ޑޮލަރު ރިޒާވު ހުސްވި ވާހަކަ އަކީ ބުހުތާނު ދޮގު: މިނިސްޓަރު ސައީދު

އެކަން ދޮގު ކުރައްވާ މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި މިރޭ ވިދާޅުވީ ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް އެކަށް ހުސްވެއްޖެ ކަމަށް ބުނެ ފަތުރަމުންދާ ހަބަރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދޮގު ކުރައްވައިފި އެވެ.

ޑޮލަރު ރިޒާވު، ރާއްޖޭގެ ތާރީހު ގައިވެސް ފުރަތަމަ ފަހަރަށް ހުސްވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުން ދަނީ ހަބަރު ފަތުރަމުންނެވެ. ނަމަވެސް އެކަން ދޮގު ކުރައްވާ މިނިސްޓަރު މުހައްމަދު ސައީދު "އެކްސް" ގައި މިރޭ ވިދާޅުވީ ބޭނުން ކުރެވޭ ޑޮލަރު ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ބުހުތާނު ދޮގު ކަމަށެވެ.

ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ. އާންމުން ވަނީ އެކަމުގެ ތަފްސީލު ދިނުމަށާއި އެއީ ދޮގެއް ކަމަށް ވިދާޅުވާނަމަ އެކަން ތަފްސީލު ކޮށް ދޭން ޖެހޭނެ ކަމަށް ބުނެ މިނިސްޓަރުގެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ.

ޔޫޒަބަލް ރިޒާވް ހުސްވެދާނެ

ދައުލަތުގެ ރަސްމީ ބޭރު ފައިސާގެ ރިޒާވް ހުސްވެދާނެކަމުގެ ކަންބޮޑުވުން މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާޅުކުރުމާއެކު ދައުލަތުގެ ކުންފުނިތަކުން ބޭރު ފައިސާ އެތެރެވާނެ ގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ކުރީން އޮތީ އެދިފަ އެވެ.

ފިނޭންސް މިނިސްޓްރީން ދައުލަތުގެ ބައެއް ކުންފުނިތަކަށް ފޮނުވާފައިވާ ސިޓީއެއް "މިރާ"އަށް ލިބިފައިވާއިރު އެ ސިޓީއާއެކު އެ މިނިސްޓްރީއަށް އެމްއެމްއޭއިން ފޮނުވާފައިވާ ސިޓީއެއްގެ ކޮޕީއެއް އެއް ކަރުދާސްކޮށް ފޮނުވާފައިވެ އެވެ.  

ޔޫޒަބަލް ރިޒާވަކީ ބޭރު ފައިސާގެ ބާޒާރު މެނޭޖުކުރުމަށް މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. އަދި އެއީ ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުމަށް ބޭނުންޖެހޭ ހާލަތުގައި ބޭނުންކުރެވޭ ގޮތަށް ހުންނަ ފައިސާ އެވެ. 

  •  ޖުލައި މަހު ޔޫޒަަބަލް ރިޒާވް 17.7 ޑޮލަރަށް ވެއްޓުނު
  •  އޯގަސްޓު މަހު ޔޫޒަބަލް ރިޒާވް ހުސްވެދާނެކަމަށް އެމްއެމްއޭއިން ލަފާކުރޭ

ފިނޭންސް މިނިސްޓްރީން ކުންފުނިތަކަށް ފޮނުވި ސިޓީއާ އެއްކަރުދާސްކޮށްފައިވާ އެމްއެމްއޭގެ ސިޓީގައި ބުނެފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 365.44 މިލިއަން ޑޮލަރު ކަމަށެވެ. އަދި އެ މުއްދަތުގައި ބޭނުންކުރެވޭ ރިޒާވް 21.97 މިލިއަން ޑޮލަރަށް ވެއްޓިފައިވާ ކަމަށެވެ.  

މަރުކަޒީ ބޭންކުން ލަފާކުރާ ގޮތުގައި ޖުލައި މަސް ނިމޭއިރު ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާގެ އަދަދު 17.7 މިލިއަން ޑޮލަރަށް ދަށްވާނެ އެވެ. އަދި އެ އޮތޯރިޓީން ލަފާކުރާ ގޮތުގައި އޯގަސްޓު މަހުގައި ޔޫޒަަބަލް ރިޒާވް އެކީ ހުސްވުމުގެ ފުރުސަތު ބޮޑެވެ.  

ޖޫން މަހުގެ ހިސާބުތައް؛

  •  ޖުމްލަ ރިޒާވް: 509.2 މިލިއަން ޑޮލަރު
  •  ބޭނުންކުރެވޭ ރިޒާވް: 66.9 މިލިއަން ޑޮލަރު

އެމްއެމްއޭގެ ސިޓީއާއެކު ފިނޭންސް މިނިސްޓްރީން ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ބޭރު ފައިސާއިން އާމްދަނީ ލިބޭ ކުންފުނިތަކަށް ފޮނުވި ސިޓީގައި އެދިފައިވަނީ ޑޮލަރުން މުސާރަ ދިނުން ފަދަ ކަންކަން ހުއްޓައިލުމަށެވެ.  

އޭގެ އިތުރަށް ބޭރު ފައިސާގެ އާމްދަނީ އެމްއެމްއޭ މެދުވެރިކޮށް މާރުކުރުމަށް އެދުމާއެކު އެ މިނިސްޓްރީން ކުންފުނިތަކަށް އިލްތިމާސްކޮށްފައިވަނީ މާލިއްޔަތު ގަވާއިދާއި ގާނޫނުގެ އިމުގެ ތެރޭގައި ބާރު ފައިސާގެ މުއާމަލާތްތައް ހިފަހެއްޓުމަށެވެ.  

މި ސިޓީއާ ގުޅިގެން "މިރާ" އިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފިނޭންސް މިނިސްޓަރު ޑރ.މުހައްމަދު ޝަފީގު ކުރީން ވިދާޅުވީ ދައުލަތުގެ ރަސްމީ ރިޒާވްގެ ހާލަތު ހީނަރުވިޔަނުދިނުމަށްޓަކައި އެ މިނިސްޓްރީން އެމްއެމްއޭއާ ވަރަށް ގާތުން ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެމްއެމްއޭއިން އަންދާޒާކުރި މިންވަރަށްވުރެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅު ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.