ހަތް މީހުންގެ މައްޗަށް ޝަމީމް މަރާލަން އުޅުނު ކަމުގެ ދައުވާ

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި މި ހަތް މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނު ހަރިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ދައުވާ ކުރި ހަތް މީހުން --

ޕްރޮސެކިއުޓަރު ޖެނެރަލްގެ މަގާމުގައި ކުރީން ހުންނެވި ހުސައިން ޝަމީމަށް ހަމަލާ ދިން މައްސަލައިގައި ބަންދުކޮށްފައިވާ ހަތް މީހުންނަށް ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފި އެވެ.

މިދިޔަ ޖެނުވަރީ މަހުގެ 31 ވަނަ ދުވަހު ހެނދުނު ކަސްރަތަށް ނުކުމެ އުޅުއްވަނިކޮށް ސައިކަލެއްގައި އައި ދެ މީހަކު ވަނީ މަރުތޭލަކުން ޝަމީމަށް ހަމަލާ ދީފަ އެވެ. ހަމަލާ އަމާޒުވީ ޝަމީމްގެ އަތަށެވެ. އެ ހަމަލާއާ ގުޅިގެން ޝަމީމްގެ އަތުގެ ކަށިގަނޑުގައި ވަނީ ރެނދެއް އަޅާފަ އެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ ހަތް މީހެއްގެ މައްޗަށެވެ. އެއީ؛

  • ރ. އަލިފުށި، ރިވެލި، މިދުހަތު އާދަމް
  • ލ. ގަން، ތުނޑި، ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން
  • ދަފްތަރު ނަންބަރު ދރ 2247، އަޙްމަދު މައިސާން ހާޝިމް
  • ލ. މާމެންދޫ، މުރިނގު، ރަޖުވާން ލަތީފް
  • ތ. ގާދިއްފުށި، މުސްތަރީގެ، ޝަމާލް ހުސައިން
  • ތ. ދިޔަމިގިލި، ރުވާ، އަބާން އަބްދުލްހަންނާނު
  • އދ. މާމިގިލި، ކެމީހިޔާ، ޒަޔާން ނަސީރު

ޝަމީމަށް ހަމަލާ ދިން މައްސަލައިގައި މި ހަތް މީހުންގެ މައްޗަށް ވެސް އުފުލާފައި ވަނީ ތޫނު ހަރިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ މި މީހުން ޝަމީމަށް ހަމަލާ ދޭން ރާވައި، ޖެނުވަރީ 31، 2024 ވަނަ ދުވަހު މާލޭގެ ނޫރު މިސްކިތް ކައިރީ މަގުމަތީން ޝަމީމް ހުއްޓުވައި، ބޮލަށް ހަމަލާ ދޭން މަސައްކަތް ކޮށް، ޝަމީމާމެދު މާރާރީ ހިންގައި އަދި އަތުގެ މުލައްދަނޑި ޒަހަމްކޮށްލާފައިވާ ކަމަށެވެ.

ޝަމީމްގެ ބޮލަށް ހަމަލާދޭން މަސައްކަތް ކޮށްފައި ވަނީ މި ހަތް މީހުންގެ ތެރެއިން މިދުހަތު ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. އަދި، ސައިކަލުގައި މިދުހަތު ގޮވައިގެން އެތަނަށް ދިޔައީ ޖަޒްލާން ކަމަށާއި، ހަމަލާއަށްފަހު އޭނާ ގޮވައިގެން އެތަނުން ދިޔައީ ވެސް ޖަޒުލާން ކަމަށެވެ. ހަމަލާ ދޭން ބޭނުން ކުރި ސައިކަލު ހޯދައިދިނީ ދައުވާކޮށްފައިވާ މައިސާން ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މި މައްސަލައިގައި ދައުވާ ކޮށްފައި އަނެއް ހަތަރު މީހުންނަކީ ހަމަލާ ދިން ވަގުތު އެ ސަރަހައްދުގައި ކާރެއްގައި މަޑުކޮށްގެން ތިބި މީހުންނެވެ. ހަމަލާއަށްފަހު ސައިކަލުގައި ތިބި ދެ މީހުންނާއެކު ހަތަރު މީހުން ކާރުގައި އެ ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޝަމީމަށް ހަމަލާދީފައި ވަނީ ދުރާލާ ރާވައިގެން، ފާރަލުމަށްފަހުގައި ކަމަށް ކުރީން ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވާ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.