އިތުރަށް ވިދާޅުވީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކޮށް ހަމައެކަނި ސަބްސިޑީ ރިފޯމް ލަސްކުރުމުން 1.8 ބިލިއަން ރުފިޔާ ދައުލަތަށް ހޯދަންޖެހޭނެ ކަމަށެވެ. އަދި އިސްލާހީ ފިޔަވަޅު ލަސްވުމަކީ ފައިނޭންސިން ގެޕް ވެސް ބޮޑުވެގެންދާ ކަމެއް ކަމަށެވެ.
މި ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން ރާޢްޖޭގެ މާލީ ހާލަތު ފެއިލްވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
އެމްޑިޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ ރަސްމީ ރިޒާވް މިއިން ދުވަހަކުވެސް ދަށްނުވާ ވަރަށް ދަށްވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ނާގާބިލް ކަމުގެ ސަބަބުން މާލީހާލަތު ފެއިލްވެ، ކަށިޔާރުވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށެވެ.
"މިދިޔަ ފަސް އަހަރުތެރޭގައި ވެސް ރާއްޖޭގެ އިގުތިސޯދީ ހާލަތު ނުވެއްޓޭހާ ދަށަށް ވެއްޓިފަ މިއޮތީ. މި ދެންނެވީ ރަޝިޔާ ހަނގުރާމަ، އަދި ކޮވިޑު-19 ފަދަ ބޮޑެތި ހާލަތްތަކުގައި ވެސް މި ވަރަށް އިގުތިސޯދު ދަށްނުވޭ. މިއީ ނާގާބިލް ކަމުން ހިންގަން ނޭނގުމުގެ ސަބަބުން ދިމާވާ ކަންކަން. މިއީ ކަންބޮޑުވާން ޖެހޭފަދަ ހާލަތެއް،" އޭނާ ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ވެރިކަން ނިންމައި ހަވާލުކުރީ ރާޢްޖޭގެ އިގުތިސޯދީ ހާލަތު ކުރިއަށްވުރެ ރަނގަޅު ކުރުމަށްފަހު ކަމަށެވެ. އަދި ދަރަނިތައް ނަގައިގެންވެސް އިގުތިސާދު ދަށްނުވެ ހިފެހެއްޓި ކަމަށެވެ.
އަމީރު ވިދާޅުވީ މިދިޔަ ސަރުކާރުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން ހަ ޕަސެންޓަށް އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރި ކަމަށާއި، އެގޮތުން ހަރަދުން ތިން ބިލިއަން ރުފިޔާ ކުޑަކުރަން ވެސް ނިންމި ކަމަށެވެ. އެކަމަކު އެކަމުގެވެސް ކްރެޑިޓު މި ސަރުކާރުން ނަގަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ފިސްކަލް ރިފޯމް ޕްލޭނާއި އެއްގޮތަށް އާސަންދަ ރިފޯމްކޮށް، އާ ސަބްސިޑީގެ ނިޒާމެއް ގެނެސް، ސަރުކާރުގެ ކުންފުނިތައް އިސްލާހުކުރުން ފަދަ ކަންކަން ކުރުމަށް އަޅުގަނޑުމެން މިދިޔަ އެމްޑީޕީ ސަރުކާރުގައި ވާނީ ހިމަނާފައި. އެހެންވީމަ އެ ސިޔާސަތު މި ސަރުކާރުންވެސް ދަމަހައްޓަން ޖެހޭނެ." އޭނާ ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކޮށް ހަމައެކަނި ސަބްސިޑީ ރިފޯމް ލަސްކުރުމުން 1.8 ބިލިއަން ރުފިޔާ ދައުލަތަށް ހޯދަންޖެހޭނެ ކަމަށެވެ. އަދި އިސްލާހީ ފިޔަވަޅު ލަސްވުމަކީ ފައިނޭންސިން ގެޕް ވެސް ބޮޑުވެގެންދާ ކަމެއް ކަމަށެވެ. އަދި މާލީ ގޮތުން ފިޔަވަޅު ނާޅައި ލަސްވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު މާލީ ހާލަތަށް ކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.