ޝަމީމު ޕީޖީކަމުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

"މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އޭނާ މަގާމުން ވަކިކުރާނެ އެވެ.

ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފި އެވެ. 

އޭނާ މަގާމުން ވަކިކުރެއްވުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާފައިވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ. އޭގެ ތެރޭގައި ސިޔާސީ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި އިސްލާމްދީނާ ހިލާފު އަމަލުތަކާ ގުޅޭ ދައުވާތައް އަނބުރައި ގެންނެވުން ހިމެނެ އެވެ. 

ޕީޖީ ނާޖާއިޒު ގޮތުގައި ގާނޫނާ ހިލާފަށް އަމަލުކުރެއްވިކަމަށް ތުހުމަތުކުރާ މައްސަލަތައް

  •  ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކޮށްފައިވާ ޖިންސީ ކުށުގެ ދައުވާތައް ފައިލް ކުރުން.
  •  މަގާމުގައި ދެމި ހުރުމަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްސަލަ ފައިލް ކުރުން.
  •  ސަފާރީ ރޭޕް ކޭސްގެ މައްސަލާގައި އެމްޑީޕީއާ ގުޅުން އޮންނަ ފަރާތެއް ހިމެނޭތީ އިސްތިއުނާފް ނުކުރުން.
  •  މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ރިޒާގެ މައްޗަށް ކުރި ހިއުމަން ޓްރެފިކިންގެ ދައުވާ އަނބުރާ ގެންދިޔުން.
  •  ބަނގުރަލާ ގުޅޭ 77 މައްސަލައެއް އަނބުރާ ގެންދިޔުން.
  •  އެއް ޖިންސުން ގުޅުން ހިންގުމާ ގުޅޭ 13 މައްސަލައެއް އަނބުރާ ގެންދިޔުން.
  •  ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރަން ނިންމުން.
  •  ޕީޖީ އޮފީހުގެ މުއައްޒަފުންނާ މެދުގައި ތަފާތު ކުރުންތައް ގެންގުޅުން.

އެ ތުހުމަތުތަކާ ގުޅޭ ގޮތުން ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު ޖުޑީޝަރީ ކޮމިޓީއަށް ޕީޖީ ވަޑައިގެންނެވި އެވެ. އަދި އޭނާ އެދިވަޑައިގެންފައި އޮތީ އެ ބައްދަލުވުން ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް ކުރިން ޕީޖީ ކޮމިޓީއާ ބައްދަލުކުރެއްވި ބައްދަލުވުމެއް އޭނާ އެދިވަޑައިގަތުމުން ސިއްރުކުރި  ކުރުމަށް ހަވާލާދީ މިއަދުގެ ބައްދަލުވުން ސިއްރުކޮށްފައިވެ އެވެ.

ނަމަވެސް "މިރާ"އަށް އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި ޕީޖީވަނީ އޭނާއަށް ކުރެވޭ ހުރިހާ ތުހުމަތެއް ދޮގުކުރައްވާފަ އެވެ. އަދި އޭނާ ވަކިކުރަން މަސައްކަތްކުރަނީ ގާނޫނާ ހިލާފަށް ކަމެއް ކުރައްވައިގެން ނޫންކަމަށާއި، އެއީ ނުފޫޒު ނުފޯރުވިގެން ކުރާ ކަމެއް ކަމުގައި ސިފަކުރައްވާފައިވެ އެވެ. 

ކޮމިޓީގައި ޕީޖީ ދެއްކެވި ވާހަކަފުޅުތަކަށްފަހު ކޮމިޓީގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ޕީޖީ ވަކިކުރުމަށެވެ. "މިރާ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވައި އޭނާ މަގާމުން ވަކިކުރާނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.