މިނިސްޓްރީން ބުނި ގޮތުގައި މިއީ ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރަސްމީ ދަތުރުފުޅެއް ގައި މަރުކަޒީ ބެންކުގެ ގަވަރުނަރު އަހްމަދު ނަސީރު ވެސް މި ވަގުތު ހުންނެވީ ސައުދިއަރަބިއްޔާގަ އެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސައުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ސައުދީގެ ފޮރިން މިނިސްޓްރީ ގައި މިއަދު ހެނދުނު އޮތް މި ބައްދަލުވުމު ގައި އެ ގައުމުގެ ވަލީއަހުދު / ބޮޑު ވަޒީރު ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒަށް އެޑްރެސް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅެއް ވަނީ ސައުދީގެ ފޮރިން މިނިސްޓަރުގެ އަތްޕުޅަށް އަރުވާފަ އެވެ.
މި ބައްދަލު ކުރެއްވުމު ގައި އިސްލާމްދީނުގެ މަތިވެރި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށާއި އިގްތިސާދީ ރޮނގުންނާއި ބައިނަލްއަގްވާމީ މަސްރަހު ގައި މި ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓަރު ޒަމީރު ވަނީ ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާ މި ދަތުރުފުޅަށް ފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މިއީ ސައުދީ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރަސްމީ ދަތުރުފުޅެއް ގައި މަރުކަޒީ ބެންކުގެ ގަވަރުނަރު އަހްމަދު ނަސީރު ވެސް މި ވަގުތު ހުންނެވީ ސައުދިއަރަބިއްޔާގަ އެވެ.