ޖުޑީޝަރީ ކޮމިޓީން ހޯދަން އެދުނު ލިޔުންތައް ޕީޖީ އޮފީހުން ހިއްސާނުކުރި

މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ ކޮމިޓީން ހޯދުމަށް އެދުނު ލިޔެކިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެގެ ރަސްމީ ވަގުތު ނިމުނުއިރުވެސް މަޖިލީހާ ހިއްސާކޮށްފައި ނެތް ކަމަށެވެ.

މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކު، ފޮޓޯ: މަޖިލިސް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ހުސައިން ޝަމީމު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ހޯދުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެދުނު ލިޔެކިޔުންތައް އެ އޮފީހުން މަޖިލީހާ ހިއްސާނުކުރި އެވެ. 

ޝަމީމުގެ އިތުބާރުނެތްކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ޝަމީމަށް ކުރައްވާފައިވާ ތުހުމަތުތަކާ ގުޅިގެން ބައެއް ލިޔެކިޔުން ހޯދުމަށް ޖުޑީޝަރީ ކޮމިޓީން ނިންމައި ޕީޖީ އޮފީހުގައި އެދިފައިވަނީ އިއްޔެގެ ރަސްމީ ވަގުތު ނިމުމުގެ ކުރިން އެ ލިޔެކިޔުން މަޖިލީހާ ހިއްސާ ކުރުމަށެވެ. 

ޝަމީމު ވަކިކުރަން ހުށަހެޅި މައްސަލާގައި އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބޮޑެތި ތުހުމަތުތައް ހިމެނެ އެވެ. އެގޮތުން ޝާހިދު ފާހަގަކުރައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މައްސަލަތައް ނިންމަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސިޔާސީ ބައެއް ބޭފުޅުންގެ މައްސަލަތައް އަނބުރާ ގެނެސް ފައިލް ކުރުމާއި ބައެއް މައްސަލަތަކުގައި ދައުވާ ނުކުރަން ނިންމާފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތަށް ޖުމްލަ އަށް މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ޕީޖީއަކީ ވަކި ފަރާތަކަށް ނުޖެހި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު، ހާމަކަމާއި ހަމަހަމަކަމާއެކު މަސައްކަތްކުރައްވަންޖެހޭ ބޭފުޅެއް ކަމުގައިވީ ނަމަވެސް އެގޮތާ ހިލާފަށް ޕީޖީ ކަމުގައި ހުންނަވައިގެން ޝަމީމު އަމަލުކުރައްވާފައިވެ އެވެ.

ޝަމީމު ޕީޖީ މަގާމުގައި ހުންނަވައިގެން ކުރައްވާފައިވާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހިލާފު ބައެއް އަމަލުތައް ޝާހިދުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުރެ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރޭޕުކުރިކަމަށް ތުހުމަތުވާ އަލީ ވަހީދުގެ މައްސަލަ ގާނޫނީ ސަބަބެއް ނެތި ފައިލުކުރެއްވިކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ.

"މި މައްސަލަ ފައިލްކުރީ ހެކިންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ބަޔާންކޮށް ކަމުގައިވީ ނަަމަވެސް މިއީ އެއިރު ވެރިކަން ކުރި އެމްޑީޕީން އެންގި ގޮތަށް މަގާމުގެ ދިފާއުގައި ކުރި ކަމެއް. ހެކިން ހެކިބަސް ދިނުމަށް ދެކޮޅުހަދާ ހާލަތުގައި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދިނުން ލާޒިމުކުރުމަށް ފަހިވެފައި އޮވޭ،" ޝާހިދުގެ ސިޓީގައި ފާހަގަކުރެއްވި އެވެ.

ހެކިން ހާޒިރުކުރުމަށް ގާނޫނުން ލިބިދޭ ބާރުތައް ބޭނުންކުރައްވައިގެން އެއްވެސް މަސައްކަަތެއް ނުކުރައްވައި ހެކިން އެއްބާރުލުން ނުދޭކަމަށް ވިދާޅުވެ ޝަމީމު އެ މައްސަލަ ފައިލުކުރެއްވީ މަގާމުގެ ނުފޫޒު ނާޖައިޒު ގޮތުގައި ބޭނުންކުރައްވައިގެން ކަމަށްވެސް ޝާހިދު ތުހުމަތު ކުރެއްވި އެވެ.

