ބޭންކު ނިންމުން މާހަރުކަށި | މާލީ ބަގާވާތެއްގެ ސިފަހުރި

ބޭންކްއަށް ފޮރިން ކަރަންސީ ދަތިތަކެއް އެބަހުއްޓެވެ. އެކަމަކު ބޭރުގައި ތިބި ދިވެހިން ހާލުގަ ޖައްސަން އެވަތުގެ ފިޔަވަޅެއް އަޅާފާނެ ކަމަށް އެއްވެސް ދިވެއްސަކު އުންމީދެއް ނުކުރެ އެވެ.

މި ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހު ނަން ނުޖެހުމަށް އެދި ރާއްޖޭގެ ގައުމީ ބޭންކުން  އޮފިޝަލަކު ބައެއް މީޑިއާތަކާ ވާހަކަ ދައްކަމުން ދިޔަ އެވެ. ދެމުންދިޔަ މައުލޫމާތު ވަށައި ޖެހެނީ ރާއްޖެ އަށް އަންނަން އުޅޭ ތޫފާނެއްގެ ވައިގެ އަސަރެވެ. ތޫފާނުގެ ކުރިން އަންނަ ދުރާލާ އިންޒާރު ނުވަތަ "އާލީ ވޯނިންގް" އެއްގެ ގޮތުގައި ޕަބްލިކް ކައްކަމުން ދިޔައީ ކޮންމެ ގޮތެއްގައި ނަމަވެސް ބޭންކުން އާއްމުންނަށް ދޭ ޑޮލަރު މަދު ކުރަން އެބަ މަޖުބޫރުވެ އެވެ. ކާޑުތަކަށްދޭ ޑޮލަރުގެ ލިމިޓު ކުޑަކުރަން ޖެހެ އެވެ. އޭގެ އެއް ދުވަސް ފަހުން އެއް ރެއެއްގެ ދަންވަރު ނޫސްތަކުގެ ސުރުހީއަށް އެރީ ބޭންކުގެ އެންމެ ދުވަސްވީ އަންހެން ބޯޑު މެންބަރު ޕީސީބީން އަންގައިގެން މަގާމުން ވަކިކުރި ވާހަކަ އެވެ. އެ ބޯޑު މެންބަރު ސަރުކާރުން ވަކިކުރީ ބޭންކުން ގެންނަން އުޅޭ ބަދަލެއް ހުއްޓުވަން ކަމަށް ވެސް އޭގެފަހުން ވާހަކަ  ފެތުރިއެވެ. ޖެހިގެން އައި ދުވަހު އިރުއެރިތަނާ މުޅިރާއްޖެ ކެކެން ފެށި އެވެ. ބޭންކުން އެޅި ހަރުހަށި ފިޔަވަޅަކާއެކު ޒުވާނުންގެ ބޮޑުބައެއް ރުޅިގަދަވި އެވެ. ގިނަ ބައެއްގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ބޭނުން ކުރަން ދިވެހި ރުފިޔާ ކާޑަށް ދީފައިވާ 250 ޑޮލަރުގެ ލިމިޓު ސުމަކަށް ތިރި ކުރި އެވެ. ބޭރުގައި ބޭސް ފަރުވާ އާއި ކިޔަވަން އެތައް ހާސް ބަޔަކު ތިއްބައި އެމީހުންގެ ކާޑުގެ ލިމިޓް ސުމަކަށް ގެންދިޔަ އެވެ. ބޭންކުގެ އެންމެ ޕްރެސްޓީޖު "ގޯލްޑް" ކާޑުގެ ލިމިޓް 100 ޑޮލަރަށް ކުޑަކުރި އެވެ. 

މި ބަދަލާއެކު ރާއްޖޭން ބޭރުގައި ތިބި އެތައް ދަރިވަމުންނެއް "ޕެނިކް" މޯޑަށް ވެއްޓި ހާސްވެގެން ކޮޅުކޮޅު މައްޗަށް ދުވަސް ފެށި އެވެ. ބެލެނިވެރިން ހާސްކަމުގައި ޕްރެޝަރަށް ވެއްޓުނެވެ. އާއްމުން ސަރުކާރާމެދު ރުޅިގަދަވެ ކެކިއަރަން ފެށި އެވެ. ސޯޝަލް މީޑިއާގައި ސަރުކާރަށް ނަފުރަތުގެ ބަސްތައް އުކަން ފެށި އެވެ. ބޭންކުގެ މި ހަރުކަށި ފިޔަވަޅާއެކު ގިނަ ބަޔަކު ސުވާލު އުފައްދަން ފެށި އެވެ. 

