ޕީޖީ އޮފީހަށް ބޮޑެތި ރަގަޅު ބަދަލުތަކެއް ގެނެސްދެވިއްޖެ: ޝަމީމް

"ޖުޑިޝަރީއަށް މިދިޔަ ހަތަރު އަހަރު ތެރޭ ވަޒީފާދިން މީހުންގެ 70 ޕަސެންޓަކީ މިއޮފީހުން ގެންދިޔަ މީހުން. ކޮންމެވެސް ކަމެއް ރަގަޅަށް ކުރެވޭތީތާ ޖުޑިޝަރީއަށް މީހުން ނަގަން ބޭނުންކުރާ މައިގަނޑު ތަނަކީ ޕީޖީ އޮފީސް ކަމަށް ވަނީ،"

ޕްރެސް އެއްގައި ޕީޖީ ހުސެއިން ޝަމީމް ނޫސްވެރީންނަށް މައުލޫމާތު ދެއްވަނީ -- ފައިލް ފޮޓޯ: މިރާ

ފާއިތުވި ފަސް އަހަރެއްހާ ދުވަސް ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަކީ ދުނިޔޭގެ ފެންވަރުގެ އިދާރާއަކަށް ހެދުމަށް ކުރި މަސައްކަތުން ވަރަށް ގިނަ ކަންކަން ރަގަޅުކޮށް، ނަތީޖާ ފެންނަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޝަމީމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައި، އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ. އެކަމާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، އޭނާ މަސައްކަތް ކޮށްފައިވާނީ އެ އިދާރާއަކީ ދުނިޔޭގެ ފެންވަރުގެ ތަނަކަށް ހެދުމަށާއި ދުނިޔޭގެ ފެންވަރުގެ މުވައްޒަފުންތަކެއް ބިނާ ކުރުން ކަމަށެވެ.

"އަޅުގަނޑު މަސައްކަތްކޮށްފަ ވާނީ ވަރަށް އިހުލާސްތެރިކަމާ އެއްކޮށް، ވަރަށް ތެދުވެރިކަމާ އެއްކޮށް. އަޅުގަނޑުގެ ގާބިލުކަން ތަންދިން އެންމެ މަތީ ފެންވަރަށް ރާއްޖޭގަ އާދަޔާ ހިލާފަށް ހާމަކަމާއެއްކޮށް މަސައްކަތް ކުރާ، ދުނިޔޭގެ ފެންވަރުގެ އިދާރާއެއް، ދުނިޔޭގެ ފެންވަރުގެ މީހުން ބިނާކުރެވޭތޯ. އަޅުގަނޑު ގަބޫލުކުރީ ރާއްޖޭގެ ރިސޯޓުތައް ފައިވް ސްޓާ ފެންވަރުގަ ހިންގެންޏާ ރާއްޖޭގެ އޮފީސްތައް ފައިވް ސްޓާ ފެންވަރުގަ ހިންގެންޖެހޭނެއޭ،" ޝަމީމް ވިދާޅުވި އެވެ.

އެ އޮފީހުގައި ހުރި އުނދަގޫ ކަންކަން ބަދަލުކޮށް، މިއަދު ފަސޭހައިން ކުށުގެ ރެކޯޑު ބަލައިލެވޭނެ ނިޒާމެއް ގާއިމް ކޮށްފައިވާކަން ޝަމީމް ފާހަގަކުރެއްވި އެވެ. އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތަށް ވެބްސައިޓް ޑިޒައިންކޮށް ހާއްސަ ނިއުސްލެޓާއެއް ނެރެމުންދާ ކަމަށާއި، ނޫސްވެރިންނަށް ވެސް މައުލޫމާތު ހޯދަން ފަސޭހަ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ނޫސްވެރިންނަށް މައުލޫމާތު ދިނުމުގެ ދާއިރާއިން ވެސް މުޅިން އެހެން ހިސާބަކަށް އަޅުގަނޑުމެންނަށް ގެންދެވިއްޖެ. އާންމުންނަށް ހިދުމަތް ދިނުމުގެ ދާއިރާއިން ވެސް މުޅިން އެހެން ހިސާބަހަށް ގެންދެވިއްޖެ. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންނަށް ހަމަ އާދަޔާ ހިލާފަށް މޮޅަށް ޑެލިވާ ކޮށްދެވިއްޖެ ކަމަށް،" ޝަމީމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ޝަމީމަށް ކުރި ބައެއް ތުހުމަތުތަކުގެ ތެރޭގައި، ރާއްޖޭން ބޭރަށް ޓްރޭނިންތަކަށް ފޮނުވާއިރު މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅޭކަމަށް ބުނެފައިވެ އެވެ. އެކަމަށް ރައްދު ދެއްވަމުން ވިދާޅުވީ، އެކި މުވައްޒަފުންނަކީ އެކި ދާއިރާތަކަށް ހާއްސަ މީހުން ކަމަށްވާތީ އެފަދަ ފުރުސަތުތައް ވެސް ދެނީ އެގޮތަށް ބަލައިގެން ކަމަށެވެ. އެއީ ތަފާތު ކުރުން ކަމަށްވާނަމަ އެ އޮފީހުން ތަފާތު ކުރުން ގެންގުޅޭ ކަމަށް ވެސް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް މުވައްޒަފުންގެ ފެންވަރު ވަރަށް ރަނގަޅު ކަން ފާހަގަކުރެއްވި އެވެ.

