ރާއްޖެއަށް އީޔޫއިން 2019 ގެ ކުރީކޮޅު ލަފާދީފައިވަނީ ލޭނު މަސްވެރިކަމުގައި ހުރި ބައެއް ކަންކަން ރަނގަޅު ކުރާށެވެ. އެކަން އިސްލާހުކޮށްގެން ފެއްޓުމަކީ ކުރީގެ ސަރުކާރުގެ އަމާޒެކެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އެއްވެސް ޒަމާނެއްގައި ރާއްޖޭގައި ލޭނު މަސްވެރިކަން ހުއްޓާލަން ނުވަތަ ރާއްޖޭގައި އެ މަސްވެރިކަން ނުކުރަން އަންގާފައި ނެތް ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މަސްވެރިކަމާއި ކަނޑުގެ ދިރުންތަކާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ އީޔޫ އިން ރާއްޖެ އަށް ލޭނު މަސްވެރިކަން ނުކުރަން ނޫނީ ހުއްޓާލަން އަންގާފައި ނެތް ކަމަށާ ނަމަވެސް ކުރިން މި މަސްވެރިކަމުގައި ކުރިއިރު ހުރި މައްސަލަ ތަކެއް ހައްލު ކުރަން އީޔޫގެ ރެކޮމެންޑޭޝަން ތަކެއް ހުރި ކަމަށެވެ. މި ފަހަރު އަލުން ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދެނީ އޭރުގެ ރެކޮމެންޑޭޝަންތަކަށް ބަލައި ފުރިހަމަ ސްޓޭންޑަޑްތަކާއެކުގައި ކަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އޭރު ލޭނު މަސްވެރިކަން ހުއްޓާލަން ނިންމި ނިންމުމަކީ ސިޔާސީ ގޮތުން އޭރުގެ ސަރުކާރުން 2019 ވަނަ އަހަރު ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އަލުން ލޭނު މަސްވެރިކަން ހުޅުވާލާއިރު ހުޅުވާލާނީ ދުނިޔޭގައި ވެސް މިކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނެ އުސޫލުތަކާއެކު،" ވަޒީރު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވަނީ ރާއްޖޭން މިހާތަނަށް ކުރަމުން ދަނީ ސަސްޓޭނަބަލް މަސްވެރިކަމެއް ކަމަށާ ނަމަވެސް އީޔޫގެ ޓެރިފް ކުޑަކުރަން އެދޭތާ 12 އަހަރު ވެފައިވާއިރު އެކަން ނުވެ އޮތީ ކީއްވެގެން ތޯ ސުވާލު އުފައްދަވާފަ އެވެ.
"އަޅުގަނޑުމެންނަކީ ސަސްޓޭނަބަލް ފިޝަރީޒްގެ ޗެމްޕިއަން. އެހެން ބައެއް ދާއަޅާ ގައުމުތަކާ ދޭ ލުއިތައް ކީއްވެގެން އަޅުގަނޑުމެންނަށް ނުދެނީ؟ އަޅުގަނޑުމެން ފިޝަރީޒް ތެރޭގައި ނުލިބެނީ ކީއްވެގެން ތޯ؟،" ޝިޔާމް ވިދާޅުވި އެވެ.
ވަޒީރު ވަނީ ލޭނު މަސްވެރި ކަމަށް ހުޅުވާލަން އުޅުނު ނަމަވެސް ރާއްޖޭން އިނގިރޭސިވިލާތާއެކު ހަދަން މަސައްކަތް ކުރާ ފްރީޓްރޭޑް އެގްރީމެންޓަށް އެއްވެސް ދަތިކަމެއް އޮތްކަން ފާހަގަވެފައި ނެތް ކަމަށް ވިދާޅުވެފަ އެވެ.
