ކަނޑުއޮތްގިރީގެ ބަދަލުގައި މިފްކޯއަށް ހުޅުމާލެއިން ބިމެއް ދެނީ

މިފްކޯއިން އެޗްޑީސީއާއި އެކު މަޝްވަރާތައް ފަށާފައިވާއިރު، އެކުންފުނީގެ މެނޭޖުމެންޓާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުން އިއްޔެ ވަނީ ކަނޑުއޮތްގިރިއަށް ވަޑައިގެން ސައިޓް އިންސްޕެކްޝަނެއް ވަނީ ހައްދަވާފަ އެވެ.

މިފްކޯގެ ރަށެއް ކަމުގައިވާ ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ރައީސުލްޖުމްހޫރިޔާގެ ކެބިނެޓުގެ މަޝްވަރާއިން ނިންމެވުމާގުޅިގެން އެރަށުގައި އެކުންފުނިން ކުރަމުންދިޔަ މަސައްކަތްތައް ހުޅުމާލޭގައި ކުރުމަށް ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

ކަނޑުއޮތްގިރި އެމްއެންޑީއެފާ ހަވާލުކޮށްފައިވާ ކަމަށް މިދިޔަ ބުދަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

މިފްކޯއިން ބުނީ ކަނޑުއޮތްގިރީގައި މިފްކޯއިން ކުރަމުންދިޔަ މަސައްކަތާއި އެކަށީގެންވާ ބިމެއް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކަނޑައެޅުމަށް، މިމަހުގެ ހަތަރު ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައިވެސް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި ނިންމުމާއި އެއްގޮތަށް ހުޅުމާލެއިން ބިމެއް ކަނޑައެޅުމުގެ މަސައްކަތް ކަމާބެހޭފަރާތްތަކާއި މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް މިމަހުގެ ހަތް ވަނަ ދުވަހު ރައީސް އޮފީހުން މިފްކޯގެ އިތުރުން އެޗްޑީސީއަށްވެސް އަންގަވާފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ. އަދި އެކަމަށް އެކަށީގެންވާ ވަރުގެ ބިމެއް ހޯދުމާއި ގުޅޭގޮތުން އެޗްޑީސީއާއެކު މަޝްވަރާ ބައްދަލުވުންތައް އެކުންފުނިން ބާާއްވަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިފްކޯއިން އެޗްޑީސީއާއި އެކު މަޝްވަރާތައް ފަށާފައިވާއިރު، އެކުންފުނީގެ މެނޭޖުމެންޓާއި އެމްއެންޑީއެފްގެ އިސް އޮފިޝަލުން އިއްޔެ ވަނީ ކަނޑުއޮތްގިރިއަށް ވަޑައިގެން ސައިޓް އިންސްޕެކްޝަނެއް ވަނީ ހައްދަވާފައެވެ.

ޖުމްލަ ހަތަރު ހެކްޓަރުގެ ކަނޑުއޮތްގިރިއަކީ މިވަގުތު މިފްކޯއިން އުފައްދާ ލައިފްސްޓައިލް ޕްރޮޑަކްޓްތަކުގެ މައި ހަބެވެ. އޭގެ ތެރޭގައި ރެޑީ މޭޑް ނުވަތަ ތާޒާކަމާއެކު ވަގުތުން ގަނެގެން ކެވޭ ގިނަ ބާވަތްތަކުގެ އުފެއްދުންތައް ހިިމެނެއެވެ. އަދި އެ ފެސިލިޓީން މަސްވެރިންނަށްވެސް އައީ ހިދުމަތް ދެމުންނެވެ. އޭގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި މަސް ކިރުމާއި، މަސް ބަންދުކުރުމާއި، ލައިފްސްޓައިލް ޕްރޮޑަކްޓްތައް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް އައީ އައިސް ދޫކުރަމުންނެވެ. ކަނޑުމަހާއި ކަންނެލި މަހުގެ ލޮއިންސް ބަންދުކުރުމުގެ މަސައްކަތްވެސް ކުރަމުން އައީ ކަނޑުއޮތްގިރީގައެވެ. އެހެން ކަމުން މިފްކޯއިން އެޗްޑީސީގައި އެދިފައިވަނީ އެ ފެސިލިޓީ އެއްކޮށް ގާއިމްކުރެވޭނެ ބިމެއް ހުޅުމާލެއިން ހޯދުމަށެވެ.

