"އެމްޑީޕީން ދިވެހި ރައްޔިތުންނަށް ދިން އަނިޔާ އަދިވެސް ނުފުދެނީބާ؟"

ބަގާވާތަކީ އެމްޑީޕީން މާ ކުރާހިތްވާ ކަމެއް ކަމަށާއިި އިއްޔެ އިރުއެރި އިރު މާލީ ބަގާވާތެއް މި ގައުމަށް ގެންނަން އެ މީހުން އަޑިގައި ތިބެގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ނައިބުރައީސް އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމު، ފޮޓޯ: ޕީއެންސީ

އެމްޑިޕީން ދިވެހި ރައްޔިތުންނަށް ދިން އަނިޔާ އަދިވެސް ނުފުދެނީތޯ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފި އެވެ.

ޝިޔާމް މިހެން ވިދާޅުވީ ރޭ ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވިދާޅުވީ ނަމުގައި އޮންނަނީ ދިވެހި ރައްޔިތުންގެ ޕާޓީ ކަމަށާއި އެކަމަކު ވެރިކަން ލިބޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ދެމުންގެންދަނީ ހިތްދަތި ކަމާއި އަނިޔާ ކަމަށެވެ. ވެރިކަމުގައި ތިބި އިރުވެސް ދެމުންގެންދިޔައީ އަނިޔާ ކަމަށާއި އަދިވެސް މަސައްކަތްކުރަމުންދަނީ ރައްޔިތުންނަށް އަނިޔާ ދިނުމަށް ކަމަށް ވިދާޅުވި އެވެ.

"އިއްޔެ އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ އެބޭފުޅުންގެ އަސްލު ސޫރަ. ރައްޔިތުންނަށް، ދިވެހި ގައުމަށް ގެއްލުންދިނުން ނޫން ކަމެއް މި ބޭފުޅުންގެ ވިސްނުމުގައިވެސް، އަދި އަމަލުގަވެސް ނެތްކަން އަނެއްކާވެސް އަޅުގަނޑުމެންނަށް އެ ސާބިތުކޮށްދިނީ. އެކަމަކު އަޅުގަނޑު އެބޭފުޅުންނަށް، އަދި ވަކީން ހާއްސަކޮށް މިކަމުގަ އިސްކޮށް ތިއްބެވި ބޭފުޅުންނަށް ދަންވާލަން އޮތީ ރައީސް ޑރ. މުއިއްޒު ވެރިކަމަށް އިންތިހާބު ކުރެއްވީ އެކަކު، ދެ މީހަކުގެ މަސައްކަތަކުން ނޫނޭ. ރައީސް މުއިއްޒު ވެރިކަމަށް އިންތިހާއަށް ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކުރެއްވީ ދިވެހި ލޮބުވެތި ރައްޔިތުން." އޭނާ ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީން މިކަން ހަނދުމަފުޅުގައި ބަހައްޓަވައިގެން މަސައްކަތް ކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އޭގެ ފަހުން އައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ބޭނުންވީ ރައީސް ޑރ. މުއިއްޒު، ރާއްޖެ ވެއްޓިފައި އޮތް މިހާލަތުން ސަލާމަތްކޮށްދިނުމަށް ކަމަށްވެސް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ އެމްޑިޕީގެ މިއަދުގެ އަމަލުތަކާމެދު ވިސްނާލުމުން އެކަމަށް ދެރަވެ ހިތާމަކުރާ ކަމަށާއި ލަދުގެ ކަންފުޅެއްވެސް އެބޭފުޅުންގެ ނެތީތޯ ހިތަށް އަރާވަޑައިގަންނަވާ ކަމަށެވެ. ބަގާވާތަކީ އެމްޑީޕީން މާ ކުރާހިތްވާ ކަމެއް ކަމަށާއިި އިއްޔެ އިރުއެރި އިރު މާލީ ބަގާވާތެއް މި ގައުމަށް ގެންނަން އެ މީހުން އަޑިގައި ތިބެގެން މަސައްކަތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.


"ގައުމީ ބެންކުން ދިވެހި ރައްޔިތުންގެ ކަރުގައި ހިފަން އެ ނިންމި ނިންމުން ނިންމި އިރުގައި އެމްޑީޕީގެ ބޭފުޅުން ތިއްބެވީ ޕްރެސް ކޮންފަރެންސެއްގަ. އެވާހަކަ ދައްކަވަން. އެވާނެތޯ އިއްތިފާގަކަށް؟ އެއީ އިއްތިފާގެއް ނޫން. މިއީ އިންތިޒާމު ކުރެވިގެން، ރޭވިގެން ހިންގަން އުޅުނު ބަގާވާތެއް. އެހެން ނަމަވެސް މި ބޭފުޅުންނަށް އެނގިވަޑައިނުގަތީ ރައީސް މުއިއްޒުގެ ހިކުމަތްތެރިކަން." އޭނާ ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް އެމްޑީޕީއިން ފަސް އަހަރުގެ ދައުރު ނިންމާ ވެރިކަމުން ފޭބީ ގައުމު ބަނގުރޫޓުކޮށް، އޮތް ހާލަތަށް ދޫކޮށްލާފައި ކަމަށެވެ. ބޮޑެތި އަދަދުތަކުން ލޯނާ ދަރަނި ނެގިއިރު، ގައުމަށް އާމްދަނީ އިތުރުކުރުމަށް އެއްވެސް ކަމެއް ކޮށްފައި ނެތްކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.