އެކައުންޓުގައި ޑޮލަރު ބަހައްޓައިގެން ކާޑުން މުއާމަލާތް ކުރެވޭނެ : ސީއީއޯ

ސީއީއޯ ވިދާޅުވީ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ވިޔަފާރި ކުރެވޭނެ އެވެ.

ބީއެމްއެލް ސީއީއޯ ކާލް ސްޓުމްކަ -- ބީއެމްއެލް

އެކައުންޓުގައި ޑޮލަރު ހުރިނަމަވެސް ކުރިއެކޭ އެއްގޮތަށް ބީއެމްއެލްގެ ކްރެޑިޓް ކާޑާއި ޑޮލަރު ކާޑުން މުއާމަލާތް ކުރެވޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ. 

ކާޑުގެ ލިމިޓަށް ބަދަލު ގެނައި ސަބަބު ސާފުކޮށްދިނުމުގެ ގޮތުން ސީއީއޯ އެންޑް މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް އިން ދޫކޮށްފައިވާ ޑޮލަރު ކްރެޑިޓް ކާޑުންނާއި ޑެބިޓް ކާޑެއް ބޭނުންކޮށްގެން ޑޮލަރު އެކައުންޓުން ކުރިއެކޭ އެއްގޮތަށް އެކައުންޓްގައި ޑޮލަރު ހުރި މިންވަރަކަށް ކަސްޓަމަރުންނަށް މުއާމަލާތްތައް ކުރެވޭނެ ކަމަށެވެ.

"މަހުން މަހަށް ކެނޑޭ ބޭރުގެ މުއާމަލާތްތައް މެދު ނުކެނޑި ހިންގުމަށްޓަކައި ކަސްޓަމަރުންގެ ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ޑޮލަރު އެކައުންޓަށް ބަދަލުކުރުމަށް އިލްތިމާސްކުރަން،" ކާލްސް ވިދާޅުވި އެވެ.

ބީއެމްއެލް އިން ދަނީ ޑޮލަރު މުއާމަލާތް ކުރަން ޑޮލަރު ކާޑެއް ދޫކުރަމުންނެވެ. އަދި ކާޑު ޑޮލަރު އެކައުންޓަށް ލިންގްކޮށްގެން ދުވާލަކު 3،000 ޑޮލަރުގެ މުއާމަލާތް ކުރަން ފުރުސަތު އޮވެ އެވެ. 

ބީއެމްއެލްގައި އެކައުންޓެއް ހުޅުވަން ފަސޭހަވާނެ

އޭނާ ވިދާޅުވީ ބީއެމްއެލްގައި އެކައުންޓެއް ހުޅުވުމަކީ ފަސޭހަ ކަމެއް ބްރާންޗަކަށް ޒިޔާރަތް ނުކޮށް ކަސްޓަމަރުންނަށް އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިން މެދުވެރިކޮށް ވަގުތުން ޔޫއެސްޑީ އެކައުންޓެއް ހުޅުވޭނެ ކަމަށެވެ.

"ބޭންކުން މިއަދު ގެނެވުނު ބަދަލަކީ ކަސްޓަމަރުންނަށް ނުހަނު ބޮޑު އަސަރެއްކުރާނެ ބަދަލެއްކަން އަޅުގަނޑު ގަބޫލުކުރާ ހިނދު މިއީ މުހިންމު އިގްތިސާދީ ހަރަކާތްތަކަށް ބޭނުންވާ ބޭރު ފައިސާ މެދު ނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިވަގުތުގެ ހާލަތަށް ބަލައި ބޭންކުން ކޮންމެހެން އަޅަންޖެހުނު ފިޔަވަޅެއް،" ސީއީއޯ ވިދާޅުވި އެވެ.

ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް

  • ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
  • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ
  • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން

ލިބުނީ 60 މިލިއަން ޑޮލަރު، ކާޑު ހޭދަ ތިންގުނަ މަތި

ސީއީއޯ ވިދާޅުވީ ބޭންކަށް މި އަހަރުގެ މިހާތަނަށް ކަސްޓަމަރުންގެ ފަރާތުން ލިބިފައިވަނީ 60 މިލިއަން ޑޮލަރު ކަމަށާ، އެކަމަކު މި އަހަރު ކާޑުތަކުން ކުރި މުއާމަލާތް ތިންގުނަ އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ. މިވޭތުވެ ދިޔަ އަހަރެއްހާ ދުވަހު ބޭންކުން އައީ ކާޑުން ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތަކުގެ އަދަދު ނުހަނު ގާތުން ބަލަމުނެވެ. އަދި ބޭންކުން ތަކުރާރުކޮށް ބުނަމުން ދިޔަ ފަދައިން ބޭންކަށް ވިއްކޭނީ ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާއެކެވެ.

"ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމަކީ ވިޔަފާރިތަކަށް ބޭންކުން ދޫކުރާ ބޭރު ފައިސާގެ އަދަދު ނުހަނު ބޮޑު މިންވަރަކަށް ދަށްވެގެންދާ ކަމެއް. ތަފާސްހިސާބަށް ބަލާއިރު ކާޑުތައް ބޭނުންކޮށްގެން މައިގަނޑުކޮށް ކުރާ ދަތުރުތަކާއި އޮންލައިން ވިޔާފާރިތަކަށް ވުރެ އިގްތިސާދީ މުހިންމު ހަރަކާތްތަކަށް ބޭންކުން ހޭދަކުރާ ބޭރު ފައިސާގެ މިންވަރު 75 ޕަސެންޓް ދަށް،" ސީއީއޯ ވިދާޅުވި އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.