ރާއްޖޭގައި ހެލިކޮޕްޓަރު ފަށަން ދުނިޔޭގެ ބޮޑު 36 ކުންފުންޏަކުން ޝައުގުވެރިކަން

އަމީން ވިދާޅުވި ގޮތުގައި މި ހިދުމަތް 10 ވަރަކަށް މަސް ތެރޭގައި ދޭން ފެށޭނެ އެވެ. މި ހެލިކޮޕްޓަރުތަކުން ބަލި މީހުން އުފުލުމާއި ސާޗް އެންޑް ރެސްކިއުގައި ވެސް ބޭނުން ކުރާނެ އެވެ.

ރާއްޖޭގައި ކުރިން ބޭނުންކުރި ހަމިންބާޑް ހެލިކޮޕްޓަރެއް

ރާއްޖޭގައި އެންމެ ފުރަތަމަ ކޮމާޝަލް ފެންވަރުގައި ހެލިކޮޕްޓަރުގެ ހިދުމަތް ފެށީ ހަމިންބާޑް ކުންފުނިންނެވެ. އޭގެފަހުން އެ ހިދުމަތް ދީފައެއް ނެތެވެ. އެކަމަށް ސަރުކާރުތަކުން މަސައްކަތް ކުރިނަމަވެސް ޝައުގުވެރިކަން ފާޅުކުރީ މަދުބަ އެކެވެ. ނަމަވެސް މިފަހަރު ހިދުމަތް ތައާރަފު ކުރަން ސަރުކާރުން ފުރުސަތު ހުޅުވާލުމާއެކު 36 ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ. 

ގައުމީ ޓީވީގައި ރޭ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ގޮތުގައި އިއުލާނު ކުރުމުން 36 ފަރާތުން ހުށަހަޅާފައިވާ ކަމަށާ މި ކުންފުނިތަކުގެ ތެރޭގައި ދުނިޔޭގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި މި ހިދުމަތަށް އަންނަ ކުންފުނިން ސިއްހީ ކުއްލި ހާލަތްތަކަށް އަދި ހާދިސާތަކުގެ ހާލަތުގައި ސަޗް އެންޑް ރެސްކިއުގައި އެހީތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ. 

"މިހާރު އެދަނީ ޕްރޮޕޯނެންޓެއް ހޮވުމުގެ މަސައްކަތް. އަޅުގަނޑުމެން އިއުލާނުކުރި ޝެޑިއުލްއާ އެއްގޮތަށް އެކަން ކުރިއަށްދާނެ،" އަމީން ވިދާޅުވި އެވެ. 

ފަށަނީ އިނގިރޭސީ ސީއޭ މިންގަނޑަށް

ގައުމީ ޓީވީގައި ރޭ ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ މިފަހަރު މި ހިދުމަތް ފަށަނީ އިނގިރޭސިވިލާތުން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭ) ގެ އެސެސްމަންޓެއް ހެދުމަށްފަހު އެ ފަރާތްތަކުން ބުނާ މިންގަނޑުތަކެއްގެ މައްޗަށް ކަމަށެވެ. 

"މިއީ އެންމެ ވަރުފަދަ އެސެސްމަންޓް. މި އެސެސްމަންޓްތަކާއި ރެކޮމެންޑޭޝަން [ހުށަހަޅަން ޖެހޭ ކަންކަމު] ގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ކެބިނެޓަށް ޕޭޕަރެއް ހުށަހެޅީ. މި ހިދުމަތަށް ދާއިރު ސާޗް އެންޑް ރެސްކިއުއާއި މިކަން ވައިބަލް ކުރަން ޓޫރިޒަމް އިންޑަސްޓްރީ އާއި އެހެނިހެން ސިނާއަތްތަކުގައިވެސް އޮޕަރޭޓް ކުރުން،" އަމީން ވިދާޅުވި އެވެ. 

ބަލި މީހުން އުފުލުމާއި މީހުން ހޯދުމަށް ބޭނުންކުރާނެ

އޭނާ ވިދާޅުވީ މިކަމަށް ކުންފުންޏެއް ނެގުމުގެ މަސައްކަތް ކުރިއަށްދާނީ ތިން މަރުހަލާއަކަށް ބަހާލައިގެންކަން އެކަމުގައި ދެ މަސް ދުވަސް ހޭދަވާނެ ކަމަށާ މި ހިދުމަަތަށް ހޮވާ ކުންފުންޏަށް 10 އަހަރަށް އެކްސްކްލޫސިވް ރައިޓްސް ލިބިގެންދާނެ އެވެ. އަދި މި ހުރިހާ މަރުހަލާއެއް ނިންމައި 10 ވަރަކަށް މަސް ދުވަހުގެ ތެރޭގައި ހެލިކޮޕްޓަރުންގެ ހިދުމަތް ފެށިގެންދާނެ އެވެ. 

"އެމީހުންގެ ހިދުމަތުން ވަކި ގަޑިއިރެއް ސަރުކާރުގެ މިފަދަ މަސައްކަތްތަކަށް ދޭންޖެހޭނެއޭ. ބިޒްނަސް މޮޑެލް ކަނޑައަޅާނީ އެބަޔަކު އަމިއްލައަށް،" އަމީން ވިދާޅުވި އެވެ. 

މި ހިދުމަތް ފެށުމާއެކު ޕޮއިންޓުން ބަލި މީހުން ނަގައިގެން ހޮސްޕިޓަލަށް ގެނެވޭނެ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު އައުމާ ހަމައަށް މި ހިދުމަތް ދިނީ އިންޑިއާ ސިފައިންނެވެ. ނަމަވެސް ސަރުކާރުން ވަނީ ސީޕްލޭން އާއި މޯލްޑިވިއަންގެ ބޯޓެއްގައި މި ހިދުމަތް ދިވެހިން ދޭން ފަށާފަ އެވެ.

ހަމިންބާޑް - ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް އެންމެ ފުޅާކޮށް ދިނީ 1990 އަހަރުތަކުގެ ކުރީކޮޅުން ފެށިގެން 2،000 ވަނަ އަހަރާ ހަމައަށެވެ. މި އޮޕަރޭޝަން ހުއްޓާލަން ނިންމީ މި ހިދުމަތް ދޭން ހެލިކޮޕްޓަރުތައް ވެއްޓުމުގެ ހާދިސާތަކެއް ހިނގުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.