މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރެއް ގައި ސިޔާސީ މަގާމުތަކުގެ އަދަދު ނެތް މިންވަރަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރު ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ އެންމެ ސިޔާސީ މަގާމުތައް ގިނަ ސަރުކާރެވެ. މިހާތަނަށް އުފެދުނު އެއްވެސް ސަރުކާރެއް ގައި ސިޔާސީ މަގާމުތަކުގެ އަދަދު ނެތް މިންވަރަށް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު އިތުރެވެ.
ސިޔާސީ މަގާމުތަކުގެ އަދަދު ޔަގީން ކުުރުމަށް ފަހު ހާމަ ކުރާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ނަމަވެސް މިހާތަނަށް އެ މައުލޫމާތު ހާމައެއް ނުކުރެ އެވެ. ދާދި ފަހުން މަޖިލީހުގެ ކޮމެޓީއެއް ގައި މެންބަރުން ވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގަށް ވެސް އެ ސުވާލު އަމާޒު ކުރައްވާފަ އެވެ.
އެ ދުވަހު މިނިސްޓަރު ވިދާޅުވީ އެވަގުތު އެ މަައުލޫމާތު އަތްޕުޅުގައި ނެތް ކަމަށެވެ. އެ މައުލޫމާތު ސާފު ކުރުމަށް ފަހު ހިއްސާ ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބީއެމްއެލް އިން މިއަދު އެޅި ކުއްލި ފިޔަވަޅާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ވަޒީރުން ބައިވެރިވެވަޑައިގެން ކުއްލި ނޫސްވެރީންގެ ބައްދަލްވުމެއް ބާއްވާފަ އެވެ. ނޫސްވެރީންގެ ބައްދަލްވުމުގައި ސިޔާސީ މަގާމުތަކުގެ އަދަދާއި ގުޅޭގޮތުން ވަނީ ސުވާލު ކޮށްފަ އެވެ.
މިނިސްޓަރު ޝަފީގު ވިދާޅުވީ ސަރުކާރުން ބޭނުން ވަނީ އެކަމުގެ ފުރިހަމަ މައުލޫމާތު ދޭން ކަމަށެވެ. ނަމަވެސް އެ މައުލޫމާތެއް މިއަދުވެސް ނުދެއްވި އެވެ. ނަމަވެސް މިނިސްޓަރުގެ ވާހަކަފުޅުން މި ސަރުކާރުގައި ސިޔާސީ މަގާމުތައް ވަރަށް ގިނަ ކަން ދޭހަވެ އެވެ. ވިދާޅުވީ ސިޔާސީ މަގާމުތައް އިތުރުވެ ގިނަވުމުގެ ސިއްރު ވިދާޅުވެ ދެއްވާނެ ކަމަށެވެ. އެ ކަމުގެ ފުރިހަމަ މައުލޫމާތު ދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ މަހުން މަހަށް ބޮޑެތި މުސާރަ ލިބިވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެން ކަމުން ސަރުކާރަށް ނުވަ މަސް ދުވަސް ވެގެންދިޔައިރު ސިޔާސީ މީހުންގެ އަދަދު ސާފު ނުކޮށްދެވި އޮތް އޮތުމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. މި ސަރުކާރުގައި ސަސްޕެންޑްކޮށް ވަޒީފާގެ މަސްއޫލިއްޔަތެއް ނެތި މުސާރަ ނަގާ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. ބައެއް ބޭފުޅުން އެ ގޮތަށް މުސާރަ ނަންގަވާތާ އެތައް މަހެއް ވެއްޖެ އެވެ.