ބޭރުގައި ކިޔަވަން ތިބި އެތައް ހާސް ކުދިންނެއް ހާލުގައި ޖައްސައި އާއްމުންގެ ދިރިއުޅުމުގެ ބޮޑު ބައެއް ހުއްޓިގެން ދިޔަ މި ފިޔަވަޅަކީ ހަމަ އަޅަން ޖެހިގެން އެޅި ފިޔަވަޅެއް ހެއްޔެވެ؟ އެ ނޫން އޮޕަޝަނެއް ނެތީ ހެއްޔެވެ؟ މި ހިސާބަށް މައްސަލަ ގޯސްވިއިރު ސަރުކާރާއި ބޭންކުން އެކަން ހައްލު ކުރަން މަސައްކަތް ނުކުރަނީ ހެއްޔެވެ؟ 

ބޭންކުގެ ގެނައި ބަދަލު އަނބުރާ ގެންދިއުމާއެކު ސަރުކާރުގެ ހަތަރު ވަޒީރުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވި ގޮތުގައި ބޭންކުގެ ނިންމުން އެގޮތުގައި ނުނިންމަން ރައީސް ޑރ. މުއިއްޒު ބޭންކަށް ލަދާ ދެއްވި އެވެ.

" [ ބޭންކު] ގެ އެ ނިންނުން އައިސްފައިވަނީ ރައީސްގެ ލަފާފުޅާ ކަނޑައެޅިގެން ލަފަޔާ ހިލާފަށް،" ސައީދު ވިދާޅުވި އެވެ. 

ބޭންކުގެ ނިންމުން ބަދަލު ކުރުމާއެކު ރައީސް އޮފީހުގައި ހަތަރު ވަޒީރުން މައުލޫމާތު ދެއްވަނީ -- ރައީސް އޮފީސް

ޒުވާނުން މަގުތަކަށް ނުކުންނާނެކަމުގެ ނިޝާންތައް ހުރި

ކާޑުގެ ލިމިޓް ދުއްވާލުމާއެކު ޒުވާނުން މަގު ތަކަށް ނުކުންނަން ތައްޔާރުވި އެވެ. އެކަން ސަރުކާރަށް ފުލުހުން ދިޔައީ އަންގަމުންނެވެ. ހާލަތުގެ ގޯސްވެގެން ދާނެކަމާއި މިއީ އެހާ ރަނގަޅު ހާލަތެއް ނޫންކަން ކިޔައި ދެމުން ދިޔަ އެވެ. މި ނިންމުން އައިއިރު މިކަމުގެ އަޑީގައި ފޮރުވިފައި އޮތް ސިޔާސީ "ކުޅިގަނޑެއް" އޮތްކަމުގެ ނިޝާންތަކެއްވެސް ފެންނަ ހުއްޓެވެ. އެކަން އާއްމުންގެ ބައެއް މީހުން ވެސް ފާހަގަކުރި އެވެ. ބޭންކުގެ މި ހަރުހަށި ނިންމުމާއެކު އެމްޑީޕީގެ އިސްވެރިން ވަގުތުން ނޫސްކޮންފަރެންސަކަށް އެރި އެވެ. ކުރީގެ ފިނޭންސް އިބްރާހިމް އަމީރު މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިސްނައިދޭން މަސައްކަތް ކުރީ މި ހާލަތަށް ދިޔައީ އިސްލާހީ ފިޔަވަޅުތައް ލަސްވެގެންނެވެ. ސަރުކާރަށް އިގްތިސޯދު މެނޭޖު ކުރަން ނޭންގުމާއި ބޭންކްއަށް އަތްބާނަން އުޅޭތީ އެވެ. އެކަމަކު ސުވާލަކީ އަމީރު ފިނޭންސް މިނިސްޓަރުކަމުގައި މާލި އިސްލާހީ ފިޔަވަޅުތަކެއްގެ އަޑު އެހި ރައްޔިތަކު އެބަހުރި ހެއްޔެވެ؟ މަޖިލީހުގެ ފުލް މެޖޯރިޓީ އޮތްއިރު އާސަންދަ އިސްލާހު ނުކުރީ ކީއްވެގެން ހެއްޔެވެ ؟ ފެނަކަ ބޮއްސުންލައިގެން ގޮސް 4 ބިލިއަނުން ދައުލަތް ދަރައިގެން ދިޔައިރު ފިނޭންސް މެނޭޖު ކުރުމުގައި އަމީރު ކުރެއްވީ ކޮން ކަމެއް ހެއްޔެވެ ؟ 

