ހަ މަސް ތެރޭ އަމިއްލަ ނަފުސަށް ގެއްލުން ދޭން އުޅުމުގެ 80 މައްސަލަ

ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަ ހުށަހަޅާފައިވެ އެވެ.

އަނިޔާގެ ޝިކާރައަކަށް ވެފައިވާކަން ދައްކައިދޭ ފޮޓޯއެއް --

ޖެންޑާ މިނިސްޓްރީ އަށް މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އަމިއްލަ ނަފުސަށް ގެއްލުންދޭން އެކި ގޮތް ގޮތަށް މަސައްކަތް ކުރުމުގެ 80 މައްސަލައެއް ހުަށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެ މިނިސްޓްރީއަށް 1341 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާއި އަންހެނުންނަށް ކުރާ އަނިޔާ އާއި، ހަޟާނާތާއި، ދަރިންގެ ހަރަދު ނުދިނުމާއި ދަރިންނާއި ބައްދަލު ނުވުމުގެ މައްސަލަތައްވެސް ހިމެނެ އެވެ.

މީގެ ތެރޭގައި ނަފުސާނީ މައްސަލަތަކުގެ ރިޕޯޓުވެސް ހިމެނެއެވެ. އެގޮތުން އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ 20 މައްސަލައާއި، އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 22 މައްސަލައާއި، އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ 38 މައްސަލަ އެމިނިސްޓްރި އަށް ވަނީ ހުށަހަޅާފަ އެވެ.

ފަހަކަށް އައިސް ނަފުސާނީ މައްސަލަތަކާއި އާއިލާތެރޭގައި އަޅާލުން ނުލިބި ނަފުސާނީވެ އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަ ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރިވެފައެވެ. އަދި އަމިއްލައަށް މަރުވާ ޒުވާނުންވެސް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މިއީ ފަރުވާ އާއި އާއިލާ އަދި ކަމާގުޅުންހުރި އިދާރާތަކުގެ އެހީ އާއެކު އަރައިިގަނެވިދާނެ ކަމެކެވެ. އެފަދަ މީހުންނާއި ކުދިންނަށް ބޭނުންވާނީ އެހެންމީހުންގެ އަޅާލުމާއި ލޯތްބާއި އޯގާތެރިކަމެވެ. އަދި ރަނގަޅަށް ބޭސްފަރުވާ އެވެ.

މީގެ އިތުރުން އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 589 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލެއް ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ މައްސަލަ ކަމަށްވެސް މިނިސްޓްރީން ހާމަކުރެ އެވެ.

އެގޮތުން މި ބާވަތުގެ 125 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އަދި ޖިސްމާނީ އަނިޔާގެ 119 މައްސަލައާއި ޖިންސީ ހާނިއްކައިގެ 119 މައްސަލަވަނީ ހުށަހަޅާފައެވެ. ހަމަމިއާއިއެކު، ނަފްސާނީ ހާނިއްކައިގެ 37 މައްސަލަ ހިމެނެއެވެ. އަދި އިހުމާލުގެ 111 މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 24 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން (ބްލެކްމެއިލް) ކުރުމުގެ 15 މައްސަލަ، ކުދިން ނަހަމަގޮތުގައި ބޭނުންކުރުމުގެ 10 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ފަސް މައްސަލަ ހިމެނެއެވެ. މިނޫންވެސް އެހެން ބާވަތުގެ އަނިޔާގެ 24 މައްސަލަ ހުށަހެޅި މި މައްސަލަތަކަށް އެޓެންޑު ކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި 108 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ސްކޫލަށް ދާން ބޭނުން ނުވުމުގެ 20 މައްސަލަ، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 24 މައްސަލަ، އަދި ގެއިން ނިކުމެގެން ދިއުމުގެ 23 މައްސަލަ، އަދި މިނޫންވެސް އެހެން ބާވަތުގެ 41 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.

ކުޑަކުދިންގެ ހައްގުތަކާއި ގުޅުންހުރި 26 މައްސަލައެއް ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ތައުލީމަށް ހުރަސްއެޅުމުގެހަތަރު މައްސަލަ، އައި.ޑީ ކާޑު / ޕާސްޕޯޓު / އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާބެހޭ 3 މައްސަލަ، އުފަންވުން ރަޖިސްޓްރީ ކުރުމާބެހޭ 4 މައްސަލަ އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 9 މައްސަލަ ހިމެނެއެވެ. އަދި ކުދިންނަށް ވެކްސިން ނުދިނުމުގެ 1 މައްސަލައާއި، ކަރަންޓު ހިދުމަތް ކަނޑާލުމުގެ 2 މައްސަލައާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަ ހިމެނެ އެވެ.

އާއިލާއާ ގުޅުންހުރި 166 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައިވާއިރު އޭގެތެރޭގައި ހިމެނެނީ ކުދިން ބެލުމުގައި ޖެހޭ 61 މައްސަލަ، ހަޟާނާގެ 36 މައްސަލަ، ދަރިންގެ ޚަރަދު ނުދިނުމުގެ 5 މައްސަލަ، އަދި ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލައިގެ 64 މައްސަލަ އެވެ.

އަންހެނުންނާއި ފިރިހެނުންނަށް ކުރާ އަނިޔާގެ 237 މައްސަލަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ހާނިއްކަ ކުރުމުގެ 19 މައްސަލައާއި، ޖިސްމާނީ އަނިޔާ ކުރުމުގެ 101 މައްސަލައާއި، ނަފްސާނީ އަނިޔާކުރުމާއި، އަނގަބަހުން ކުރެވޭ އަނިޔާގެ 80 މައްސަލައާއި، އިހުމާލުގެ 9 މައްސަލައާއި، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލައާއި، ޖިންސީ ފުރައްސާރަކުރުމުގެ 3 މައްސަލަ އެވެ.

މީގެ އިތުރުން، މާލީ އަދި އިގުތިސާދީ ފުދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލައާއި، މުދާ ހިފެހެއްޓުމާއި މުއްދަލަށް ގެއްލުންދިނުމުގެ 3 މައްސަލައާއި، ހިފެހެއްޓުމުގެ އަމަލުގެ 2 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 14 މައްސަލައިގެ އިތުރުން، ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 4 މައްސަލަވަނީ ހުށަހަޅާފަ އެވެ.

އަޅާލުމާއި ބެލެހެއްޓުމުގެ 116 މައްސަލަ ޖަނަވަރީ މަހުން ޖޫން މަހުގެ ނިޔަލަށް ވަނީ ހުށަހަޅާފައެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 94 މައްސަލައާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ބެލެހެއްޓުމުގެ 22 މައްސަލަ އެވެ.

އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ 7 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 2 މައްސަލައާއި، ފައިދާހުރި ކާނާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 3 މައްސަލައާއި، ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލައިގެ އިތުރުން، ސްކޫލާށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 1 މައްސަލަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.