ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 4 މެންބަރުން ވަކިކުރަން ލަފާ ދޭން ފާސްކޮށްފި

މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބަލައި، ނިންމާފައިވާ ގޮތަށެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޓަރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދޭން ވަނީ ފާސްކޮށްފައި --

ޓެކްސް އެޕީލް ޓައިބިއުނަލްގެ މެންބަރުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ގޮތަކަށް މައްސަލަ ނިންމައި، ކޮރަޕްޝަންގެ އަމަލުތައް ހިންގާކަން ފާހަގަވެފައިވާތީ ފަސް މެންބަރުންގެ ތެރެއިން ހަތަރު މެންބަރުން ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން މިއަދު ފާސްކޮށްފައި ވަނީ ޖުޑިޝަރީ ކޮމެޓީން އެ މައްސަލަ ބަލައި، ނިންމާފައިވާ ގޮތަށެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ޓަރައިބިއުނަލްގެ މެންބަރު އިސްމާއިލް ސާޖިދެވެ. 

ސާޖިދު ކޮމެޓީއަށް ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޮމެޓީން ވަނީ މެންބަރުން ހާޒިރުކޮށް ސުވާލު ވެސް ކޮށްފަ އެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުންނެވެ. އޭގެ ފަހުން ކޮމެޓީ މެންބަރުން ވަނީ ޓްރައިބިއުނަލްއަށް ގޮސް އެތަނުގެ ހާލަތު ވެސް ބަލާފަ އެވެ.

ސާޖިދު ފިޔަވައި ބާކީ ތިބި ހަތަރު މެންބަރަކު ވަކިކުރަން ކޮމެޓީއަށް ހުށަހަޅުއްވާފައި ވަނީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އޭނާ ވިދާޅުވީ އެ އިދާރާއިން ފާހަގަކުރެވުނު މައްސަލަތަކަށް ބަލާއިރު، މައްސަލަ ނިންމަނީ އިންސާފުވެރިކޮށް ނޫން ކަމަށާއި، މަގާމުގެ ނުފޫޒު ބޭނުން ކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އެ މެންބަރުން ވަކިކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެޓީ ރިޕޯޓާ އެއްގޮތަށް މަޖިިލީހުގެ ތަޅުމުން ވެސް މިއަދު ވަނީ ހަތަރު މެންބަރުން ވަކިކުރަން ރައީސަށް ލަފާ ދޭން ފާސްކޮށްފަ އެވެ. ރައީސަށް އެގޮތަށް ލަފާ ދިނުމަށް މަޖިލީހުގެ 63 މެންބަރުން ވަނީ ވޯޓް ދީފަ އެވެ.

ވަކިކުރަން ލަފާ ދޭން ނިންމާފައިވާ ހަތަރު މެންބަރުންނަކީ؛

  •  މުހައްމަދު މުނައްވަރު އަލީ - ރައީސް
  •  ހުސެއިން ޒައިދާން - ނައިބް ރައީސް
  •  ހަދީޖާ ނައީމް - މެންބަރު
  •  އަހުމަދު އަޝްރަފު - މެންބަރު

ކޮމެޓީން ބެލި މައްސަލައިގައި ދެން ނިންމާފައި ވަނީ އެ މީހުން ނުހައްގު މުއްސަނދިކަން ހޯދައި ހިންގި ކޮރަޕްޝަންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށާއި، މައްސަލަތައް ބަލާ ބެންޗު ވަކި ތަރުތީބަކުން އެކުލަވާލުމަށް އެތަނުގެ ގަވާއިދު އިސްލާހު ކުރުމަށް އެންގުމަށެވެ. އެގޮތަށް އަންގަން ނިންމާފައި ވަނީ، މިހާރު ގަވާއިދު އޮތް ގޮތުން މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދުގެ ކުޑަ ބޮޑުމިނަށް ބަލައި ޓްރައިބިއުނަލްގެ ރައީސަށް ބޭނުން ގޮތަކަށް ބެންޗު އެތުރުމުގެ ބާރު އޮތުމުން އެއީ އިންސާފުވެރި ގޮތަކަށް ނުވާތީ އެވެ.

ތިންވަނަ ކަމަކަށް ފާސްކޮށްފައި ވަނީ، އެތަން ހިންގާ އިމާރާތަކީ ކުރަން ޖެހޭ މަސައްކަތަށް ވުރެ ބޮޑު އިމާރާތަކަށްވާތީ، ދައުލަތުން ކުރަން ޖެހޭ ހަރަދު ކުޑަ ކުރުމަށް، ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އެކަމަށް ހައްލު ގެނައުމަށް އެ އިދާރާއަށް އެންގުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.