ބޭންކުން އެޅި ފިޔަވަޅުތައް ކުރުކޮށް

  • ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން

ރައީސްގެ އިސްނެގުމާއެކު އަވަސް ފިޔަވަޅުތަކެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު

ހާލަތުގެ ނާޒުކުކަމާއެކު ސަރުކާރުން އަވަސްވެގަތީ ބޭންކުގެ ނިންމުން "ރިވައިސް" ކުރެވޭނެ އޮޕްޝަނެއް ހޯދާށެވެ. ބޭންކުން ނިންމި ނިންމުން އައިސްފައިވަނީ އެ ބޭންކް އަށް ހުރި ދަތިތަކާވެސް ގުޅިގެންނެވެ. އެހެންވެ ރައީސް ޑރ. މުއިއްޒު އިސްވެ ހުންނަވައި މަސައްކަތް ފެއްޓެފި އެވެ. މިކަމުގައި އޮތް ހަމައެކަނި އޮޕްޝަނަކީ ވާހަކަ ދައްކައިގެން ހައްލު ހޯދުމެވެ. ކުންފުނިތަކަކީ ގާނޫނުތަކާއި ގަވައިދުތަކެއްގެ މައްޗަށް ހިންގަމުންދާ ތަންތަނަށްވާނީ އެ ގާނޫނެއް "ބައިޕާސް" ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތްކަމަށް ސަރުކާރަށް އެނގެ އެވެ. 

މިނިސްޓަރު ސައީދު ވިދާޅުވި ގޮތުގައި ބޭންކުގެ ނިންމުން ބަދަލު ކުރަން ރައީސް ޑރ. މުއިއްޒު އާއި ފިނޭންސް މިނިސްޓަރު އަދި ގަވަރުނަރު ވެސް އެ ކުންފުނީގެ ބޯޑާއި ސީއީއޯއާ ވާހަކަ ދެއްކި އެވެ. މިކަމުގެ ހައްލު ލިބިފައިވަނީ އެ ވާހަކަތަކުގެ ސަބަބުންނެވެ. 

ހަގީގަތަކީ ބޭންކުގެ ފޮރިން ކަރަންސީ ހާލަތު އޮތީ ރަނގަޅަށް ނޫނެވެ. މި ހާލަތަށް އިގްތިސޯދާއި ބޭންކް ވެއްޓިގެން ގޮސްފައިވަނީ އެމްޑީޕީން ފައިސާ ޗާޕު ކުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. 

މި ހާލަތަށް ދިޔަ އެއް ސަބަބު - ކޮވިޑް 19 އަށްފަހު ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ބޭންކިން ނިޒާމުގައި ރުފިޔާ ސާޕްލަސް ލިކުއިޑިޓީ އިތުރުވުމެވެ. ފާއިތުވި ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާ ހުއްޓެވެ. މީގެ ތެރެއިން ބޮޑު ބައެއް ހިއްސާ ކުރަނީ ބީއެމްއެލްއެވެ. ސަޕްލަސް ލިކުއިޑިޓީގެ ބޮޑު ބައެއް ޕާސަނަލް ލޯނުގެ ގޮތުގައި ބޭންކު ތަކުން ދޫކޮށްފައިވެ އެވެ. ބޭންކިން ނިޒާމުގެ ތެރެއިން ދޫކޮށްފައިވާ ޕާސަނަލް ލޯނުގެ މިންވަރު 2019 ވަނަ އަހަރު ނިމުނު ހުރީ 2.9 ބިލިއަން ރުފިޔާގައެވެ. މިއަދަދު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ހުރީ 6.6 ބިލިއަން ރުފިޔާގަ އެވެ. މިއީ ކާޑުގެ މުއާމަލާތްތައް މި މުއްދަތުގެ ތެރޭގައި އިތުރުވުމަށް ދިމާވި ސަބަބެވެ.

