނދުނު 8:30 މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. 

ރައީސް އޮފީހުގެ ވެބްސައިޓުން ފޯމާއި އިގުރާރު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ. 

ޕީޖީގެ ޝަރުތުތައް

  •  މުސްލިމަކު ކަމުގައިވާއި ދިވެއްސަކަށްވުން.
  •  އަދި އުމުރުން 25 އަހަރުވެފައިވުން.
  •  އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް, ހިޔާނާތުގެ ކުށެއް, ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
  •  އިންތިހާބީ މަގާމެއް ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.
  •  ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ނުވަތަ އެ ފަދަ ހަރަކާތެއްގައި އުޅޭ މީހަކަށް ނުވުން.
  •  ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއެއް ލިބިފައިވުން.
  •  އެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން 4 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  •  ޕީޖީގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  •  ޝަރުއީ ނުވަތަ ގާނޫނީ ދާއިރާއާ ގުޅުންހުރި މަސައްކަތެއްކުރާ ކުންފުންޏެއް, ޕާޓްނާޝިޕެއް ނުވަތަ އެ ނޫންވެސް އެފަދަ ތަނެއްގައި ހިއްސާއެއް ނުވަތަ މަގާމެއް އޮތް މީހަކަށް ނުވުން.
  •  ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހުސައިން ޝަމީމުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށް ޕީއެންސީގެ ޕާލިމަންޓަރީ ގުރޫޕުގެ ފަރާތުން ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވުމާ ގުޅިގެން އެ ޕާޓީގެ އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުންނެވެ. 

އެނާ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމުމުގެ ކުރިން އެ މަގާމުން ޝަމީމުވަނީ އިސްތިއުފާ ދެއްވާފަަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.