ރައީސްގެ ނިންމެވުމެއް: ފެނަކަ ކުންފުނި އެސްޓީއޯގެ ދަށަށް

ފެނަކަ އެސްޓީއޯގެ ދަށަށް ގެނައިއިރު އެ ކުންފުނީގެ ދަރަނި ވަނީ ބޮޑުވެފަ އެވެ. އެ ކުންފުނީގައި 2019 ވަނަ އަހަރު ހަވާލުކުރި ގިނަ މަޝްރޫއުތަކެއްވެސް ނުނިމި އެބަހުއްޓެވެ.

ސަރުކާރުގެ މައި ކުންފުނި އެސްޓީއޯގެ އޮފީސް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ފެނަކަ ކުންފުނީގެ 100 ޕަސެންޓް ހިއްސާ އެސްޓީއިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތީން މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރު ހަރުދަނާކުރުމަށާއި ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު ފެނަކަ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައެވެ.

އެގޮތުން މި ނިންމެވި ބަދަލު ގެނައުމަށްޓަކައި އެސްޓީއޯ ގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި އެސްޓީއޯ ގްރޫޕްގައި އަމަލުކުރަމުން އަންނަ ގޮތަށް ގަވަނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސްޓީއޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސްޓީއޯއަށް ދިނުމަށް ވަނީ ނިންމަވާފައެވެ.

ފެނަކަ، އެމްޑީ މުއާޒް މުޙައްމަދު ރަޝީދު --

ހަމައެއާއެކު ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރު އެސްޓީއޯ އަށް ދިނުމަށާއި މިކަން ކުރާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް ވީވަރަކުން މުވައްޒަފުން ވަކިނުކޮށް އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނެއެވެ.

އަދި މި މަރުހަލާ ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ފިނޭންސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީއޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށާއި މި ބަދަލާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށާއި މި ބަދަލު ގެނައުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގެންދަވައި، މި އަހަރުގެ ނިޔަލަށް އެސްޓީއޯ ގެ 100 ޕަސެންޓް ހިއްސާވާ ސަބްސިޑަރީ ކުންފުންޏަކަށް ފެނަކަ ބަދަލުކުރެއްވުމުގެ މަސައްކަތްތައް ނިންމުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ވަނީ ނިންމަވާފަ އެވެ.

ފެނަކައަކީ ރާއްޖޭގެ އިގްތިސޯދަށް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައިގެ އެއް ސަބަބެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކުންފުނި ހިންގި ގޮތުގެ ސަބަބުން އެތައް ބަޔަކަށް ފައިސާ ނުދެވި ކުންފުނި ވަނީ ދަރާފަ އެވެ. އަދި މި ކުންފުނީގައި ސަރުކާރު ކުންފުނިތަކަށް ދައްކަން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބަހުއްޓެވެ. މިދިޔަ އަހަރު ނިމުނުއިރު އެ ކުންފުނީގައި 7،132 މުވައްޒަފުން ތިއްބެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 6،543 އަށް މަދުވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.