"އަދި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ސާވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން،" އެޗްޕީއޭ އިން ބުންޏެވެ.
އެމްޕޮކްސްއަކީ އާންމު ސިއްހަތުގެ ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައެޅުމާ ގުޅިގެން އެ ބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އޮތްތޯ ބެލުމަށް ހަދަމުންދާ އެސެސްމެންޓްގެ ތެރެއިން، އެ ބައްޔަށް ޓެސްޓު ކުރުމާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެފުރިކާގައި އެމްޕޮކްސް ހަލުއިކަމާއެކު ފެތުރެމުންދާތީ، އެ ބަލީގެ ސަބަބުން ދުނިޔެއަށް ނުރައްކަލެއް އޮތްކަމަށް ފެންނާތީ މިމަހުގެ 14 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކާ ވަނީ އިއުލާނުކޮށްފަ އެވެ.
އެޗްޕީއޭ އިން ބުނީ ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެ އެޖެންސީން ބަލީގެ ހާލަތު މޮނީޓާކޮށް، ބައްޔާ ގުޅިގެން ރާއްޖޭން ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އެގޮތުން، ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓު ކުރުމަށާއި ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށް ބުނެފައިވެ އެވެ.
"އަދި މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ސާވެއިލެންސް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުން،" އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި މިވަގުތު ހަލުވިކަމާއެކު ބަލި ފެތުރެމުންދަނީ ކޮންގޯ އަދި އެފްރިކާގެ ބައެއް ގައުމުތަކުގަ އެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 116 ގައުމަކުން މި ބަލީގައި 99،000 އަށްވުރެ ގިނަ ކޭސް ވަނީ ފެނިފަ އެވެ.
އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާންމު ގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުންނެވެ. ނަމަވެސް އެޗްޕީއޭ އިން ބުނީ، އެހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނަ ކަމަށެވެ.
އެގޮތުން، ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ވެސް ބަލި ޖެހެ އެވެ. އަދި، ބަލި މީހާ ބޭނުން ކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓު ފަދަ ތަކެތީގައި ޖެހުމުގެ އިތުރުން ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ވެސް އެހެން މީހުން ގަޔަށް ބަލި ޖެހެ އެވެ.
މި ބައްޔަކީ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނެތް ބައްޔެކެވެ. އެހެންކަމުން، ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލައި، ފޯރުކޮށްދެވެނީ ސަޕޯޓިވް ފަރުވާ އެކެވެ.