ޑީބީއެމް އުފައްދަނީ ބޮޑެތި މަޝްރޫއުތަކަށް ފައިނޭންސް ކުރުމުގެ ގާބިލްކަން ރާއްޖޭގައި އުފެއްދުމަށެވެ. މި ބޭންކްއާއެކު ރިސޯޓު ތަރައްގީ ކުރުންފަދަ މަޝްރޫއުތަކަށް ރާއްޖެއިން އިންވެސްޓްމަންޓް ލިބެން ފަށާނެ އެވެ.
ބޮޑެތި މަޝްރޫއުތަކަށް ފައިނޭންސް ހޯދަން ރާއްޖޭގައި ހަދާ ބޭންކް، ޑިވްލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ އެންމެ އިސް ދެ މަގާމަށް މި ދާއިރާއިން ތައުލީމާއި ތަޖުރިބާ ހޯއްދަވާފައިވާ ބޭރުގެ ދެ މާހިރުން އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގައި ހެދި ފުރަތަމަ ޑިވްލޮޕްމަންޓް ބޭންކް ޑީބީއެމްއަށް އައްޔަންކުރެއްވި ބޭފުޅުންނާ ބައްދަލު ކުރައްވާފަ އެވެ.
ޑިވެލޮޕްޕްމަންޓު ބޭންކުގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް އެވެ. ޗެއާޕާސަންގެ މަގާމަށް އައްޔަންކުރީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކަ އެވެ. މި ދެބޭފުޅުންނަކީވެސް ދުނިޔޭގެ މާލީ އިދާރާތަކުގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅުންނެވެ.
ކުރީގެ އުމަރު ޝޮޕިން އާކޭޑް ހުރި ބިމުގައި ހަދާފައިވާ އެލައިޑް އިމާރާތުގައި ހުޅުވާ ޑީބީއެމްގެ ބޯޑަށް މެންބަރުން އައްތަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޑީބީއެމް ތިން ޑިރެކްޓަރުން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބޭރުގެ ދެ ބޭފުޅެކެވެ. ދިވެއްސެއްގެ ގޮތުގައި ބޯޑުގައި ހިމެނިވަޑައިގަންނަވާ މީރާ އާއި އެމްއެމްއޭގައި ވެސް މަސއްކަތް ކުރެއްވި އަހުމަދު އަލީ އެވެ. ދެން ހިމެނޭ ސިންގަފޫރު ބޭފުޅެއް ކަމަށްވާ ސައީދު އަބްދުއްނާސިރު ބިން ސައީދު ހަސަން އަލް ޖުނެއިދުގެ އިތުރުން އިނގިރޭސި ވިލާތުގެ ބޭފުޅެއް ކަމަށްވާ ރޮބާޓް ޑެނިއަލް ކާޓް އެވެ.
ޑީބީއެމް އުފައްދަނީ ރާއްޖޭގައި ހުރި ބޮޑެތި މަޝްރޫއުތައް ދިވެހިން އަމިއްލައަށް ނިންމުގެ މާލީ ގާބިލްކަން ހޯދުމަށެވެ. މިވަގުތުވެސް ރާއްޖޭގައި 60 އަށްވުރެ ގިނަ ރިސޯޓް ނުހެދި އެބައޮތެވެ. މި ބޭންކް އުފައްދަނީ ޕްރައިވެޓް ހިއްސާދާރުންގެ އެހީތެރިކަމާވެސް އެކުގަ އެވެ.