ރައީސްގެ މި ޓްވީޓަށް ތައުރީފު ކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޝައުދާން ވިދާޅުވީ ރައީސްގެ މި ނިންމުމަކީ މޫނު އަޅާ ގިނަ ކަނބަލުންނަށް އުންމީދުތައް އާލާވެގެން ދާނެކަމެއް ކަމަށެވެ.
ދީނާ ހިލާފުނުވެ ހެދުން އަަޅާ ގޮތަކުން ވަޒީފާ ދިނުމުގައި ތަފާތުނުކުރުމަށް މުއައްސަސާތަކާއި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެންގުވުމާއެކު އިލްމުވެރިން އެމަނިކުފާނަށް ތައުރީފު ކުރައްވަން ފައްޓަވައިފި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާފައިވާތީ ޑިސްކޮލިފައި ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ރައީސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ އެމީހަކަށް ވަޒީފާ ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ މި ޓްވީޓަށް ތައުރީފު ކުރައްވާ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސައުދާން ވިދާޅުވީ ރައީސްގެ މި ނިންމުމަކީ މޫނު އަޅާ ގިނަ ކަނބަލުންނަށް އުންމީދުތައް އާލާވެގެން ދާނެކަމެއް ކަމަށެވެ. އެތައް ކަނބަލުންގެ ކުރިއެރުމަށް ހުރަސްއެޅުފައިމުވާ ފަރުދާ އެއްފަރާތް ކޮށްދެއްވިކަމަށްޓަކައި ރައީސަށް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.
"މޫނުބުރުގާގެ ހައްގަކީ އެކިގޮތްތަށް މާނަކުރެވޭ ގަވާއިދެއްގައި ފިތި، ސިޔާސީދާނުން އެކިމޫސުމުގައި ބޭނުންކުރާ ހަތިޔާރަކަަށް ހަދާފައި އޮތް އޮތުން ނިމުމަކަށް ގެންނަވައި އެކަނބަލުންނަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަށް ނިހާޔަތަށް ޝުކުރު ދަންނަވަން،" ޝައިހް އަހުމަދު ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އިތުރު ދީނީ އިލްމުވެރިން ވެސް ވަނީ ރައީސަށް ތައުރީފު ކުރައްވާ، އެ ނިންމުމަކީ ފުރިހަމަ ނިންމުމެއް ކަމަށް ފާހަގަކޮށްފަ އެވެ.