ބެންކުން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ 25 އޯގަސްޓް ގައި އިއުލާން ކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެސްފައި ކަމަށެވެ.
ބީއެމްއެލް ކާޑުން ރާއްޖޭން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް މިއަދުން ފެށިގެން ބަދަލު ގެންނަން ނިންމި ނިންމުން ބަދަލުކޮށްފި އެވެ.
މި ނިންމުން ނިންމީ ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތްކުރެވޭ ލިމިޓަށް އެ ބޭންކުން މިއަދު ގެނައި ބަދަލު މުރާޖައާކުރުމަށް ބޭންކުގެ ބޯޑު ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލްވުމަށް ފަހު ބެންކުން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ 25 އޯގަސްޓް ގައި އިއުލާން ކުރި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރެވޭ ލިމިޓްތަކަށް ގެނެވުނު ބަދަލުތައް ބޭންކުގެ ރެގިއުލޭޓާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދަށް ބަލައި މިހާރު ވަނީ އަނބުރާ ގެނެސްފައި ކަމަށެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދުން ފެށިގެން ގެނައި ބަދަލާއެކު ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.
ކުރިން އޮތް ގޮތުންނަމަ ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަވެސް 250 ޑޮލަރުގެ މިންވަރަށް ވިޔަފާރި ކުރެވެ އެވެ.
ބީއެމްއެލް އިން ކުރީން ބުނީ މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރާނެ ކަމަށެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ.
ބޭންކުން ވަނީ މީގެ ކުރިން ވެސް މި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ބޭންކުން ނުރަސްމީކޮށް މި ވާހަކަތައް އެކި ސިފަ ސިފާގައި ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. މި ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބޭންކް އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމެވެ.
ނަމަވެސް މި ނިންމުން ގެނައިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެކަންކަން އުވާލީ ދިވެހި ރައްޔިތުން ރުޅިވެރިކަމާއި ކަންބޮޑުވުމާ އެކު ތެދުވެ ސަރުކާރަށް ފާޑުކިޔުން އޮއްސާލުމުންނެވެ. މިހާރު އޮތް ރައީސް މުއިއްޒުގެ ސަރުކާރަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކާޑު ލިމިޓް މުޅީން އުވާލާނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައިސް އޮތް ސަރުކާރެކެވެ.
އިގްތިސާދީ ހާލަތާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށާ އިގްތިސާދު މެނޭޖުކޮށް ޑޮލަރުގެ ކާޑު ލިމިޑް އުވާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ކެމްޕެއިންގެ އެތައް ރެލީއެއްގައި ރައީސް މުއިއްޒު ވެސް ވިދާޅުވި އެވެ. އޭރު ވެސް ގިނަ ބަޔަކު ވަނީ މުއިއްޒު އެ ވާހަކަފުޅުތައް ދެއްކެވީ އެއްވެސް ދިރާސާ ކުރުމެއް ނެތި ކަމަށް ބުނެފަ އެވެ.