އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުލޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުލޫއުތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި އެވެ.
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން ފެށުމުގެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޖަމިއްޔަތު ތުފޫދުލް ހަރަމްގެ ރަީސް ދުކްތޫރު ހަމްދާން ބިން ހުމައިދު ބިން ބުރައިކް އައްސުލަމީ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ކުރަމުން ގެންދާ ކަންތައްތަކާ ހާސިލު ކުރަމުންދާ ކާމިޔާބީ ތަކުގެ ފަހަތުގައި ހުންނެވި އެންމެ ބޮޑު ހިއްސާދާރަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އަދި ވިދާޅުވީ މިއަދު އޮތް ރައީސް މުއިއްޒުގެ ސަރުކާރަކީ އިސްލާމްދީނަށް ނަސްރު ދިނުމުގައި ދެމި އޮންނާނެ ސަރުކާރެއް ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން މިހާރު ކުރިއަށް ގެންދާ ގިނަ ކަންކަމުގައި އެންމެ މުހިއްމު ބަޔަކީ ދީނީ އިލްމުވެރިން ކަމަށާއި އެކަންކަމުގައި އިލްމުވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އަދި އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބޭއްވޭ ކަމީ އުފާ ކުރައްވާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
މިރޭ ފެށުނު އިލްމުވެރިންގެ އަހަރީ ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ބައިވެރިވެ އެވެ. އިލްމުވެރިންގެ ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މައުލޫއުތަކަށް ބަހުސް ކުރުމާއި ތަފާތު މައުލޫއުތަކަށް އިލްމުވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާގެ ރޭގެ ނިޔަލަށެވެ.