"ޖުޑިޝަރީއަށް މިދިޔަ ހަތަރު އަހަރު ތެރޭ ވަޒީފާދިން މީހުންގެ 70 ޕަސެންޓަކީ މިއޮފީހުން ގެންދިޔަ މީހުން. ކޮންމެވެސް ކަމެއް ރަގަޅަށް ކުރެވޭތީތާ ޖުޑިޝަރީއަށް މީހުން ނަގަން ބޭނުންކުރާ މައިގަނޑު ތަނަކީ ޕީޖީ އޮފީސް ކަމަށް ވަނީ،" މުވައްޒަފުންނާމެދު ތަފާތު ކުރުން ބަހައްޓާ ކަމުގެ ތުހުމަތަށް ރައްދު ދެއްވަމުން ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ތަފާތު ކުރުން ގެންގުޅޭނަމަ މުވައްޒަފުން ވަޒީފާއިން ވަކިވާ ރޭޓް ވެސް މަތި ވާނެ ކަމަށެވެ. ނަމަވެސް އެ އޮފީހުން މުވައްޒަފުން ވަކިވާ ރޭޓު ހުރީ އަށް ޕަސެންޓްގައި ކަމަށެވެ. 

އެ އޮފީހުގެ މަސައްކަތްތަކަށް ގެނައި އިތުރު ބަދަލުތައް ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އޭނާ އެ މަގާމަށް ވަޑައިގަތްއިރު އޮތް އުސޫލަކީ ދައުލަތާ ދެކޮޅަށް ނިމޭ ކޮންމެ މައްސަލައެއް އިސްތިއުނާފް ކުރުން ކަމަށެވެ. އޭގެ ސަބަބުން ކުދިކުދި "ބޭކާރު" ގިނަ މައްސަލަތަކެއް ހައިކޯޓަށް ހުށަހަޅަމުން ދިޔަ ކަމަށެވެ. ނަމަވެސް އެ އުސޫލު ބަދަލުކޮށް، އިސްތިއުނާފް ކޮށްގެން ނިންމާ މައްސަލަތަކުގެ 90 ޕަސެންޓް ދައުލަތަށް މިހާރު ކާމިޔާބުވާކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ސިޔާސަތުތައް ބަދަލުކުރީ، ބަދަލުކުރީ އަޅުގަނޑުމެން ހައިކޯޓަށް އިސްތިއުނާފް ކުރާނީ އެ މައްސަލައިގެ މައުލޫއާ ބެހޭ ގޮތުން ނިންމި ނިންމުން އާދަޔާ ހިލާފަށް އުނދަގޫ ވެގެން، ގާނޫނެއް މާނަކުރުމަށް އޮތް ކަމަކާ ބެހޭ ގޮތުން ނޫނީ ޕަބްލިކް އިންޓްރެސްޓް ބޮޑު މައްސަލައަކާ ބެހޭ ގޮތުން،" ޝަމީމް ވިދާޅުވި އެވެ.

މިކަންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، މަޖިލީހުން އޭނާ ވަކިކުރަން އުޅެނީ އިތުބާރު ނެތިގެން ނޫން ކަމަށެވެ. އަދި ނަތީޖާ ނުދައްކައިގެން ވެސް ނޫން ކަމަށެވެ. މިއީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ނުސީދާކޮށް ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ދައުރު ނިންމާލުމަށް މިރޭ ބާއްވާ ޖަލްސާގައި ޝަމީމް ވަކިކުރުމުގެ މައްސަލަ ވަނީ ތާވަލުކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.