މަސައްކަތް ނުކުރާތީ އަދާލަތުގެ އެކްޓިވިސްޓެއް ސަސްޕެންޑުކުރުމުން ކަންބޮޑުވެއްޖެ

އޭނާ ވަޒީފާއިން ސަސްޕެންޑުކުރީ ގަޑިއަށް އޮފީހަށް ހާޒިރުނުވުމާއި ހަވާލުކުރެވޭ މަސައްކަތްނުކުރުމާއި، ހާޒިރީއަށް ފަރުވާކުޑަކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެ، އަނގަބަހުންނާއި ލިޔުމުން ނަސޭހަތްދީ ރަސްމީކޮށް ލިޔުމުން އިންޒާރު ދިނުމަށްފަހު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން

އަހުލާގީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވަނިކޮށް ހައްޖު ކޯޕަރޭޝަނުގެ ވަޒީފާ އަދާކުރާ އަދާލަތު ޕާޓީގެ އެކްޓިވިސްޓެއް ސަސްޕެންޑުކުރުމުން އެ ޕާޓީން ކަންބޮޑުވެއްޖެ އެވެ. 

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރުކަންވެސް ކުރައްވާ ޝައިހު ހުސައިން އަންސާރު ވަޒީފާއިން ސަސްޕެންޑުކުރުމާ ގުޅިގެން އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންސާރާމެދު ތަފާތުކުރުން ގެންގުޅެ ނުހައްގުން އެތައް ފިޔަވަޅެއް އެޅުމަށްފަހު ސަސްޕެންޑުކުރި ކަމަށެވެ. 

އަދި ސަރުކާރު ހިންގާ ފަރާތް ބަދަލުވި ނަމަވެސް ސިޔާސީ ނޫން މުވައްޒަފުން މަގާމުން ވަކިކޮށްގެންނުވާނެކަމަށް ދެކޭ ކަމުގައި ބަޔާންކުރުމާއެކު އަދާލަތު ޕާޓީން ބުނެފައިވަނީ، އަންސާރުގެ މަގާމު ދައްކޮށް މަސައްކަތުން ދުރުކޮށް ރަސްމީ ގަޑީގައި ދަރިން ސުކޫލަށް ލާން ދިއުމަށް އެހެން މުވައްޒަފުން ފުރުސަތު އޭނާއަށް ނުދީ އެކި މަރުހަލާގައި ފިޔަވަޅު އަޅާފައިވަނީ ބޭއިންސާފުން ކަމަށެވެ. 

ގާނޫނުއަސާސީއާއި ގާނޫނުތަކުގައި މުވައްޒަފުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ކަންކަން ފާހަގަކޮށް އެ ޕާޓީން އެދިފައިވަނީ އެ މައްސަލަ ބަލައި އަންސާރަށް ގެއްލުނުކަމަށް ބުނާ ހައްގުތައް އަނބުރާ އިއާދަކޮށްދިނުމަށެވެ. އަދި ސަރުކާރު މުއައްސަސާތަކާއި ކުންފުނިތަކަކީ ސިޔާސީ ވިސްނުމަށް ބަލައިގެން ތަފާތުކުރުން ގެންގުޅޭ ތަންތަންކަމުގައި ނުވާނެކަން ކަށަވަރުކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒަށާއި ސަރުކާރަށް އެ ޕާޓީން ގޮވައިލި އެވެ. 

އަދާލަތު ޕާޓީން މިފަދަ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާއިރު، ހައްޖު ކޯޕަރޭޝަނުގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ އަދިވެސް އެ ކުންފުނީގައި ވަޒީފާ އަދާކުރައްވާ ކުންފުނީގެ އިސްވެރިޔަކު "މިރާ"އަށް ވިދާޅުވެދެއްވި ގޮތުގައި އަންސާރަަށް އެ ކުންފުނިން ވަޒީފާ ހޯދައިދިނީ ކުރީ ސަރުކާރުގައި އެ ކުންފުނީގައި އެއިރު މަސައްކަތް ކުރަމުން އައި މުވައްޒަފެއް ވަޒީފާއިން ވަކިކުރުމަށްފަހު އެވެ. 

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އަންސާރު ވަޒީފާއިން ސަސްޕެންޑުކުރީ ކުންފުނީގައި އޮންނަ އުސޫލުތަކުގެ ތެރެއިންނެވެ. އޭނާ ވަޒީފާއިން ސަސްޕެންޑުކުރީ ގަޑިއަށް އޮފީހަށް ހާޒިރުނުވުމާއި ހަވާލުކުރެވޭ މަސައްކަތްނުކުރުމާއި، ހާޒިރީއަށް ފަރުވާކުޑަކުރުމުގެ އެތައް މައްސަލައެއް ފެންމަތިވެ، އަނގަބަހުންނާއި ލިޔުމުން ނަސޭހަތްދީ ރަސްމީކޮށް ލިޔުމުން އިންޒާރު ދިނުމަށްފަހު ކަމުގައި "މިރާ"އަށް މައުލޫމާތު ދެއްވި ހައްޖު ކޯޕަރޭޝަނުގެ ވެރިޔާ ވިދާޅުވި އެވެ. 

"ގަޑިއަށް ހާޒިރުނުވާނެ އެއްވެސް ދުވަހަކު، އޮފީހުގައި އުޅޭ ވަގުތަށްވުރެ ގިނައީ ބޭރުގައި އުޅޭ ވަގުތު. ހަވާލުކުރާ މަސައްކަތެއް ނުނިންމާނެ. ސުޕަވައިޒަރުގެ ހުއްދަ ނުހޯދައި ބޭރަށް ދަނީ. ސަލާން ގިނަކަމުން މުސާރައިން ބޮޑު ބައެއް ކަނޑަންޖެހޭ. އެކަންކަމާމެދު އެތައް ފަހަރަކު ނަސޭހަތް ދީފައި ޑިސިޕްލިނަރީ ފިޔަވަޅެއް އެޅީ،" އޭނާ ވިދާޅުވި އެވެ. 

މި މައްސަލައާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ އެމްޑީ މުހައްމަދު ޝަކީލު "މިރާ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއްވެސް މުވައްޒަފަކާމެދު ސިޔާސީ މަގުސަދެެއް އޮވެގެން ފިޔަވަޅެއް ނާޅުއްވާނެ ކަމަށެވެ. ސިޔާސީ ވިސްނުމުގައި އޮނިގަނޑަށް ބަދަލުގެނެސްގެން މީހުން ވަޒީފާއިން ވަކިކުރުމަކީ ކުރިން ހިނގާފައި އޮތްކަމެއް ނަމަވެސް މިހާރު އެފަދަ ކަމެއް އެ ކުންފުނީގައި ނުހިނގާނެކަމުގެ ޔަގީންކަން ޝަކީލު ދެއްވި އެވެ. 

އަދި އަންސާރާމެދު ފިޔަވަޅު އެޅުއްވި ނަމަވެސް އޭނާގެ މުސާރައަށާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ގެންނަވާފައިނުވާކަން ފާހަގަކުރައްވަމުން ޝަކީލު ވިދާޅުވީ އަންސާރު ސަސްޕެންޑުކުރަން ނިންމާފައިވަނީ ކުންފުނީގައި އަމަލުކުރާ އުސޫލުތަކުގެ ތެރެއިން މަސައްކަތު އަހުލާގާ ގުޅުންހުރި މައްސަލައެއްގައި ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.