"ވަކިކުރާން އުޅެނީ އިތުބާރު ނެތިގެންނެއް ނޫން، މީ އެހެން ކަމެއް"

"ދެން އަޅުގަނޑަށް ވެސް އެނގޭ، ތިބޭފުޅުންނަށް ވެސް އެނގޭ މީކީ އެހެން ހިނގާ ކަމެއް ނޫންކަން، މީކީ އިތުބާރު ނެތިގެން އުޅޭ ކަމެއް ވެސް ނޫންކަން މީކީ އެހެން ގޮތަކަށް ހިނގާ ކަމެއްކަން. އަޅުގަނޑުވެސް އެކަން ދަންނަން،"

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް --

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން ހުސެއިން ޝަމީމް ވަކިކުރަން ސަރުކާރުގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ ޕާފޯމް ނުކޮށްގެން، އިތުބާރު ނެތިގެން ނޫން ކަމަށާއި މީ މުޅިން އެހެން ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޝަމީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ވައްދައި، މިއަދު ވަނީ އޭނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފަ އެވެ. މި ކަމާ ގުޅިގެން ޖަވާބުދާރީވާން މިއަދު ޝަމީމް ކޮމެޓީއަށް ހާޒިރުކުރި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ ސިއްރުކޮށްގެންނެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކީ އެކަންކަމުގެ ވާހަކަ އެތައް ފަހަރަކު ދައްކާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާ އުފުލި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރެއްވި ދައުވާތައް އަނބުރާ ގެނައުމާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރެއްވި ޖިންސީ ގޯނާގެ ދައުވާތައް އަނބުރާ ގެނައުން ފަދަ ކަންކަމުގެ ސަބަބުން އެނގޭނެހެން އެ އޮފީހުގެ ވެބްސައިޓުން ވެސް ފެންނަން ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މިކަންމަކީ ސަރުކާރު ބަދަލުވެގެން ކުރި ކަންކަން ނޫން ކަމަށެވެ. ސަރުކާރު ބަދަލުވުމާއެކު ގުޅުން ހުރި އިދާރާތަކާ ބައްދަލުވެސް ކުރައްވާފައިވާ ކަމަށާއި އެއްވެސް އިދާރާއަކުން ޝަކުވާއެއް ކޮށްފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި، މަޖިލީހުގެ ކޮމެޓީން ކުރި ތުހުމަތުތަކާ ގުޅޭ ގޮތުން އަލަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތް ކަމަށެވެ.

"އެހެންވީމަ މިދިޔަ ދުވަސްތަކުގެ ތެރޭގަ ދިމާވި ކަމަކާ ގުޅިގެންނެއް ނޫނޭ އިތުބާރު ނެތިގެންނެއް އުޅޭ ކަމަށް މި ވިދާޅުވަނީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމްގެ މައްޗަށް ކޮށްފައިވާ ބައެއް ތުހުމަތުތަކުގެ ތެރޭގައި، އެ އޮފީހުގެ މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ނުބެލުމާއި މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅުން ހިމެނެ އެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވުނު އެ އޮފީހުގެ ވަކީލެއްގެ މައްސަލަ ބަލާފައި ނުވުމާއި، ޓްރޭނިންތަކަށް ވަކި މުވައްޒަފުން ފޮނުވާކަމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.

އެކަންކަމަށް ރައްދު ދެއްވަމުން ޝަމީމް ވިދާޅުވީ ސުލޫކީ މައްސަލަތައް ބަލަނީ ސުލޫކީ ކޮމެޓިއަކުން ކަމަށެވެ. އެއީ އޭނާއާ ބެހޭ ވެސް ކަމެއް ނޫން ކަމަށެވެ. ސުކޫލީ މައްސަލަތައް ބަލާ ގަވާއިދު އެ އޮފީހުގެ ވެބްސައިޓުގައި ޝާއިއުކޮށްފައި ވާނެ ކަމަށާއި ތުހުމަތު ކުރުމުގެ ކުރިން މެންބަރުން އެތަކެތި ބަލާލި ނަމަ ރަގަޅުވީސް ކަމަށެވެ. އޭގެ އިތުރުން ރާއްޖޭން ބޭރަށް ދާ މުވައްޒަފުން ވެސް ކޮންމެ އަހަރެއްގެ އަރަހީ ރިޕޯޓުތަކުގައި ހިމަނާފައި ހުންކަން ވެސް ފާހަގަކުރެއްވި އެވެ.

"ދެން އަޅުގަނޑަށް ވެސް އެނގޭ، ތިބޭފުޅުންނަށް ވެސް އެނގޭ މީކީ އެހެން ހިނގާ ކަމެއް ނޫންކަން، މީކީ އިތުބާރު ނެތިގެން އުޅޭ ކަމެއް ވެސް ނޫންކަން މީކީ އެހެން ގޮތަކަށް ހިނގާ ކަމެއްކަން. އަޅުގަނޑުވެސް އެކަން ދަންނަން، އަޅުގަނޑު އެކަން ނޭނގިއެއް ނޫން މިއުޅެނީކީ،" ޝަމީމް ވިދާޅުވި އެވެ.

އަބަދުވެސް ނުފޫޒު އާދޭ، އެކަމަކު ނުލެނބެން

"ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ އަބަދުވެސް ހުރިހާ ސަރުކާރަކުން ވެސް. އެކަމަކު ނުފޫޒަކީ އެ ނުފޫޒު ރައްދުވާ މީހާގެ ކަމެއް. އެ ނުފޫޒު ރައްދުވާ މީހާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތިއްޔާ ނުފޫޒު ފޯރުވާނެ،" ސާބިތުކަމާއެކު ޝަމީމް ވިދާޅުވީ އޭނާ އެއްވެސް ނުފޫޒަކަށް ލެބިފައި ނުވާނެ ކަމެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަޒީރުންނަށާއި މެންބަރުންނަށް އޭނާ ދައުވާ ކޮށްފާއިވާނެ ކަމަށާއި، އެކަން ކުރެވޭނީ ނުފޫޒުގައި ނުޖެހި ހުރުމުންކަން ވެސް ފާހަގަކުރެއްވި އެވެ. 

ޝަމީމް ވިދާޅުވީ 2008 ވަނަ އަހަރުން ފެށިގެން އެ މަސައްކަތްކުގައި އުޅުއްވިއިރު، ޕްރޮސެކިއުޓާ ޖެނެރަލް ވަކިކުރުމާއި އިސްތިއުފާ ދިނުން ފަދަ ކަންކަން ހިނގާ ގޮތް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. މިއަދު އެމަގާމުން ވަކިކުރައްވަން މަޖިލީހުން މަސައްކަތް ކުރަނީ އެ އޮފީހުން ނަތީޖާ ނުނެރެގެން ނޫން ކަމަށެވެ. އޭނާގެ މަސައްކަތުން އެ އޮފީހަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާކަން ވެސް ފާހަގަކުރެއްވި އެވެ.

ކޮމެޓީން މިއަދު ޝަމީމް ވަކިކުރަން ފާސްކޮށްފައިވާއިރު، މިރޭ މިދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ. މި ޖަލްސާގައި ޝަމީމް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.