ލޭނު މަސްވެރިކަމުގައި ހުރި މައްސަލަ ތަކެއް 2019 ގެ ކުރީކޮޅު އީޔޫ އިން ސަރުކާރަށް ހުށަހެޅި އެވެ. އަދި އެކަންކަން އިސްލާހު ކުރަން ވެސް އެނގި އެވެ. އެކަންތައްތައް އިސްލާހުކޮށް އަލުން ފަަށަން ނިންމާފައިވާކަން 2019 ވަނަ އަހަރު މަޖިލީހުން ނިންމި ބޭރުގެ މަސް ބޯޓު ފަހަރު ރާއްޖެ ސަރަހައްދުގައި މަސްވެރިކަން ހުއްޓުވުމުގެ ގަރާރު ގެ ރިޕޯޓުން އެނގެން އެބައޮތެވެ.
މަސްވެރިކަމާބެހޭ ވުޒާރާ އިން ބުނި ގޮތުގައި ބޮޑު ކަންނެލީގެ ލޭނު މަސްވެރި ކަމަށް ސަރުކާރުން ހުޅުވާލަން އުޅޭތީ ރާއްޖޭގެ ކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެހެންވެ މި މަސްވެރިކަން ކުރަން އަންނަ ދިވެހިންނަށް ބޭރު މީހުންނަށްވުރެ ލުއިކޮށް މަސްވެރިކަން ފެށޭނެ އިންތިޒާމުތައް ވަނީ ގަވައިދުގައި ހިމަނާފަ އެވެ. މީގެތެރޭގައި ދިވެހިންނާއެކު މި މަސްވެރިކަމަށް އަންނަ ދިވެހި އުޅަނދު ފަހަަށް ކޯޓާ ފީ ނުނެގުން ފަދަ އިނާޔަތްތައް ވެސް ހިމެނެ އެވެ.
އެ ވުޒާރާގެ ޑިރެކްޓަރު އަހުމަދު ޝިފާޒް ވިދާޅުވީ ލޭނު އެޅުމުގެ މަސްވެރިކަމަށް ދާން ޖެހޭ އެއް ސަބަބަކީ ރާއްޖެއަށް އިންޑިއާ ކަނޑުން މަސް ބާނަން ދީފައިވާ ކޯޓާ ގެއްލުމުގެ ފުރުސަތު އޮތުމުނެނެވެ، އޭނާ ވިދާޅުވި ގޮތުގައި 2016 ގައި ރާއްޖެ އަށް 50،000 ޓަނުގެ ކަންނެލި ބޭނިނަމަވެސް މިހާރު މި އަދަދު 30،000 ޓަނަށް ވަނީ މަދުވެފަ އެވެ. އެހެންވެ 2026 ގައި އަލުން ކޯޓާ ރިވިއު ކުރާއިރު ރާއްޖެއަށް ލިބޭ ކޯޓާ މަދުވުމުގެ ފުރުސަތު އެބައޮތެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންޑިއާ ކަނޑުގެ 20 ގައުމެއްގައި ލޭނު އަޅައިގެން ބޮޑު ކަންނެލި ބޭނުމުގެ މަސްވެރިން ތިބިއިިރު ލަންކާގައި އެކަނި 4،000 އާއި 3000 އުޅަނދު މި މަސްވެރިކަމުގައި ހަރަކާތެރިވެ އެވެ.
"ލަންކާ އިން އީޔޫއަށް މަސް ބޭރުކުރަނީ ޑިއުޓީ ފްރީކޮށް. އެކަމަކު އަޅުގަނޑުމެން މި ބާނަނީ ވަން ބައި ވަން. އެކަމަކު 24 ޕަސެންޓުގެ ޑިއުޓީއެއް ނަގާ،" ޝިފާޒު ވިދާޅުވި އެވެ.
ލޭނު އަޅައިގެން ކަންނެލި މަސްވެރިކަން ކުރަން މީގެ ކުރިން ވެސް ހުއްދަ ދިނެވެ. މި މަސްވެރިކަން އެންމެ ގަދަޔަށް ކުރީ 2012 އާއި 2017 އާ ދެމެދުގަ އެވެ. މި މަސްވެރިކަން 2019 ވަނަ އަހަރު ހުއްޓާލިއިރު ފަސް ކުންފުންޏެއްގެ 28 އުޅަނދަކަށް ލައިސަންސް ދިފައިވެ އެވެ.