ކެބިންޓެގެ ނިންމެވުމާއެކު ކަނޑުއޮތްގިރި ފެސިލިޓީގެ މަސައްކަތް މިވަގުތަށް މެދުކެނޑިފައިވީނަމަވެސް މިފްކޯއިން މިހާރު ދަނީ އެ މަސައްކަތް ފެލިވަރުގައި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ. އަދި އެކަމަށް ވަގުތުތަކެއް ނަގާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"ކުއްލިއަކަށް ޕްރޮޑަކްޝަން ބަދަލުކުރުމަކީ އަޅުގަނޑުމެންނަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. އެހެން ނަމަވެސް ހުޅުމާލެއިން ރަނގަޅު ތަނެއް ހަމަޖެހެންދެން މިވަގުތަށް ފެލިވަރަށް ބަދަލުކުރަން އެބަޖެހޭ. އެކަމުގައިވެސް ހަރަދުތަކެއް ހިނގާނެ. ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތަކަށް އޮންނަ ޑިމާންޑު އެހާމެ ބޮޑުވެފަ މިއީވެސް އާންމުންގެ ޝަކުވާ އިންތިހާއަށް އޮންނާނެ ކަމެއް." މިފްކޯއިން ބުންޏެވެ.

މިފްކޯއިން ވަނީ ސައުދީ ލޯނު ފަންޑުގެ ދަށުން ފަސް މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަނޑުއޮތްގިރީގެ ބަނދަރުގެ މަސައްކަތް ކޮށްފައެވެ. އަދި ކަނޑުއޮތްގިރި ފެސިލިޓީއަށް ސައުދީ ފަންޑުގެ އިތުރުން އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކު (އައިއެސްޑީބީ) ގެ ފަންޑުގެ ދަށުން އަށް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް ޕްލޭންކުރެވިފައިވާއިރު، އެ އިންވެސްޓްމެންޓް ކުރިއަށް ގެންދަން ހުޅުމާލެއިން ބިމެއް އަވަސް ފުރުސަތެއްގެ ތެރޭގައި ހަމަޖެހިގެން ދިއުމަކީ މިފްކޯއިން ދެކޭގޮތުގައި ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދީގެން ކުރަންޖެހިފައިވާ މަސައްކަތެކެވެ.

ކެބިނެޓްގެ ނިންމެވުމާއެކު މިފްކޯއިން އެމްއެންޑީއެފަށް ކަނޑުއޮތްގިރި ހަވާލުކޮށްފައިވާއިރު، އަންނަ ސެޕްޓެމްބަރު މަހުގެ 15 ގެ ކުރިން މުޅި ފެސިލިޓީ ބަދަލުކުރަންޖެހެއެވެ. އަދި މިކަމާގުޅިގެން އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދީގެން މިހާރު ކުރިއަށް ގެންދަނީ ފެލިވަރުގައި ލައިފްސްޓައިލް އަދި ކަންނެލި މަހުގެ އުފެއްދުންތައް ޕްރޮސެސްކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތެވެ. އަދި އެއީ ވަގުތީ ހައްލެއް ނަމަވެސް އެކުންފުނިން އަމާޒު ހިފާފައި ހުރީ، ލިބިފައިހުރި އިންވެސްޓްމެންޓު ފުރުސަތުތަކުގެ ބޭނުން ހިފައި، ވީހާވެސް އަވަހަކަށް ހުޅުމާލެއިން އެމަސައްކަތް ކުރުމަށް އެކަށީގެންވާ ބިން ހޯދައިގެން ފުޅާދާއިރާއެއްގައި އެ ހިދުމަތްތައް އަލުން ދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.