ސަރުކާރުން ދޭންޖެހޭ ފައިސާގެ ބަދަލުގައި ބިމެއް ދޭން ނޫނީ ޓެކްސް އުނިކޮށް ދެނީ

ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސް ވަނީ ނިންމަވާފަ އެވެ.

ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލު ގައި ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ -- ހާއްސަ ކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ އިން އޮފްސެޓް ކުރުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމީ ގައުމުގެ ފިސްކަލް އަދި މަނިޓަރީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިއްޔެ ނިންމެވި ނިންމެވުމުގަ އެވެ.

މިނިސްޓަރު އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ނިންމި ނިންމުމުގައި  ސަރުކާރުން ކުންފުނިތަކަށް ދޭން ހުރި ފައިސާގެ ތަފްސީލާއި އެ ފައިސާ ދޭންހުރި ބޮޑެތި ވެންޑަރުންނަށް ދެވިދާނެ ހައްލުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ކަންކަމުގެ ތެރޭގައި ދައުލަތަށް ލިބޭ އާމްދަނީން މި ފައިސާ ދައްކާ ހަލާސް ކުރުން ހިމެނެ އެވެ. މިގޮތުން ކޮންމެ މަހަކު ވެންޑަރުންނަށް ދެއްކުމަށް ކަނޑައެޅޭ ފައިސާގެ އަދަދަށް ބަލައި، އެންމެ ގިނަ ދުވަސްވީ ބިލުތަކުގެ ތަރުތީބުން، ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވުމަށާ ކަނޑައެޅޭ ވަކި މިންވަރަކަށް ވުރެ ދަށުގެ ބިލުތަކަށް ފައިސާ ދައްކާނެ އަދަދެއް ކަނޑައަޅާ ދެބައި ވަކިން ބެލެހެއްޓުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން ދައުލަތުން ނުދެއްކި ހުރި ފައިސާގެ ބަދަލުގައި ވެންޑަރުންނަށް އިތުރު އާމްދަނީއެއް ލިބޭނެ ފަދަ ޓީ-ބޮންޑަކަށް އެ ފައިސާ ބަދަލުކުރުމުގެ ފުރުސަތު ދިނުމާއި، ބިމެއް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއި ވިޔަފާރިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ -- ހާއްސަކޮށް މީރާއަށް ޓެކުހުގެ ގޮތުގައި ދައްކަންޖޭ ފައިސާ އިން އޮފްސެޓް ކުރުމާއި އެކިއެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތައް ހިމެނޭ ގޮތަށް ޓާސްކްފޯހެއް އެކުލަވައިލާ އެ ފައިސާ ހޯދުމުގެ މަސައްކަތް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރެއްވުން ހިމެނެ އެވެ.

އަދި މިނިސްޓްރީ އޮފް ފިނޭންސުން ހުށަހެޅުއްވި ލޯނު އޮޕްޝަންތަކުގެ އިތުރަށްވެސް ކުރު މުއްދަތެއްގެ ތެރޭގައި ލޯނު ލިބޭނެ އިތުރު އޮޕްޝަންތައް ބައްލަވައި އެކަމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފަ އެވެ.

އިއްޔެގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކޮށް، ދިވެހި ރުފިޔާއަށް އޮންނަ ޑިމާންޑް މިހާރުން މިހާރަށް އިތުރުކުރެއްވުމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ވެސް ވަނީ ނިންމަވާފައެވެ. އެގޮތުން ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަވަން ޖެހޭ ބަދަލުތައް ގެންނެވުމަށް ފަހު ބޭރު ފައިސާ އިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރާ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ، އެމެރިކާ ޑޮލަރުން ނަގަން ފެށުމަށް ވަނީ ނިންމަވާފައެވެ. އަދި ބޭރު ފައިސާއިން ދޭ އުޖޫރައިން ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގެ ދަށުން ޕެންޝަން ކޮންޓްރިބިއުޝަން، އެމެރިކާ ޑޮލަރުން ނަގަން ފެށުމާއި ބޭރު ފައިސާ އިން އާމްދަނީ ލިބޭ ކުންފުނިތަކުގެ ކޯޕަރޭޓް އިންކަމް ޓެކްސް، އެމެރިކާ ޑޮލަރުން ދައްކާ ގޮތަށް ބަދަލު ކުރުމަށް ވެސް ވަނީ ނިންމަވާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.