އިތުރަށް ޝާހިދު ފާހަގަކުރެއްވި މައްސަލައަކީ ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފުގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތާ ގުޅިގެން އުފުލި ދައުވާ އަނބުރާ ގެންދެވުމެވެ. އެ މައްސަލައަކީ ޝަރީއަތުގެ ކުރީގެ މަރުހަލާގައި މަދަނީ މިންގަނޑުން ބެލުމަށްފަހު ކުރިއަށްނުގެންދެވޭނެ މައްސަލައެއްކަމަށް ކުރިމިނަލް ކޯޓުން ނިންމުމުން އެ ނިންމުން މުރާޖައާކުރަން ހައިކޯޓުން އަންގާފައިވަނިކޮށް އަނބުރާ ގެންދިޔަ މައްސަލައެކެވެ.

ޝަމީމު އެ މައްސަލަ އަނބުރާ ގެންދެވީ އެއިރު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން އޭނާ މަގާމުން ވަކިކުރުމަށް މައްސަލައެއް އެޖެންޑާކޮށްފައި އޮއްވައި ކަމަަށް ޝާހިދު ވިދާޅުވި އެވެ. އަދި މަހުލޫފުގެ މައްސަލަ އަނބުރާ ގެނައުމުން ޝަމީމު މަގާމުން ވަކިކުރަން ފެށި މަސައްކަތް އެމްޑީޕީން ހުއްޓައިލިކަމަށްވެސް ޝާހިދު ވިދާޅުވެފައިވެ އެވެ.

ސަފާރީ ރޭޕު ކޭސްގެ މައްސަލާގައި މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް އިސްތިއުނާފުނުކުރުމާއި ކުރީގެ މެންބަރު އަލީ ރިޒާގެ ކުންފުނީގެ މައްޗަށް އުފުލި އިންސާނީ ވަގުފާރީގެ މައްސަލަ އަނބުރާ ގެނައުންވެސް އޭނާ ވަކިކުރުމަށް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ޝާހިދު ފާހަގަކުރެއްވި އެވެ.

އަދި ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ މައްސަލައެއްކަމަށްވާ ބަނގުރާ ބުއިމުގެ ގިނަ މައްސަލަތަކެއް ކޯޓަށް ހުށަހެޅުމަށްފަހު ޝަމީމު އަނބުރާ ގެންނަވާފައިވާތީ އެއީވެސް އޭނާ މަގާމުން ވަކިކުރަން ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ޝާހިދު ބަޔާންކުރެއްވި އެވެ.

"ބަނގުރާ ބުއިމަކީ ކުށެއް ނޫންކަމަށް ދައުވާކޮށް، ބަނގުރާ ގެންގުޅުމަކީ ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގައި އަދަބު ކަނޑައަޅާފައިނުވާ ކުށެއްކަމަށާއި، އެއީ މީނާ އިސްވެހުރެ ގަސްތުގައި ކުރި ކަމެއް ކަމަށާއި، ދައުވާކުރާ މީހަކަށް ޖިނާއީ އަދުލުގެ ނިޒާމުން ކުރެވޭނެ ކަމެއް ނެތް ކަމުގައި ޝަމީމުވަނީ ޕީޖީ އޮފީހުގެ ބްރީފިންތަކުގައި ބުނެފައި،" ޝާހިދު ވިދާޅުވި އެވެ.

2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބަނގުރާ ބުއިމާ ގުޅުންހުރި 71 މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށާއި، ޝަމީމު ބަނގުރާފުޅިއަކާއެކު ފޮޓޯއެއް އިންސްޓަގުރާމުގައި ޕޯސްޓުވެސްކޮށްފައި ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ ޕީޖީ އޮފީހުގެ ޕްރޮސެކިއުޓަރަކު އެއް ޖިންސުން ގުޅުންހިންގައި ރަސޫލާއަށް ފުރައްސާރަކުރުމުން ޝަމީމު އެކަމާމެދު ފިޔަވަޅެއް އަޅުއްވާފައި ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ވެންޓިލޭޓަރު މައްސަލާގައި ދައުވާނުކުރަން ނިންމެވީ ތަހުގީގުން ފާހަގަކުރެވުނު ގިނަ ކަންތައްތަކަކަށް ރިއާޔަތްނުކޮށް ކަމުގައި ޝާހިދު ވިދާޅުވި އެވެ.

