ހާޝިމް ވިދާޅުވީ އެ ބިލުގައި ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެކަންކަމުގެ ތަފްސީލުތައް ލިޔުމުން ހުށަހެޅުއްވުމުގެ ފުރުސަތަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓު ބިލުގައި އަލަށް އުފައްދަން ބަޔާންކޮށްފައިވާ އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސަބަބުން ކައުންސިލްތަކަށް ލިބޭ ބާރުތަކާމެދު ހައުސިން މިނިސްޓްރީ އާއި ލޯކަލް ގަވަމެންޓް މިނިސްޓްރީ އާ ދެމެދު ހިޔާލު ތަފާތު ވެއްޖެ އެވެ.
އެ ބިލުގައިވާ ގޮތުން، އާބަން ޑިވެލޮޕްމެންޓް ގާނޫނަށް އަމަލުކުރަން ފެށުމާއެކު އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީ ގާއިމް ކުރަން ޖެހެ އެވެ. މި އޮތޯރިޓީގެ މަސައްކަތަކަށް ވާނީ އާބަން ސަރަހައްދުތަކުގެ މާސްޓާ ޕްލޭން ހަދައި، އެފަދަ ސަރަހައްދުތައް ތަރައްގީ ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި މަސައްކަތްތައް ވިލަރެސް ކުރަން ކުރަން ޖެހޭ ކަންކަން ކުރުމެވެ.
މި ބިލު ދިރާސާ ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ އެކުވި ކޮމިޓީއަށް ދެ މިނިސްޓްރީގެ ބޭފުޅުން ވެސް ހާޒިރުވެފަ އެވެ. އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސަބަބުން ލޯކަލް ގަވަމެންޓް އޮތޯރިޓީ އަށާއި ކައުންސިލްތަކަށް ލިބޭ ބާރު ކުޑަވެދާނެތޯ މެންބަރަކު ސުވާލު ކުރުމުން، ހައުސިން މިނިސްޓްރީގެ ފަރާތުން ބުނެފައި ވަނީ ހަނި ނުވާނެ ކަމަށެވެ.
މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ޝާހީން ވިދާޅުވީ އާބަން ސަރަހައްދުތައް ތަރައްގީ ކުރާ ފަރާތަށް އެ އޮތޯރިޓީން ހުއްދަ ދޭއިރު، އެ ހުއްދަ ކައުންސިލްތަކަށް ވެސް ދީފާނެ ކަމަށެވެ. އެ އޮތޯރިޓީއަށް ލިބިގެންވާ ބާރަކީ ޕްލޭން ހެދުމާއި އިހުތިސޯސް ކަނޑައެޅުން ކަމަށްވާއިރު، އެހެން ބާރުތައް އޮންނާނީ ކައުންސިލްތައް އަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންނަމަވެސް އެ އިހުތިސޯސް އެގޮތަށް އޮތްކަމުގަ ވިޔަސް، ޕްލޭން ކުރުމާ ތަރައްގީ ކުރުމުގެ މުއްދަތުގެ ތެރޭގަ އެ ކައުންސިލުން ދޭން ޖެހޭ އާންމު ހިދުމަތްތަކާ މުނިސިޕަލް ސާވިސަލް އެކައުންސިލްގެ ބާރާއި އިހުތިޔާރުގެ ތެރޭގައި އޮންނާނެ ކަމަށް މިއިންނަނީ،" އޭނާ ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ އާބަން ޑިވެލޮޕްމެންޓް އޮތޯރިޓީން އެ ސަރަހައްދުތައް ތަރައްގީ ކުރަން ވަކި މުއްދަތެއް ކަނޑައަޅާނެ ކަމަށެވެ. އެ މުއްދަތު ނިމުމުން ހުރިހާ ބާރެއް ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށެވެ. އަދި، މާސްޓާ ޕްލޭންތައް ހަދާނީ ކައުންސިލްތަކާ މަޝްވަރާކޮށްގެން، އެ އިދާރާތަކާ ގުޅިގެން ކަމަށެވެ. އޭގެ އިތުރުން އެ ސަރަހައްދުތައް ތަރައްގީ ކުރާނީ ވެސް ކައުންސިލްތަކާއެކު ހަދާ އެއްބަސްވުމެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން އެގޮތަށް ބުނި ނަމަވެސް ލޯކަލް ގަވަމެންޓް މިނިސްޓްރީން ބުނެފައި ވަނީ ކައުންސިލްތަކުގެ ބާރު ކުޑަވެގެން ދާނެ ކަމަށެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ އެ ބިލު ޑްރާފްޓް ކުރެވިގެން އައިއިރު އެ މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
"މީގަ ހުރި ގިނަ ކަންތައްތަކަކީ އަތޮޅު ކައުންސިލާ ރަށު ކައުންސިލްތަކުގެ ގިނަ ބާރުތައް ވަރަށް ބޮޑަށް ހަނިވެގެންދާ ކަމެއް ކަމަށް އަޅުގަނޑު ފާހަގަކުރަން. އަޅުގަނޑު ދެކޭގޮތުގަ ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކިވަޑައިގަންނަވާ ގޮތަކީ ކައުންސިލްތައް އަބަދުވެސް ބާރުވެރިކުރުވާ، ކައުންސިލްތަކާ ވަރަށް ގާތްކޮށް މި ނިޒާމު ހިންގުން،" ކަންބޮޑުވުންތައް ހިއްސާކުރައްވަމުން އޭނާ ވިދާޅުވި އެވެ.
ހާޝިމް ވިދާޅުވީ އެ ބިލުގައި ލާމަރުކަޒީ ގާނޫނާ ތައާރުޒުވާ ބައިވަރު ކަންކަން އެބަހުރި ކަމަށާއި، އެކަންކަމުގެ ތަފްސީލުތައް ލިޔުމުން ހުށަހެޅުއްވުމުގެ ފުރުސަތަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. މި ބައްދަލުވުމުގައި އޭނާ އިތުރު ތަފްސީލު ވިދާޅުވެދެއްވާފައެއް ނުވެ އެވެ.