ނިމުނު އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންނަށް 73.2 މިލިއަން ރުފިޔާ ހޭދަކުރިއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދުވަނީ 69.2 މިލިއަނަށް ކުޑަކޮށްފަ އެވެ.
އަތޮޅު ތެރެއަށް ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ފެނަކަ ކުންފުނިން މުވައްޒަފުންނަށް ކުރާ ހަރަދު ހަތަރު މިލިއަން ރުފިޔާއިން ކުޑަކޮށްފި އެވެ.
ދައުލަތުގެ ކުންފުނިތަކުގެ ބަލަދުވެރި ފަރާތްކަމަށްވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އާންމުކޮށްފައިވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން ފެނަކައިގައި މި އަހަރުގެ ފުރަތަމަ ކުއާޓާގައި މަސައްކަތްކުރަމުން އައި މުވައްޒަފުންގެ އަދަދު ނިމުނު އަހަރުގެ ފަހު ކުއާޓާއަށްވުރެވަނީ މަދުކޮށްފަ އެވެ.
2023 ވަނަ އަހަރު ނިމުނުއިރު އެ ކުންފުނީގައި 7،132 މުވައްޒަފުން ތިއްބެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންގެ އަދަދުވަނީ 6،543 އަށް މަދުވެފަ އެވެ.
އެހެންކަމުން މި އަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ފެނަކައިގެ މުވައްޒަފުންގެ ތެރެއިން 589 މުވައްޒަފުންވަނީ މަދުކޮށްފަ އެވެ. އެ ދުވަސްވަރު ފެނަކައިގެ ވަޒީފާއަށް ކޮންޓްރެކްޓު އުސޫލުން ނަގާފައި ތިބި ގިނަ މުވައްޒަފުންތަކެއްގެ ކޮންޓްރެކްޓު މުއްދަތު ހަމަވުމާއެކު ކުންފުނީގެ މާލީ ހާލަތަށް ރިއާޔަތްކޮށް އެ މުވައްޒަފުން ކުރާނެ މަސައްކަތެއްވެސް ނެތުމާއެކު ކޮންޓުރެކްޓުތައް އާނުކުރަން ނިންމި އެވެ.
ކުންފުނީގެ މުވައްޒަފުންގެ އަދަދު މަދުކުރުމުގެ ސަބަބުން ކުންފުނިން މުވައްޒަފުންނަށް ކުރަމުން އައި ހަރަދުވެސް ވަރަށް ބޮޑަށްވަނީ މަދުވެފަ އެވެ. އެގޮތުން ނިމުނު އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުނީގެ މުވައްޒަފުންނަށް 73.2 މިލިއަން ރުފިޔާ ހޭދަކުރިއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދުވަނީ 69.2 މިލިއަނަށް ކުޑަކޮށްފަ އެވެ. އެއީ ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާގެ ކުޑަވުމެކެވެ.
ކުންފުނީގެ އާމްދަނީގެ ތެރެއިން މުވައްޒަފުންނަށް ކުރަމުން އައި ހަރަދުވެސްވަނީ ކުޑަކުރެވިފަ އެވެ. 2024 ވަނަ އަހަރުގެ ފަހު ކުއާޓާގައި ފެނަކައިގެ އާމްދަނީގެ 13 އިންސައްތަ ހަރަދުކުރީ މުވައްޒަފުންނަށެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ނިސްބަތްވަނީ 11 އިންސައްތައަށް ތިރިކޮށްފަ އެވެ.
އެއާއެކު ނިމުނު އަހަރުގެ ފަހު ދެ ކުއާޓާގައި ގެއްލުމުގައި ހިންގި ފެނަކައަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހަތަރު މިލިއަން ރުފިޔާގެ ފައިދާއެއް ލިބުނެވެ.