ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ އެމީހަކަށް ވަޒީފާ ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ.
ދީނާ ހިލާފުނުވެ ހެދުން އަަޅާ ގޮތަކުން ވަޒީފާ ދިނުމުގައި ތަފާތުނުކުރުމަށް މުއައްސަސާތަކާއި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ ދ. ހުޅުދެލީ މެޖިސްޓްރޭޓް ކޯޓުގެ ވަޒީފާއަކަށް ކުރިމަތިލީ އަންހެނަކު މޫނު ބުރުގާ އަޅާފައިވާތީ ޑިސްކޮލިފައި ކޮށްފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދީނާ ހިލާފުނުވާ ގޮތަށް ހެދުން އަޅާނަމަ އެމީހަކަށް ވަޒީފާ ދިނުމުގައި ތަފާތުކުރުމެއް ގެންގުޅެގެން ނުވާނެ ކަމަށެވެ. އަދި އެ ތަފާތުކުރުން ގެނުވާގޮތަށް ކުރީގައި ހަދާ އަދިވެސް ޢަމަަލުކުރަމުންދާ ހުރިހާ ގަވާއިދުތަކާއި އުސޫލުތައް ބަދަލު ކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" އެކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވާނީ މިހާރު އަންގާފައި. އަޅުގަނޑުމެންގެ މި މުޖުތަމައު އަކީ ހުރިހާ މާނައެއްގައި އަދުލުވެރިކަމާއި އިންސާފުވެރިކަން އިސްކުރާ މުޖުތަމައަކަށް ހަދަން އެންމެން އަޒުމް ކަނޑައަޅަމާތޯ." އެމަނިކުފާނު ވިދާޅުވިއެވެ.
ހުޅުދެލީ ކޯޓުގެ އެޑްމިނިސްޓްރޭޓިވްގެ މަގާމަށް ކުރިމަތިލާފައިވާ އަންހެން މީހާއަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ޑިސްކޮލިފައިކޮށްފައިވާ ކަމަށްބުނެ ހުޅުދެލީ ކޯޓުން އޭނާއަށް ފޮނުވި ސިޓީ މިހާރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.
އެ ސިޓީގައިވާގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 129 ވަނަ މާއްދާގައި މުވައްޒަފުން މަސައްކަތު ގަޑީގައި ހެދުން އަޅާފައި ހުންނަންވާނީ ކާކުކަން ރަނގަޅަށް އެނގޭ ފަދަ ގޮތެއްގައި ކަމަށް ބަޔާންކޮށްފައި ވާތީ، ކެނޑިޑޭޓަކީ މޫނު ބުރުގާ އަޅާ ފަރާތެއްކަން ކަށަވަރުކުރުމަށް ފަހު މޫނު ބުރުގާ އަޅާ ނަމަ ރެކުރޫޓްމަންޓް ޕްރޮސެސް ކުރިއަށް ގެންދަން ނުފެންނަ ކަމުގައި ޑިޖޭއޭއިން ފޮނުވި މެއިލް އާ ހަވާލާދީ ބުނެފައިވެއެވެ.