އެނދުގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ އައިޖީއެމްއެޗަށް އައު 70 އެނދު އިތުރުކުރުން ކަމަށް ހަލީމު ވިދާޅުވި އެވެ.
މި އަހަރު ތެރޭގައި ރާއްޖޭގެ މައި ސަރުކާރު ހޮސްޕިޓަލުކަމަށްވާ އައިޖީއެމްއެޗްއަށް 70 އެނދު އިތުރުކުރެވިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗްގެ އިތުރަށް މާލެ ސަރަހައްދުގައި ހިމެނޭ ސަރުކާރު ހޮސްޕިޓާތައް ހިންގާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލް ރައްޒާގް ހަލީމް މިއަދު މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި އައިޖީއެމްއެޗްގެ ގާބިލުކަން އިތުރުކުރަން މިހާރު ފަށާފައިވާ ބައެއް މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެނދު މަދުވުމުގެ މައްސަލައެވެ. އަދި އެ މައްސަލައަކީ ކުރީ ސަރުކާރުތަކަށްވެސް އޮންނާނެ ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން ހަލީމު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް އެކަށީގެންވާ މިންވަރުގެ ސަމާލުކަމެއް ކުރީ ސަރުކާރުތަކުގައި ދެވިފައި ނެތް ސަބަބާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ޗެލެންޖަކީ ހޮސްޕިޓަލުގެ އެނދުގެ ދަތިކަން. އަޅުގަނޑު ހިތަށް އަރާ ފާއިތުވެދިޔަ ހުރިހާ ސަރުކާރުތަކެއްގައިވެސް މި ޗެލެންޖު އޮންނާނޭ. މި ޗެލެންޖު އޮންނައިރު އެވަރުގެ ފޯކަސްއެއް ނުދެވި އޮތީ ކީއްވެބާއޭ،" ހަލީމު ވިދާޅުވި އެވެ.
އެނދުގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން މި އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ އައިޖީއެމްއެޗަށް އައު 70 އެނދު އިތުރުކުރުން ކަމަށް ހަލީމު ވިދާޅުވި އެވެ. ހަލީމު ފާހަގަކުރެއްވި ގޮތުގައި އެނދު އިތުރުކުރުމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރުވަނީ ނިމިފަ އެވެ. އަދި ލަސްވެގެން އަންނަ މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމުގައި ހަލީމު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު އައިޖީއެމްއެޗްގައި 70 ވަރަކަށް އެނދު ތައާރަފުކުރުން އަލަށް. މީގަވެސް ކުރެހުންތައް ކުރަހާފައިވާ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިމިފައިވޭ،" ހައިލަމް ވިދާޅުވި އެވެ.
އައު އެނދުތައް ގާއިމުކުރަނީ އައިޖީއެމްއެޗްގެ އިދާރީ ކަންކަމަށް ކުރިން ބޭނުންކުރަމުން އައި ސަރަހައްދެއް ހުސްކުރުމަށްފަހު ކަމުގައި އޭނާ ވިދާޅުވި އެވެ. އެ ސަރަހައްދަކީ އޮޕަރޭޝަން ތިއޭޓަރު ހުރި ސަރަހައްދު ކަމަށާއި އެ ސަރަހައްދުގައި އެތަން ގާއިމުކުރާ ސަބަބަކީ އޮޕަރޭޝަަނަށްފަހު ބަލީމީހުން ބައިތިއްބަން އެނދުތައް ބޭނުންވުން ކަމަށް އޭނާަ ވިދާޅުވި އެވެ.