އެޗްޑީސީން ބުނީ ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދިނުމުގައި އެ ކުންފުނިން އަމަލުކުރަމުން އަންނަނީ އަބަދުވެސް އެކްސްޕްރެޝަން އޮފް އިންޓަރެޓު ނުވަތަ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލުން ކަމަށެވެ.
ވިޔަފާރި ބޭނުންތަކަށް އެޗްޑީސީން ބިން ދޫކުރަމުންދަނީ އެ ކުންފުނިން އަބަދުވެސް އެކަމުގައި އަމަލުކުރަމުން އައި އުސޫލުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން މިފަދައިން ބުނެފައިވަނީ އުސޫލުން ބޭރުން ސަރުކާރުގެ ވެރިންނާ ގުޅުންހުރި ބައެއް ފަރާތްތަކަށް ބިން ދޫކުރަމުން ދާކަމަށް ތުހުމަތުކޮށް މީޑިއާއެއްގައި ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެ ހަބަރުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އެ ބިންތައް ކުއްޔަށް ދޫކުރީވެސް ކުޑަ އަގުގަ އެވެ.
އެ ހަބަރާ ގުޅިގެން ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ހަބަރު މީޑިޔާއިން ގެނެސްފައިވަނީ އާންމުންނަށް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ.
އިތުރަށް އެޗްޑީސީން ބުނީ ވިޔަފާރި ބޭނުމަށް ބިން ކުއްޔަށް ދިނުމުގައި އެ ކުންފުނިން އަމަލުކުރަމުން އަންނަނީ އަބަދުވެސް އެކްސްޕްރެޝަން އޮފް އިންޓަރެޓު ނުވަތަ ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމުގެ އުސޫލުން ކަމަށެވެ.
އަދި ބިން ދޫކުރަމުންދަނީ ބިން ހޯދުމަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރި ތަރުތީބުން ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެޗްޑީސީން ބުނީ ޝައުގުވެރިކަން ފާޅުކުރާ ހުރިހާ ފަރާތްތަކަށްވެސް ތަރުތީބުން ބިން ދޫކުރަމުންދާ ކަމަށެވެ.
އިތުރަށް އެ ކުންފުނިން ފާހަގަކޮށްފައިވަނީ އެ ކުންފުނިން ބިން ކުއްޔަށް ދޫކުރާ އަގުތަކަކީ ކުންފުނީގެ ބޯޑުން ކަނޑައަޅައި އެންޑޯޒްކޮށްފައިވާ އަގުތައް ކަމެވެ.
އިތުރަށް އެޗްޑީސީން މީޑިޔާއަށް އިލްތިމާސްކޮށްފައިވަނީ އެ ކުންފުނިން ހިންގާ ވިޔަފާރި މުއާަމަަލާތްތަކާ ގުޅޭ ހަބަރުތައް ގެނެސްދިނުމުގެ ކުރިން އެ ކުންފުނިން މައުލޫމާތު ސާފުކުރުމަށެވެ.