ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތަކަކީ ކޮންމެ ހަތް ދުވަހަކުން ދައުލަތަށް ލިބޭ އާމްދަނީއާއި ހިނގާ ހަރަދުތަކުގެ ތަފުސީލު ހިމެނޭ ރިޕޯޓެެކެވެ. އެންމެ ފަހުން ޝާއިއުކުރީ 20 ޖޫންއާ ހަމައަށް ލިބުނު އާމްދަނީއާއި ހަރަދުގެ ތަފުސީލެވެ.
ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރަމުން އައި މާލީ ހިސާބުތައް އާންމުނުކުރާތާ ދެ މަސް ދުވަސްވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގެ ފަހުކޮޅުން ފެށިގެން ފިނޭންސް މިނިސްޓްރީން އާންމުކުރާ މާލީ ހިސާބުތަކަކީ ކޮންމެ ހަތް ދުވަހަކުން ދައުލަތަށް ލިބޭ އާމްދަނީއާއި ހިނގާ ހަރަދުތަކުގެ ތަފުސީލު ހިމެނޭ ރިޕޯޓެެކެވެ. އެ ރިޕޯޓުގައި އާމްދަނީ ލިބުނު މިންވަރުގެ ތަފުސީލުތަކާއި ހަރަދުތަކުގެ ތަފުސީލުތައް ހިމެނެ އެވެ.
އޭގެ އިތުރަށް ދައުލަތުގެ ބަޖެޓު ދަރަނި/ ޑެފިސިޓަށް އަންނަމުންދާ ބަދަލުތަކުގެ އެންމެ އަދާހަމަ މައުލޫމާތުތައްވެސް އެ ރިޕޯޓުގައި ހިމެނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަމުން އައި ހަފުތާގެ މާލީ ހިސާބުތައް އެންމެ ފަހުން ޝާއިއުކުރީ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު ޝާއިއުކުރި ރިޕޯޓަކީ ޖޫން 20 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބުނު އާމްދަނީއާއި ހިނގި ހަރަދުތަކުގެ ތަފުސީލުތައް ހިމެނޭ ރިޕޯޓެވެ.
އޭގެ ފަހުން ރިޕޯޓެއް ޝާއިއުކޮށްފައިނުވާއިރު، އެ ރިޕޯޓުތައް ޝާއިއުކުރުން ލަސްވާ ސަބަބެއްކަމަށް ވެބްސައިޓުގައި ބުނެފައިވަނީ ސަރުކާރުގެ ހަރަދުބަރަދުގެ ކޮންސޮލިޑޭޝަން މަސައްކަތްތަކެއް ހިނގަމުންދިއުމެވެ.
އަދި އެ މަސައްކަތްތައް ނިންމައި ޖުލައި މަހުގެ ފަހު ހަފުތާގައި އަދާހަމަ ރިޕޯޓު ޝާއިއުކުރާނެ ކަމުގައި ވެބްސައިޓުގައި ބުނެފައިވީ ނަމަވެސް ޖުލައި މަސް ނިމި އޯގަސްޓު މަހުގެ 20 ވަނަ ދުވަސް ފަހަނައަޅައި ދިޔައިރުވެސް އެ ރިޕޯޓު ޝާއިއުކޮށްފައިނުވެ އެވެ.
ފިސްކަލް ރިޕޯޓުތަކުގެ އިތުރަށް ދައުލަތުގެ މެދުރާސްތާ ފިސްކަލް ސްޓްރެޓެޖީއާއި ދަރަންޏާ ގުޅޭ ރިޕޯޓުތައްވެސް މިހާތަނަށް ޝާއިއުކޮށްފައިނުވާތީ، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ.
އަމީރު ވިދާޅުވި ގޮތުގައި މިފަދަ މައުލޫމާތު އާންމުކުރުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް މުހިއްމު ކަމަކަށްވާއިރު އެކަން ނުކޮށް އެފަދަ މައުލޫމާތު ސަރުކާރުން ވަންހަނާކުރުމަކީ ސަރުކާރުގެ މާލީ ހާލަތާމެދު ޝައްކު އުފެދުމަށް މަަގުފަހިވާނެ ކަމެކެވެ.