އޭގެ އިތުރަށް ޝާހިދު ފާހަގަކުރެއްވި ގޮތުގައި ޝަމީމު ގެންދަވަނީ ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރައްވަމުންނެވެ. އެގޮތުން ބޭރަށް ކުރާ ހުރިހާ ދަތުރުތަކުގައި ވަކި މުވައްޒަފުންތަކެއް ބައިވެރިކުރުމާއި ވަކި މުވައްޒަފުންތަކަކަށް ވަޒީފާގެ ކުރިއެރުން ދެއްުން ފަދަ ކަންކަމުގައި ތަފާތުކުރުންތަކެއް ގެންގުޅުއްވާ ކަމުގައި ޝާހިދު ތުހުމަތުމަތުކުރެއްވި އެވެ.

މި ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހުން ބައެއް ލިޔެކިޔުން ހޯދުމަށް ހުށަހެޅުއްވީ  ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ. އޭނާ ވިދާޅުވީ ކަންތައްތަކެއް ފާހަގަކޮށްފައިވީ ނަމަވެސް އޭގެ ހެކި ބޭނުންވާ ކަމަށެވެ.

އޭނާ ހުށަހެޅުއްވީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ކުރި ޖިންސީ ގޯނާގެ ދައުވާތަކާއި، އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ކުރި ދައުވާތަކާއި ކުރީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލި ހިއުމަން ޓްރެފިކިންގެ ދައުވާތައް އަނބުރާ ގެނައި މައްސަލައިގެ ލިޔުންތައް ހޯދުމަށެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރަން ނިންމާފައިވާ ނިންމުންތަކާއި ޕީޖީ އޮފީހުގެ މުވައްޒަފުންގެ މެދުގައި ތަފާތުކުރުންތައް ގެންގުޅެ، މުވައްޒަފުންނަށް ބޭރު ދަތުރުތައް ދީފައިވާ ގޮތުގެ ލިޔުންތައް ހޯދުމަށެވެ.

ނަމަވެސް މިއަދު ކޮމިޓީ ފައްޓަވަމުން މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވީ ކޮމިޓީން ހޯދުމަށް އެދުނު ލިޔެކިޔުންތައް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އިއްޔެގެ ރަސްމީ ވަގުތު ނިމުނުއިރުވެސް މަޖިލީހާ ހިއްސާކޮށްފައި ނެތް ކަމަށެވެ. އަދި މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ލިޔެކިޔުން މަޖިލީހަށް ފޮނުވާނެކަމަށް ޕީޖީ އޮފީހުން ބުނި ނަމަވެސް މިއަދު 10:30 ގައި ކޮމިޓީ ފެށުނުއިރުވެސް އެއިން އެއްވެސް ލިޔުމެއް ފޮނުވާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އަޅުގަނޑުމެން އެދިފައިވާނީ މައްސަލަތަކަކާ ގުޅިގެން އެ މައްސަލަތައް އަނބުރާ ގެނައުމަށް ނިންމި ނިންމުންތައް [ހޯދަން]. އެ ނިންމުންތަކަކީ އޭގެ ޒާތުގައި ކޯޓުތަކަށް ފޮނުވާފައި ހުންނަ ސިޓީތަކާއި އެ ނިންމުންތަކަށް ވާސިލުވި ގޮތްތައް އެއީކީ އިތުރަށް [ހޯދަން] ވަގުތު ނަގަންޖެހޭނެ ކަންތައްތަކެއް ކަމަށް ކޮމިޓީއަކުން ގަބޫލެއް ނުކުރަން،" ހުސްނީ ވިދާޅުވިއެވެ. 

އެ ލިޔުންތަކަކީ ސިސްޓަމުގެ ތެރެއިން ވަގުތުން ވަގުތަށް ލިބެން ހުންނާނެ ލިޔެކިޔުންތަކެއްކަން ފާހަގަކުރައްވަމުން ހުސްނީ ވިދާޅުވީ އެކަށީގެންވާ ވަގުތު ދިނުމުންވެސް ޕީޖީ އޮފީހުން ލިޔުންތައް ފޮނުވާފައިނުވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.