ޝާހިދު ވިދާޅުވި ގޮތުގައި މާލޭގައި 10 ބުރީގެ އެޕާޓްމެންