އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއް، ކުށްވެރިވާ މީހުންގެ ހުކުމް ތަންފީޒު ކުރުމުގައި ފަހަތަށް ނުޖެހޭނަން: ރައީސް

މިނިވަން ކަމާއެކު މި މައްސަލަ ބަލާ ހުކުމެއް މީހަކަށް އައިސިއްޔާ ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ނަން. އެއީ އަދުލުވެރި ކަމަކީ،" ކުށްވެރިވާ މީހުން ޖަލަށްލާ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރެލީ އެއް ގައި ވާހަކަފުޅު ދައްކަވަނީ

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓަށް ކުއްލި ބަދަލެއް ގެނެސް އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއް ކަމަށާ އެ މައްސަލަ އިންސާފުވެރި ކަމާއެކު ތަހުގީގުކޮށް ކުށްވެރިވާ މީހުންގެ މައްޗަށް އިއްވޭ ހުކުމް ތަންފީޒު ކުރުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. 

ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް އިއްޔެ ވަނީ ކުއްލި ގޮތަކަށް ބަދަލުކޮށްފަ އެވެ. އެ ގޮތުން ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއް ނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ ގޮތަށް ހެދި އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރަން ވެސް ނިންމި އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ. 

އެކަމާ ގުޅިގެން ރައްޔިތުން ރުޅިވެރިކަމާ އެކު ނިކުމެ ސަރުކާރާ ދެކޮޅަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ޕްރެޝަރު ވަރަށް ބޮޑުވެ ސަރުކާރުން ކުރި މަސައްކަތުން އިއްޔެ ހަވީރު ވަނީ ބެންކުގެ އެ ނިންމުން ބަދަލުކޮށްފަ އެވެ.

މިރޭ ޕީއެންސީ ހަރުގޭގައި އޮތް ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަރަށް ސާފުކޮށް ވިދާޅުވީ އިއްޔެ ހިންގަން އުޅުނީ ބަޣާވާތެއް ކަމަށެވެ. އެކަން ފުލުހުން ބަލަން ފަށާފައިވާ ކަމަށާ އެކަމުގެ ހަގީގަތް އެނގޭނީ ބެލީމަ ކަމަށެވެ.

ރައީސް ވިދާޅުވީ ބެންކުން އިއްޔެ ގެންނަން އުޅުނު ބަދަލުގެ މައުލޫމާތު ލިބުނު ހިސާބުން ފެށިގެން އެތައް ކަމެއް ކުރެއްވި ކަމަށާ ނަމަވެސް އެމަނިކުފާނު އުޅޭކަން ދެންނެވި އެއްވެސް ވާހަކައެއް އަޑު ނާންސަވާ އެ ނިންމުން އިއުލާނު ކުރެއްވީ ކަމަށެވެ. އެ ނިންމުމާ ސަރުކާރާ އެއްވެސް ގުޅުމެއް ނެތް ކަމަށާ ބެންކުގެ ބޯޑްގައި ސަރުކާރުގެ މެޖޯރިޓީ ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

ބޯޑްގައި ތިއްބެވީ ސަރުކާރުގެ ހަތަރު ޑިރެކްޓަރުން ކަމަށާ ދެން ތިއްބެވި ފަސް ޑިރެކްޓަރުންނަކީ ސަރުކާރުގެ ޑިރެކްޓަރުން ނޫން ކަމަށް ވިދާޅުވި އެވެ. އަދި ދެ ޑިރެކްޓަރެއްގެ ނަން މިހާރު ވެސް ފޮނުވާފައިވާ ކަމަށް ވިދާޅުވި އެވެ.

އިއްޔެ ހިނގި ކަންކަން ބަލަން ޖެހޭ ކަމަށާ އެ މަސައްކަތް ފުލުހުން ކުރަން ފަށާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޔަގީންކަން ދެއްވީ ސިފައިންނާއި ފުލުހުންގެ މައްޗަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.

"މިއީ ރޭވިގެން ހިނގި ކަމެއް. އެ ކުރި ގޮތެއް ބެލުން ފުލުހުން އެ އޮތީ ފަށާފައި. ފުލުހުން ކުރާނީ ޕްރޮފެޝަނަލް މަސައްކަތް،"

ރައީސް ވިދާޅުވީ ރައްޔިތުންގެ ނިންމުން ބަދަލު ކުރުމަށް ކުރެވޭ މަސައްކަތާއި ދެކޮޅަށް ބާރުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ކުށްވެރިވަނީ ކޮންމެ މީހެއް ނަމަވެސް އެ މީހެއްގެ މައްސަލަ ބަލާ ޝަރީއަތަށް ފޮނުވާނެ ކަމަށެވެ. ވިދާޅުވީ ޝަރީއަތަށް ވެސް އެމަނިކުފާނު ނުފޫޒު ނުފޯރުވާނެ ކަމަށެވެ. ނޮވެންބަރު 17 އިން ފެށިގެން ޝަރީއަތްތަކަށް ނުފޫޒު ފޯރުވުން ހުއްޓިފައިވާ ކަމަށާ ރައީސް ޔާމީން މިނިވަން ވުމަކީ އެކަމުގެ ހެއްކެއް ވިދާޅުވި އެވެ.

"އެހެން ކަމާއެކު މިނިވަން ކަމާއެކު މި މައްސަލަ ބަލާ ހުކުމެއް މީހަކަށް އައިސިއްޔާ ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ނަން. އެއީ އަދުލުވެރި ކަމަކީ،" ކުށްވެރިވާ މީހުން ޖަލަށްލާ ހުކުމް ތަންފީޒު ކުރައްވާނެ ކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.