ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނަަށް ގެއްލުންވި ކުއާޓާތަކަކަށްފަހު މި އަހަރުގެ ފުރަތަމަ ކުއާޓާގައި 56 މިލިއަންގެ ފައިދާއެއް ވެއްޖެ އެވެ.
ފާއިތުވި 2023 ވަނަ އަހަރުގެ ދެ ކުއާޓާއެއްގައި އައިލެންޑް އޭވިއޭޝަނަށް ފައިދާއެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން އެ ކުންފުނިން މުޅި އަހަރު ނިންމައިލީ ގާތްގަނޑަކަށް 27 މިލިއަން ރުފިޔާގެ ގެއްލުމުގަ އެވެ.
ޕީސީބީން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު ފާއިތުވި އަހަރުގެ އެއްވެސް ކުއާޓާއެއްގައި ނުލިބޭ މިންވަރުގެ ބޮޑު އާމްދަނީއެއް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި 631 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް ލިބުނެވެ.
ނިމުނު އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އަހަރުގެ ފުރަތަމަ ކުއާޓާގަ އެވެ. އެ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 558 މިލިއަން ރުފިޔާ އެވެ. އެހެންކަމުން ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާއަށްވުރެ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު އާމްދަނީވަނީ 73 މިލިއަން ރުފިޔާއިން އިތުރުވެފަ އެވެ.
ޖުމްލަ ފައިދާަގެ ގޮތުގައި 270 މިލިއަން ރުފިޔާ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނެވެ. ފާއިތުވި އަހަރުގެ އެއްވެސް ކުއާޓާއެއްގައި އެ މިންވަރުގެ އާމްދަނީއެއް އައިލެންޑް އޭވިއޭޝަނަށް ނުލިބެ އެވެ.
ޓެކުހާއި ހިންގުމުގެ ހަރަދުތައް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި 56 މިލިއަން ރުފިޔާ ،ލިބިފައިވެއެވެ.
އައިލެންޑް އޭވިއޭޝަނަށް މި އަހަރުގެ ފުރަތަމަ ކުއާޓާގައި ކެޕިޓަލް ކޮންޓްރިބިއުޝަނުގެ ގޮތުގައި ސަރުކާރުންވަނީ 16 މިލިއަން ރުފިޔާ ދީފަ އެވެ. ފާއިތުވި އަހަރުގެ އެއްވެސް ކުއާޓާއެއްގައި އެ ކުންފުންޏަށް ސަރުކާރުން ކެޕިޓަލްގެ ގޮތުގައި ފައިސާއެއް ދީފައިނުވެ އެވެ.