ދޯންޏަކަށް ހިލޭ ތިން ޓަނު އައިސް | މަސްވެރިން ހިތްވަރުލާފަ ކަނޑަށް

މިފްކޯއިން ވަނީ މިއަދުގެ ނިޔަލަށް ތިން ޓަނުގެ އައިސް ހިލޭ ދޭން ނިންމާފަ އެވެ. މިއާއެކު އޮޑިފަހަރުން ދަނީ އައިސް އަޅަމުންނެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ފެކްޓަރީއަކުން ދޯންޏަކަށް މިއަދު އައިސް އަޅަނީ -- މިފްކޯ

މަހުގެ އަގު ދަށްވުމާއި މަސްވެރިކަން ދަށްވުމާއި މޫސުން ގޯސްވުން މަސްވެރިންނަށް ލައްވައިލީ އެއް ވަގުތެއްގެ އެވެ. އެހެންވެ މަސްވެރިން ތިބީ އެކަމާ ދެރަވެ ކަރު އެލިފަ އެވެ. އެކަމަކު ސަރުކާރުގެ މަސް ކުންފުނި މިފްކޯ އިން ހިލޭ ތިން ޓަނު އައިސް ދޫކުރަން ފެށުމާއެކު، މަސްވެރިން ގަދަ ހިތްވަރާއެކު ކަނޑަށް ނުކުނަން ފަށަފި އެވެ. 

މިފްކޯގެ މީޑިއާ އޮފިޝަލް އިބްރާހިމް ސައީދު (ކޭޑް) ވިދާޅުވި ގޮތުގައި މަސްވެރިން މަހަށް ފުރުވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްޓޮކް ހުސްވަންދެން އައިސް ދޫކުރަން ފެށުމާއެކު ދޯނި ފަހަރުން ވަނީ އައިސް ހޯދަން ކިޔޫ ދަމާލާފަ އެވެ. އަދި ބައެއް އޮޑިފަހަރުން މިހާރު އައިސް ހޯދައިގެން ވަނީ މަހަށް ނުކުމެފަ އެވެ. މިފްކޯ އިން ވަނީ ހުރިހާ ސެންޓަރުތަކުންނާއި ތިނަދޫ އައިސް ޕްލާންޓުން ކޮންމެ ދޯންޏަކަށް ތިން ޓަނު އައިސް ހިލޭ ދޫކުރުމަށް ވަނީ ނިންމާފައެވެ.

"މިވަގުތު މޫސުން އެހާ ރަނގަޅެއް ނޫން. އެކަމަކު  ވެސް ބައެއް އޮޑިފަހަރުން ވަނީ މަހަށް ނުކުމެފަ،" އިބްރާހިމް ވިދާޅުވި އެވެ. 

"މިރާ" އަށް އެނގިފައިވާ ގޮތުގައި ހުވަދުއަތޮޅުގެ މަސްވެރި ރަށެއް ކަމަށްވާ ފަރެސްމާތޮޑާގެ ހުރިހާ ދޯންޏެއް ވަނީ މަހަށް ނުކުމެފަ އެވެ. 

މިފްކޯ އިން ވާހަކަ ދެއްކެވި އިބްރާހިމް ވިދާޅުވި ގޮތުގައި މިވަގުތު މަސްވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅު ނަމަވެސް އެކަށީގެންވާވަރަށް މަހެއް ނުބާނަ އެވެ. 

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ދަނީ މަސްވެރިން ބާނާ މަހަށް ހަފުތާއަކު އެއް ފަހަރު ފައިސާ ދޫކުރަމުންނެވެ. މި ބަދަލު ގެނެސްފައިވަނީ ކެމްޕޭންއާ ދިމާކޮށް މަހުގެ އަގު 25ރ. އަށް ބޮޑު ކުރުމުން މަސްވެރިންނަށް ފައިސާ ނުދެވި އޮތް ބޮޑު ބެކްލޮގް ކްލިއަ ކުރުމަށްފަހު އެވެ. މިހާރު މަސް ކިލޯއެއްގެ އަގު ހުރީ 16ރ. ވަރަށެވެ. 

މިފްކޯގެ އެންމެފަހުން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ޖުލައި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އަށެއް އޯގަސްޓާ ދެމެދު އެ ކުންފުންޏަށް ކިރުވާފައިވަނީ 266 މެޓްރިކްޓަނުގެ މަހެވެ. އެ މަހުގެ އަގުގެ ގޮތުގައި 4.2 މިލިއަން ރުފިޔާ އެ ކުންފުނިން ދޫކުރި އެވެ. މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.