ހާލަތު އޮތީ ގޯސްކޮށެވެ. މި މައްސަލަ ގޯސްވަމުންދާކަމުގެ އެލާމިން ނިޝާން ތަކެއް އިއްޔެގެ ނިޔަލަށް ވެސް ފެންނަމުން ދިޔަ އެވެ. އެކަމަކު ބޭރުގައި ކިޔަވަން ތިބި ދަރިވަރުން ހާލަތުގައި ޖައްސައި ރާއްޖެ ހުއްޓުވާލާނެ ފަދަ ފިޔަވަޅެއް ދިވެހިންގެ ބޭންކުން އަޅާފާނެ ކަމަށް އެއްވެސް ދިވެއްސަކު ލަފާ ވެސް ނުކުރެ އެވެ. 

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އިއްޔެ ބޭއްވި ނޫސް ކޮންފަރެންސުގައި ބޭންކްއަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރަން ބޭންކާއެކު މަަޝްވަރާ ކުރަމުން ދިޔަ ތާރީހުތައް ވިދާޅުވެއް ދެއްވާފަ އެވެ. ބޭންކާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މަޝްވަރާތައް ދިޔަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ހިއްސާދާރުންނާއެކު ސަރުކާރުން މަސައްކަތް ފެށުން

ބޮޑު ހާޖާނުގަނޑެއްގެ 12 ވަރަކަށް ގަޑިއިރަށްފަހު މިވަގުތު ހަމަހިމޭންކޮށް އޮތަސް ބޭންކުގެ ހާލަތު މުޅިއަކުން ރަނގަޅެއް ނޫނެވެ. ބޭންކު ކިތަންމެ ބޮޑު ފައިދާއެއް ނެރުނަސް ބޭންކްއަށް ވިއްކޭނީ ލިބޭ ޑޮލަރެވެ. 

ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި ގޮތުގައި ބޭންކަށް މި އަހަރުގެ މިހާތަނަށް ކަސްޓަމަރުންގެ ފަރާތުން ލިބިފައިވަނީ 60 މިލިއަން ޑޮލަރު ކަމަށާ، އެކަމަކު މި އަހަރު ކާޑުތަކުން ކުރި މުއާމަލާތް ތިންގުނަ އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުނެވެ. އަދި ބޭންކުން ތަކުރާރުކޮށް ބުނަމުން ދިޔަ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެކެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓް ދަށް،" ސީއީއޯ ވިދާޅުވި އެވެ.

އެހެންވެ ސަރުކާރުން ވަނީ މި މައްސަލަ ހައްލު ކުރަން މަސައްކަތް ފަށާފަ އެވެ. 

މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ބޭރުގައި ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ނުލިބުމާއި ކުދި ވިޔަފާރިތަކަށް ދަތިވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ބޭންކުން ގެނައި ބަދަލާއެކު މި ފަރާތްތަކަށް ދަތިވެގެން ދިޔަ ކަމަށާ، ނަމަވެސް ބޭންކްއާއެކު ކުރި މަޝްވަރާތަކާއެކު ބަދަލު ގެނެސްފައިވާ ކަމަށެވެ.

"އެހެންވެ ރައީސް ބީއެމްއެލްގެ ސީއީއޯއާ ވާހަކަ ދެއްކެވި، ފިނޭންސް މިނިސްޓަރާއި ގަވަރުނަރު ވެސް މަޝްވަރާ ކުރެއްވި، އަދި ބޭންކުގެ ޕްރައިވެޓް ޝެއާ ހޯލްޑަރުން ކަމަށްވާ ޗަމްޕާ ހުސެއިން އަފީފު އާއި ޗަމްޕާ މުހައްމަދު މޫސާ [އުއްޗު] ވެސް މަޝްވަރާ ކުރި. އެކަމާއެކު ބޭންކް ސަވައި ކުރަން ކުރަން ޖެހޭ ހުރިހާ ކަންތައްތަކެއް ކުރާނެ،" ސައީދު ވިދާޅުވި އެވެ.  

މިއަދު ވެސް ކުރަން ޖެހެނީ އިއްޔެ ކުރި ސުވާލެވެ. ބޭންކުން ހަމަ އެޅި ފިޔަވަޅަކީ އަޅަން ޖެހުނު ފިޔަވަޅެއް ހެއްޔެވެ؟ ނޫނީ އެކަމަކީ އަޑި ފޮރުވިގެން ދިޔަ މާލީ ބަގާވާތެއްގެ އަޑީގައި ފޮރުވިގެން ދިޔަ ކަމެއް ހެއްޔެވެ؟ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.