"އެއީ މިއިން ކޮންމެ ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން އެބަ ހަރަދު ކުރޭ ގާތްގަނޑަކަށް އަހަރަކު ހަތަރު ފަސް މިލިއަން ރުފިޔާ،"
ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު / ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު މިރޭ ދެއްވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާ ގައި ވާހަކަދައްކަވަމުން ފަލާހު ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެފަ އެވެ. ދައުލަތުގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ދެ ރައީސުން ވިދާޅުވެފައިވާތީ ވަރަށް ޒާތީކޮށް އެ ބޭފުޅުންނަށް ފާޑުވިދާޅުވެ އޭނާ ވަނީ ރައްދު ދެއްވާފަ އެވެ.
ރައީސް ނަޝީދުގެ ނަންފުޅު ވިދާޅުވެ އެމަނިކުފާނަށް އިޝާރާތް ކުރައްވާ ވިދާޅުވީ މިހާރުވެސް ރާއްޖެއިން ބޭރުގައި ވަޒީފާއެއް ގައި ހުންނެވީ ކުރީގެ ރައީސުންގެ އިނާޔަތާއި ސެކިއުރިޓީ ވެސް ނަންގަވައިގެން ކަމަށެވެ. އެކަމަށް އަހަރަކު ހަތަރު / ފަސް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު އެ ބޭފުޅުންނަށް ދައުލަތުން ކުރައްވާ މިފަދަ ހަރަދުތައް ކުޑަކުރެއްވުމަށް ވާހަކަ ދައްކަވަން ޖެހޭނެ ކަމަށެވެ. އަދި ނުސީދާކޮށް އިންޒާރު ދެއްވީ ޕީއެންސީއަށް އޮތް މެޖޯރިޓީގެ ބޭނުންކޮށް އިނާޔަތްތަކަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ.
"އެކަންކަން އެގޮތަށް ކުރައްވާ ކަމަށް ވަންޏާމު އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީސްތެރެއިން ވިސްނަން ޖެހޭނެ ކަންކަން ހުންނާނެ. އެއީ މިއިން ކޮންމެ ބޭފުޅަކަށް ދައުލަތުގެ ބަޖެޓުން އެބަ ހަރަދު ކުރޭ ގާތްގަނޑަކަށް އަހަރަކު ހަތަރު ފަސް މިލިއަން ރުފިޔާ،"
ކުރީން ރައީސް ޔާމީނަށް ވަރަށް ބޮޑަށް ހުޝާމަދު ކުރެއްވި ފަލާހު މިރޭ ވެސް ވަނީ އެމަނިކުފާނަށް ވަރަށް ޒާތީކޮށް ފާޑު ވިދާޅުވެފަ އެވެ. ވިދާޅުވީ ޔާމީނަކީ އެންމެ ނުބައި ވެރިކަން ކުރެއްވި ރައީސް ކަމަށެވެ. އަދި އެއީ ހަސަދަވެރިކަމާއި ކިބުރުވެރި ކަމުން ފުރިފައިވާ ބޭފުޅެއް ކަމަށެވެ.
ޔާމީން ކުރެއްވި ނުބައި ކަންކަން އެމްޑީޕީ ސަރުކާރުން ހުރީ ބަލަން ފަށާފައި ކަމަށާ އެކަންކަން ބެލުމުން އެއީ ހަގީގަތެއް ކަން ސާފުވެފައިވާ ކަމަށް ވިދާޅުވި އެވެ. ޔާމީންގެ އަތްޕުޅުގައި ހަތަރު ލައްކަ ރުފިޔާގެ ގަޑިއެއް އޮތުން މައްސަލައަކަށް ނުވާ ކަމަށާ ނަމަވެސް އެހެން ބޭފުޅަކު އަގުބޮޑު ގަޑިއެއް އަޅުއްވައިފިނަމަ އެކަން މައްސަލައަކަށް ވާ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޔާމީން 300 ޑޮލަރުގެ ގަމީހެއް ތުރުކުރެއްވުން މައްސަލައަކަށް ނުވާ ކަމަށާ އެހެން މީހަކު 100 ޑޮލަރަށް ދޭ ގަމީހެއް ލީނަމަވެސް އެކަން މައްސަލައަކަށް ވާ ކަމަށް ހިޔާނާތުގެ ގިނަ ތުހުމަތެއް ކުރެވިފައިވާ ފަލާހު ވިދާޅުވި އެވެ.