އިންވެސްޓުމެންޓުތައް އަތުލުމުގައި ކޯޓުގެ ހިއްސާއެއް ބާއްވަން ހުށަހެޅި އިސްލާހު ފާސްނުވި

މިއަދު އިގުތިސާދީ ކޮމިޓީގައި މައުރޫފުވަނީ ބިލުގެ 31 ވަނަ މާއްދާ އިސްލާހުކޮށް އިންވެސްޓުމެންޓެއް ދައުލަތަށް ނެގުމާއި، ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ކޯޓުގެ ދައުރެއް އޮންނާނެހެން ބަދަލުކުރުމަށް ހުށަހަޅުއްވާފަ އެވެ.

އިންވެސްޓުމެންޓުތައް ނެގުމުގައި ކޯޓުގެ ދައުރު ބާއްވަން ހުށަހެޅުއްވީ މެންބަރު މައުރޫފު ޒާކިރު، ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކޮށްފައި ހުރި ބޭރުގެ އިންވެސްޓުމެންޓުތައް ނެގުމުގައި ކޯޓުގެ ދައުރެއް ބޭއްވުމަށް ހުށަހެޅި އިސްލާހު ފާސްނުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ނިންމައިފި އެވެ. 

ސަރުކާރުގެ ފަރާތުން އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު މަޖިލީހަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމަށްފަހު ދިރާސާކުރުމަށް ފޮނުވާފައިވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށެވެ. އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބޭރުގެ އިންވެސްޓުމެންޓުތައް ދައުލަތަށް ނެގުމާ ގުޅޭ ގޮތުން ބިލުގައި ހިމެނޭ ބައިތައް އިސްލާހުކުރުމަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރެވެ. 

ފޮރިން އިންވެސްޓުމެންޓު ބިލުގެ 31 ވަނަ މާއްދާގެ (ށ)ގައި ރާއްޖޭގައި ގާއިމުކޮށްފައިވާ އިންވެސްޓުމެންޓެއް ދައުލަތަށް ނެގޭނެ ހާލަތްތަކާއި ޝަރުތުތައް ބަޔާންކޮށްފައިވެ އެވެ. އެގޮތުން ކަނޑައެޅި ބަޔާންވެގެންވާ އާންމު މަންފާއެއް ހާސިލުކުރުމަށް އަދި ރާއްޖޭގެ ސަރަަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމަށް، އެ ގާނޫނުގައި ބަޔާންކުރާ އިޖުރާއާތުތަކާ އެއްގޮތަށް، އެ އިންވެސްޓުމެންޓަކަށް އެކަށޭނެ ބަދަލެއް ދިނުމަށްފަހު ނެގިދާނެ ކަމުގައި ބުނެފައިވެ އެވެ. 

އަދި އިންވެސްޓުމެންޓު ނަގާ ހާލަތުގައި ދައުލަތުން ދޭ އެކަށޭނެ ބަދަލެއް ކަނޑައަޅާނީ އިންވެސްޓުމެންޓު ދައުލަތަށް ނަގާ ތާރީހާ ހަމައަށް އެ އިންވެސްޓުމެންޓަށް ބާޒާރުގައި ލިބޭނެ އަދުލުވެރި އަގުކަމަށް ބިލުގައި ބުނެފައިވެ އެވެ. ބަދަލު ކަނޑައެޅުމާއި ބަދަލު ދިނުމުގައި އަމަލުކުރާނެ އުސޫލު ބަޔާންކުރާނީ އެ ބިލު ގާނޫނަކަށްވުމުން އެ ގާނޫނުގެ ދަށުން އެކުލަވައިލާ ގަވާއިދަކުން ކަމުގައި ބިލުގައި ބަޔާންކޮށްފައިވެ އެވެ. 

މިއަދު އިގުތިސާދީ ކޮމިޓީގައި މައުރޫފުވަނީ ބިލުގެ 31 ވަނަ މާއްދާގައި އިންވެސްޓުމެންޓު ނެގޭނެ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ހާލަތްތައް އިސްލާހުކޮށް އިންވެސްޓުމެންޓެއް ދައުލަތަށް ނެގުމާއި، ބަދަލުގެ ގޮތުގައި ފައިސާ ދިނުމުގައި ކޯޓުގެ ދައުރެއް ބޭއްވުމަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ. 

މައުރޫފު ހުށަހެޅުއްވީ އިންވެސްޓުމެންޓެއް ނެގުމަށް ނިންމޭނީ ވަޒީރުންގެ މަޖިލީހުން ނުވަތަ އެ މަޖިލީހުގެ ކޮމިޓީއަކުން ފާސްކުރުމަށްފަހު، އެޓާނީ ޖެނެރަލްގެ ފަރާތްޕުޅުން ކޯޓަށް ހުށަހަޅުއްވައިގެން ކޯޓުގައި އެ އިންވެސްޓުމެންޓު ނަގާަ ސަބަބު ބަޔާންކޮށް އެކަމާ ގުޅޭ ލިޔެކިޔުން ހުށަހެޅުމަށްފަހު ކޯޓު މެދުވެރިކޮށް އެކަށީގެންވާ ބަދަލެއް ކަނޑައަޅައިގެން ކަމަށެވެ. 

"ދިވެހިރާއްޖޭގައި ކޮށްފައިވާ އިންވެސްޓުމެންޓުތައް ނެގޭނީ އަންނަނިވި ސަބަބުތަކުގެ ތެރެއިން ސަބަބެއް މެދުވެރިވެގެން ކޮންމެހެން ދައުލަތަށް ނަގަންޖެހިއްޖެ ކަމުގައި ފެންނަ ހާލަތެއްގައި، ވަޒީރުންގެ މަޖިލީހުން ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަކުން ނިންމުމާއެކު، ބަންޑާރަނައިބު އެ މައްސަލައެއް ކޯޓަށް ހުށަހަޅައި، އެ އިންވެސްޓުމެންޓު ނަގަންޖެހޭ ސަބަބު ކޯޓުގައި ބަޔާންކޮށްދިނުމުން، އަދި އެ އިންވެސްޓުމެންޓުގެ އަގާމެދު ވާހަކަދެއްކުމަށާއި، އިންވެސްޓުމެންޓުގެ އަގާމެދު ހުށަހަޅަަން ބޭނުންވާ ރިޕޯޓުތައް ފަދަ ލިޔެކިޔުން ހުށަހަޅަން ފުރުސަތު ދިނުމާއެކު ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް އިންވެސްޓުކުރި ފަރާތަށް ދިނުމަށްފަހުގައި،" މައުރޫފު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ. 

މައުރޫފު ހުށަހެޅުއްވި އިސްލާހަށް ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ އިތުރު މެންބަރެއް ތާއީދު ކުރެއްވުމާއެކު ކޮމިޓީގެ މުގައްރިރުވަނީ އެ އިސްލާހު ފާސްކުރަން މެންބަރުންގެ ވޯޓަށް އައްސަަވާފަ އެވެ. ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ތިން މެންބަރުން ފިޔަވައި އެހެން މެންބަރުން ވޯޓު ދެއްވީ އެ އިސްލާހު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.