ޖުޑީޝަރީ ކޮމިޓީން ސިއްރުކުރި އަޑުއެހުމުގެ ވާހަކަތައް ލީކުވެއްޖެ

ޝަމީމު ކޮމިޓީގައި ދެއްކެވި ބައެއް ވާހަކަފުޅުތައް އޮންލައިން ބައެއް މީޑިޔާއިން ވަރަށް ތަފުސީލުކޮށް ރިޕޯޓުކޮށްފައިވެ އެވެ.

މިއަދުގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން، ފޮޓޯ: މަޖިލިސް

ޕްރެސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޖަވާބުދާރީވެވަޑައިގަތުމަށް އޭނާ ހާޒިރުކޮށްގެން ކުރިއަށްގެންދިޔަ ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފައިވަނިކޮށް އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް ލީކުވެއްޖެ އެވެ. 

އެ ބައްދަލުވުން ސިއްރުކުރުމަށްފަހު ބައްދަލުވުން ލައިވްކުރުން ހުއްޓައިލުމުން އެއްވެސް މީޑިއާއަކަށް ބައްދަލުވުމުގައި ދެކެވުނު ވާހަކަތައް އިވިފައިނުވެ އެވެ. އެހެންނަމަވެސް ޝަމީމު ކޮމިޓީގައި ދެއްކެވި ބައެއް ވާހަކަފުޅުތައް އޮންލައިން ބައެއް މީޑިޔާއިން ވަރަށް ތަފުސީލުކޮށް ރިޕޯޓުކޮށްފައިވެ އެވެ. 

އެ މައްސަލައާ ގުޅިގެން ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އަދި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާ "މިރާ"އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ވިދާޅުވީ ކޮމިޓީގައި ދެކެވުނު ވާހަކަތައް ބައެއް މީޑިޔާއިން ވަރަށް ތަފުސީލުކޮށް ރިޕޯޓުކޮށް، ޝަމީމުގެ ވާހަކަފުޅުތައް ކޯޓުކޮށްފައި ހުރިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. 

އިތުރަށް ހުސްނީ ވިދާޅުވީ އެ މައްސަލަ ބައްލަވާނެ ކަމަށެވެ. ނަމަވެސް ބައްލަވާނެ ގޮތެއް ވިދާޅުނުވެ އެވެ. 

މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިތުރަށް ޕީޖީ ޝަމީމުވެސް ބައްދަލުވުމުގައި ފޯނު ބޭނުންކުރެެއްވިކަން ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު "މިރާ"އަށް ކަށަވަރުކޮށްދެއްވާފައިވެ އެވެ. 

މިއަދު ކޮމިޓީގައި ޝަމީމުވަނީ އޭނާއަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފަ އެވެ. އަދި އޭނާ ވަކިކުރަން އުޅެނީ ނުފޫޒު ނުފޯރުވޭތީ ކަމުގައި ޝަމީމު ވިދާޅުވެފައިވެ އެވެ. އޭގެ އިތުރަށް ވަކިވަކި ތުހުމަތުތަކަށްވެސް އޭނާވަނީ ތަފުސީލުކޮށް ޖަވާބު ދެއްވާފަ އެވެ. 

ޝަމީމުގެ ވާހަކަފުޅުތަކަށްފަހު ކޮމިޓީން ފާސްކޮށްފައިވަނީ އޭނާ މަގާމުން ވަކިކުރުމަށެވެ. އަދި މިރޭ އޮންނަ 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރު ނިންމާ ޖަލްސާގައި ޝަމީމު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.