މައުރޫފް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. އެ ނިންމުންތައް ތަންފީޒުކޮށްފައި ނުވަނީ އޭގެ ސަބަބުން ނިކުންނާނެ މައްސަލަތައް ބޮޑުކަމުން ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން އުޅޭތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ނިންމުން ބަދަލުކުރަން ސަރުކާރަށް ގޮވާލައި އިދިކޮޅު އެމްޑީޕީފެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
އެމްޑީޕީގެ ފަރާތުން މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ. މައްސަލަ ހުށަހަޅުއްވަމުން މައުރޫފް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ލޭނު މަސްވެރިކަން ކުރަން ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ނިންމުންތައް ތަންފީޒުކޮށްފައި ނުވަނީ އޭގެ ސަބަބުން ނިކުންނާނެ މައްސަލަތައް ބޮޑުކަމުން ކަމަށެވެ.
"މައިގަނޑު މައްސަލައަކަށް ވަނީ ކަނޑުގެ ދިރުންތައް ހަލާކުވުމަށް މަގުފަހިވެގެންދާތީ އާއި މަސްވެރިކަމުގެ އަމާޒަކަށް ނުވާ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ އެތައް ދިރުންތަކެއް ވެސް މިފަދަ މަސްވެރިކަމުގެ ނުސީދާ ޝިކާރަކައަށްވެ، މަސްވެރިކަމުގެ ސިނާއަތަށް ތަފާތު ގޮތްގޮތަށް އޭގެ ގެއްލުމާ ކުރިމަތިލާން ޖެހުން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޮޑު ކަންނެލި ލޭނު މަސްވެރިކަން ކުރަން އަލުން ހުއްދަ ދީފިނަމަ ކުރިމަތިވެދާނެ ގެއްލުންތަކާއި ނޭދެވޭ އަސަރުތަކާ ބެހޭގޮތުން ފަތުރުވެރިކަމާއި ބެހޭ ސިނާއަތުގެ މީހުންނާއި މަސްވެރިންނާއި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
އިދިކޮޅުގެ ފަރާތުން މައުރޫފް ގޮވާލައްވާފައި ވަނީ ކެބިނެޓްގެ އެ ނިންމުން ބަދަލު ކުރުމަށެވެ. ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމަށް ވޯޓަށް އެހުމުން، 47 މެންބަރުންގެ ވޯޓުން ވަނީ މައްސަލަ ބޭރުކޮށްލާފަ އެވެ. އެ މައްސަލައާ އެއްކޮޅަށް ވޯޓް ދެއްވާފައި ވަނީ 11 މެންބަރުންނެވެ.
އެތައް ބަޔަކު އެ ނިންމުމާމެދު ކަންބޮޑުވުން ފާޅުކުރުމުން ފިޝާރީސް މިނިސްޓްރީން ބުނެފައި ވަނީ ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭއިރު އެކަމުގެ ސަބަބުން މަސްވެރިކަމަށް ގެއްލުންނުވާނެކަން ކަށަވަރުކުރުމަށް ހަރުދަނާ އުސޫލުތަކެއް ގަވާއިދުގައި ހިމަނާފައިވާނެ ކަމަށެވެ.