ތިން އަހަރުން ބަދަލުގެ ގޮތުގައި 228 މިލިއަން ހޯދުނު: އީޕީއޭ

ނައީމް ވިދާޅުވީ، ވޭތުވެ ދެތިން އަހަރުގެ ތެރޭގައި 37 ޖޫރިމަނާއަކުން 228 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ.

އީޕީއޭގެ އޮފިޝަލެއް އުޅަނދެއްގެ ފޮޓޯ ނަގަނީ -- އީޕީއޭ

ވޭތުވެދިޔަ ދެ ތިން އަހަރު ތެރޭގައި ތިމާވެއްޓަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައުލަތަށް 228 ރުފިޔާ ހޯދާދެވިފައިވާ ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ ފައިސާ ނުދައްކާ މައްސަލައާ ގުޅިގެން މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމެޓީއަށް މިއަދު ވަނީ އީޕީއޭގެ ބޭފުޅުން ހާޒިރުކޮށްފަ އެވެ.

މިކަމާ ގުޅޭ ގޮތުން ކޮމެޓީގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ، ވޭތުވެ ދެތިން އަހަރުގެ ތެރޭގައި 37 ޖޫރިމަނާއަކުން 228 މިލިއަން ރުފިޔާ ހޯދާފައިވާ ކަމަށެވެ. މިއީ ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުން ކުރާ ޖޫރިމަނާ އާއި ހޯދާ ފައިސާއާ ބަލާއިރު ވަރަށް ރަގަޅު އަދަދެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ނައީމް ވަނީ ޖޫރިމަނާގެ ފައިސާ ހޯދަން އުނދަގޫވާ ބައެއް ސަބަބުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެއްކަމަށް ފާހަގަކުރެއްވީ ސީދާ އީޕީއޭ އަށް ފައިސާ ހޯދަން ކޯޓަށް މައްސަލަ ހުށަނޭޅޭ ކަމެވެ. އެކަން ކުރާނަމަ ފުރަތަމަ މިނިސްޓަރަށް ހުށަހަޅައި ދެން ދައުވާ ކޮށްދޭން އެދެން ޖެހެނީ އެޓާނީ ޖެނެރަލްގެ އަރިހުންނެވެ.

ނައީމް ވިދާޅުވީ ބޮޑެތި ޖޫރިމަނާތަކުގައި އާންމުކޮށް ހިމެނެނީ ބޭރުގެ ބޯޓުތައް ކަމަށްވާތީ ބޭރުގެ ފަރާތްތަކާ ގިނަ މުއާމަލާތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމުގައި ވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރެއްވި އެވެ.

"ޖޫރިމަނާކޮށްފަ ކޮމިއުނިކޭޓް ކުރަން މިޖެހެނީ އެޖެންޓާ. އެޖެންޓް އެބަ ބަދަލުވޭ އަޅުގަނޑުމެން ވާހަކަދައްކަ ދައްކާ ތިއްބަ. އެހެންވީމަ އަނެއްކާ ދެން އަންނަ އެޖެންޓަކާ އެބަ ޖެހޭ މަޝްވަރާ ކުރަން. އަނެއްކާ އެ އެޖެންޓާ ވާހަކަދައްކަ ދައްކާ ތިއްބަ ބޯޓު ވިއްކާލާ ބޯޓުގެ އޯނަރު އެބަ ބަދަލުވޭ. މިހިރީވެސް ހިނގާފަ ހުރި ކަންތައްތައް،" ނައީމް ވިދާޅުވި އެވެ.

ރާއްޖެ އޮންނަގޮތުން ވަރަށް ގިނަ ކަނޑުދަތުރުތަކެއް ކުރަން ޖެހޭއިރު ފަރަށް އަރާ ކޮންމެ ދޯންޏެއް ނުވަތަ ބޯޓެއް ޖޫރިމަނާ ނުކުރާކަން ވެސް ފާހަގަކުރެއްވި އެވެ. ނައީމް ވިދާޅުވީ އީޕީއޭ އިން ޖޫރިމަނާ ކުރަނީ ބޮޑެތި ކޭސްތަކުގައި އެކަނި ކަމަށާއި، ކުދިކުދި ދޯނިތަކާއި ބޯޓުތައް ފަހަތުން އުޅޭން ވެއްޖެނަމަ މާބޮޑު ނަތީޖާއެއް ވެސް ނުނިކުންނާނެ ކަމަށެވެ.

ގަވާއިދު އޮންނަ ގޮތުން ރާއްޖޭގެ ފަރަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރެވެނީ 100 މިލިއަން ރުފިޔާ އިންނެވެ. އެ އަދަދުން މިހާތަނަށް އީޕީއޭ އިން ވަނީ ބައެއް ކުންފުނިތައް ޖޫރިމަނާ ވެސް ކޮށްފަ އެވެ. އެންމެ ބޮޑު ގެއްލުމެއް މި ފަހުން ލިބިފައި ވަނީ ރަސްފަރި ފަރަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.