ޔޫކުރެއިނުން މޮސްކޯއަށް ވަރުގަދަ ޑްރޯނު ހަމަލާތަކެއް ދީފި

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ޔޫކުރެއިނުގެ 11 ޑުރޯނެއް މޮސްކޯ މަތިންނާއި އެ ސިޓީ ވަށައިގެންވާ ސަރަހައްދުތަކުގެ މަތިން ހުއްޓުވާފައިވާ ކަމަށެވެ.

ޔޫކުރެއިނުގެ ސިފައިންގެ މީހަކު ރަޝިޔާއަށް އަމާޒުކޮށް ހަމަލާއެއް ފޮނުވައިލަނީ، ފޮޓޯ: އޭޕީ

ޔޫކުރެއިނުން އެ ގައުމުން މިހާތަނަށް ނުދޭވަރުގެ ވަރުގަދަ ހަމަލާތަކެއް ޑްރޯނު ބޭނުންކޮށްގެން ރަޝިޔާގެ ވެރިރަށް މޮސްކޯއަށް ދީފި ކަމުގައި ރަޝިޔާގެ އިދާރާތަކުން ބުނެފި އެވެ. 

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ އެ ގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ޔޫކުރެއިނުގެ 11 ޑުރޯނެއް މޮސްކޯ މަތިންނާއި އެ ސިޓީ ވަށައިގެންވާ ސަރަހައްދުތަކުން ހުއްޓުވާފައިވާ ކަމަށެވެ. އެއިން ބައެއް ޑްރޯނުތައް ވައްޓާލާފައިވަނީ ކްރެމްލިންގެ ދެކުނުން 38 ކިލޯމީޓަރު ދުރުގައި އޮންނަ ޕޮޑޮލްސްކް ސިޓީ މަތިންނެވެ. 

"މިއީ ޑްރޯނު ބޭނުންކޮށްގެން މޮސްކޯއަށް ހަމަލާދިނުމަށް ކުރެވުނު އެންމެ ބޮޑު އެއް މަސައްކަތް،" މޮސްކޯގެ މޭޔަރު ސާޖެއި ސޮބްޔަނިން ވިދާޅުވި އެވެ. މި ހަމަލާގައި މޮސްކޯއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވެ އެވެ. އަދި މީހަކު މަރުވެސްނުވެ އެވެ. 

މޮސްކޯއަށް ޑްރޯނު މެދުވެރިކޮށް ދޭ ހަމަލާތަކަކީ މަދު ހަމަލާތަކެކެވެ. އެންމެ ފަހުން ޔޫކުރެއިނުން މޮސްކޯއަށް ޑްރޯނު ހަމަލާއެއް ދިނުމަށް މަސައްކަތްކުރީ މޭ 2023 ގަ އެވެ. އެ ހަމަލާގައި ބޭނުންކުރި އަށް ޑްރޯނެއް ރަޝިޔާގެ އަސްކަރިއްޔާއިން ވައްޓައިލި އެވެ. 

މޮސްކޯ ސަރަހައްދުން 11 ޑްރޯނެއް ވައްޓައިލުމުގެ އިތުރަށް ބޯޑަރު ކައިރީ އޮންނަ ބްރަޔަންސްކް ސަރަހައްދުން 23 ޑްރޯނަކާއި، ބެލްގޮރޮޑް ކައިރިން ހަ ޑްރޯނަކާއި، ކަލުގާ ސަރަހައްދުން ތިން ޑްރޯނެއް ވައްޓާލާފައިވާކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ. 

މޮސްކޯ ސަރަހައްދުގެ އުތުޔރުން އޮންނަ ޓޫލާ ސަރަހައްދުން އިތުރު ދެ ޑްރޯނެއް ވައްޓާލާފައިވާކަމަށް ރަޝިޔާގެ ނިއުސް އެޖެންސީ އާރްއައިއޭއިން ރިޕޯޓުކޮށްފައިވެ އެވެ. 

މި ހަމަލާތަކާ ގުޅިގެން ވަގުތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މޮސްކޯގެ އެއާޕޯޓުތަކުގައި އަޅާފައިވެ އެވެ. ނަމަވެސް އެ ހުރިހާ އެއާޕޯޓުތައްވެސް އާންމު ހާލަތަށް ގެނެސް މިހާރު އޮޕަރޭޝަންތައް އަލުން ފަށާފައިވެ އެވެ. 

ޔޫކުރެއިނުން ރަޝިޔާގެ ވެރިރަށަށް އަމާޒުކޮށް ޑްރޯނު ހަމަލާއެއް ދިނުމަށް މި މަސައްކަތްކުރީ ރަޝިޔާގެ ކުރްސްކުގެ އެތެރެއަށް ކުއްލި ގޮތަކަށް ވަދެގަތް ޔޫކުރެއިން ސިފައިން އެ ސިޓީން ނެރުމަށް ކުރަމުންދާ މަސައްކަތްތައް މަޑުޖެހިފައިވަނިކޮށެވެ. 

ކުްރްސްގެ ސަރަހައްދީ ގަވަރުނަރު އެލެކްސެއި ސްމިރްނޯވް ވިދާޅުވި ގޮތުގައި ޔޫކުރެއިނުގެ ޑްރޯނަކުން ވެހިކަލެއްގެ މައްޗަށް ގޮވާތަކެތި އެޅި ހާދިސާއެއްގައި އެކަކު މަރުވެފައިވާ ކަމަށެވެ. 

ޔޫކުރެއިނުން ބުނާ ގޮތުގައި ކުރްސްކް ސަރަހައްދަށް އޯގަސްޓު ހައެއްގައި ވެރިވުމަށްފަހު އެ ސަރަހައްދުން 1،263 ކިލޯމީޓަރުގެ ސަރަހައްދެއް އެ ގައުމުން އަންނަނީ ކޮންޓުރޯލު ކުރަމުންނެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ 93 ސަރަހައްދެއް ހިމެނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.