ޑޮލަރުގެ މުއާމަލާތްތައް މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ: އަޒާން

"މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެ. އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަ ‏ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން. ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން،"

ކޮންގެރެސްގެ މަޖިލިސް މެންބަރު އަހުމަދު އަޒާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެން) އިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްއިން ވަނީ މިއަދުން ފެށިގެން ދިވެހި ރުފިޔާގެ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުކޮށްފަ އެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.

މިކަމާ ގުޅިގެން އާންމުން ފާޑުކިޔަން ފެށުމުން އަޒާން ކުރެއްވި ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި، އެކަން ހިނގައި ދިޔަ ގޮތް ސާފުކޮށްދެއްވާފަ އެވެ.

"ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ. ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ. މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެ. އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަ ‏ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން. ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުން،" އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ މަރުކަޒީ ބޭންކު، އެމްއެމްއޭއަށް ވަންނަ ޑޮލަރުން ބޭރުގެ ދަރަނި ދެއްކުމާއި ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމުގެ އިތުރުން ބޭންކުތަކަށް ޑޮލަރު ދޫކުރާ ކަމަށެވެ. މިކަންކުރާއިރު، އޮގަސްޓް/ސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި ދައްކަން ޖެހޭ ދެ މަސް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

‏"ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށް. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީވެސް ބޭންކުތަކުން،" އަޒާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު، މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ. މިއަހަރުގެ ނޮވެމްބަރު މަހުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް

1
450
އިމުރާނު
3 weeks ago

ރިސޯޓުތަކުގެ ކުލި ޑޮލަރުން ނަގަމުން އައިސްފަ އެ 15.42ގެ ރޭޓުން ރުފިޔާއިން ނަގަން ބަދަލުކުރީ -- ކުރަން؟

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.