ލަކުނޑިން ބަނދެފައިވާ ރާއްޖޭގައި ރަޖިސްޓްރީ ކުރި ކުދި މި ބޯޓު ފަހަރުގައި އެވްރެޖުކޮށް ނުވަ ބިދޭސީންނާއި ދިވެއްސެއް މަސައްކަތް ކުރަމުން ދިޔަ އެވެ. މި އުޅަނދު ތަކުން ލޭނު އަޅަމުން ގޮސްފައިވަނީ ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގެ އެތެރޭގައި 100 މޭލު ބޭރުގަ އެވެ. ހިސާބުތަކުން އެނގެން އޮތް ގޮތުގައި 2017 ވަނަ އަހަރު ލޯބޮޑު ކަންނެލީގެ މަސްވެރިކަމުން 310 މިލިއަން ރުފިޔާގެ އާމްދަނީއެއްގެ އިތުރުން ބޯޓު ފަހަރުން ލައިސަންސް ފީގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ލޭނު މަސްވެރިކަމުގައި އެންމެ ފަސް ކުންފުނިން ހަރަކާތްތެރި ވެގެން އެންމެ އަހަރެއްގެ މައްޗަށް 300 މިލއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފަ އެވެ. މީގެމާނައަކީ މިކަން މެނޭޖުކޮށްފިނަމަ މި އަދަދު 600 މިލިއަން ރުފިޔާ އަށް މައްޗަށް ޖެއްސުމުގެ ބޮޑު ފުރުސަތެއް އޮތުމެވެ.
ލޭނު މަސްވެރިކަމަށް ސަރުކާރުން ހުޅުވާލާ ސަބަބެއްގެ ގޮތުގައި ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ އިންޑިއާ ކަނޑުގެ މަސްވެރިކަން ބަލަހައްޓާ ސަރަޙައްދީ ޖަމުއިއްޔާ ކަމަށްވާ އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) ގެ ނިންމުން ތަންފީޒު ކުރުމެވެ.
ލޭނު އަޅައިގެން ލޯބޮޑު ކަންނެލި ބޭނުމަކީ އީޔޫގައި އެންމެ ސަސްޓެއިނަބަލް އެއް މަސްވެރިކަމުގެ ގޮތުގައި މިން އަޅާ މަސްވެރިކަމެވެ. ސަބަބެއްގެ ގޮތުގައި ބެލެވެނީ ދެން އޮތް މަސްވެރިކަމުގެ އަނެއް ބާވަތް ކަމަށްވާ ޕާސެއިނިން ނުވަތަ ދާއަޅައިގެން ކުރާ މަސްވެރިކަމަކީ ތިމާވެށީގެ ގެއްލުން ބޮޑު ކަމަށް ވުމެވެ. ލޭނު އަޅައިގެން އާއްމުކޮށް ކުރާ މަސްވެރިކަމުގައި ލޭނު ކޮޅުތައް ހުންނާނީ މާކަނޑުގެ ފުން ހިސާބުތަކުގަ އެވެ. މިއީ ނިސްބަތުން މިޔަރު ދަތުރު ކުރުން މަދު މަގެކެވެ. މިޔަރު ގިނައީ އެއަށްވުރެ ތިލަ ހިސާބުތަކުގަ އެވެ. މި މަސްވެރިކަމުން އާއްމުކޮށް ބައިކެޗް ނުވަތަ ކަންނެއްޔާއި ހިބަރު ނޫން ތަކެތި ބޭނޭ ޕަސެންޓޭޖަކީ ގާތްގަނޑަކަށް 3-2 ޕަސެންޓެވެ.
ލޭނު މަސްވެރިކަން ހުއްޓާލި ސަބަބު - ލޭނު މަސްވެރިކަން، ރާއްޖޭން ނުކުރަންވީ ސަބަބެއް ނެތް