ނަން ހާމަނުކުރުން ޝަރުތުކޮށް "މިރާ"އަށް މައުލޫމާތު ދެއްވި ގޮތުގައި ބީއެމްއެލްގެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވަނީ ބީއެމްއެލް ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތު ނުކުރެވޭ ގޮތް ހެދުމާ ގުޅިގެން
ބީއެމްއެލްގެ ކާޑުތަކުން ޑޮލަރު މުއާމަލާތްކުރެވޭ ލިމިޓަށް އެ ބޭންކުން މިއަދު ގެނައި ބަދަލު މުރާޖައާކުރުމަށް ބޭންކުގެ ބޯޑު ބައްދަލުވުމެއް މެންދުރުފަހު 1:30 ގައި ބާއްވަން ހަމަޖެހިއްޖެ އެވެ.
މިކާ ގުޅޭ މައުލޫމާތު ލިބިފައިވާ ބޭފުޅަކު ނަން ހާމަނުކުރުން ޝަރުތުކޮށް "މިރާ"އަށް މައުލޫމާތު ދެއްވި ގޮތުގައި ބީއެމްއެލްގެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބާއްވަން ނިންމާފައިވަނީ ބީއެމްއެލް ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ޑޮލަރުގެ މުއާމަލާތްތައް ނުކުރެވޭ ގޮތަށް ވަގުތީ ގޮތުން އެ ބޭންކުން ނިންމުމާ ގުޅިގެންނެވެ.
އެ ބޭފުޅާ ވިދާޅުވި ގޮތުގައި ބޯޑުގެ މިއަދުގެ ބައްދަލުވުމުގައި ޑޮލަރު މުއާމަލާތާ ގުޅިގެން ބޭންކުން ނިންމާފައިވާ ނިންމުން މުރާޖައާކުރާނެ އެވެ. އަދި އެ ނިންމުން މުރާޖައާކޮށް ޑޮލަރުގެ މުއާމަލާތާ ގުޅޭ ލިމިޓުތަކަށް އެހެން ބަދަލުތަކެއް ގެނައުމަށް ބޯޑުން ނިންމާނެ އެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަދު ކުއްލި ގޮތަކަށް ދިވެހި ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމާ ގުޅިގެން ބޭންކުގެ ބޯޑުގެ ބައެއް މެންބަރުން ތިއްބެވީ ސީއީއޯއާމެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްއިން މިއަދުން ފެށިގެން ގެނައި މި ބަދަލާއެކު ޑެބިޓް ކާޑުގެ ލިމިޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ. މާނައަކީ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ކުރުން ބަންދުވުމެވެ. މި ބަދަލާއެކު މިއަދުން ފެށިގެން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ޕްރައިމަރީ އެކައުންޓަކީ ދިވެހި ރުފިޔާ އެކައުންޓެއްނަމަ ބޭރު ފައިސާގެ މުއާމަލާތް ކުރަން އެއްވެސް އަދަދެއް ނުލިބޭނެ އެވެ.
ކުރިން އޮތް ގޮތުންނަމަ ދިވެހި ރުފިޔާ އެކައުންޓަކީ ޕްރައިމަރީ އެކައުންޓެއްނަމަވެސް 250 ޑޮލަރުގެ މިންވަރަށް ވިޔަފާރި ކުރެވެ އެވެ.
ބީއެމްއެލް އިން ބުނީ މި ބަދަލުގެ އިތުރުން މިހާރު ދޫކުރާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށް ކުރާނެ އެވެ. ކުރިން ބޭރުގައި 750 ޑޮލަރު ބޭނުން ކުރެވެ އެވެ.
ބޭންކުން ވަނީ މީގެ ކުރިން ވެސް މި ބަދަލު ގެންނަން ޖެހިދާނެ ކަމަށް ބުނެފަ އެވެ. އަދި އެ ބޭންކުން ނުރަސްމީކޮށް މި ވާހަކަތައް އެކި ސިފަ ސިފާގައި ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވެ އެވެ. މި ބަދަލު ގެންނަން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ބޭންކް އަށް ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމެވެ.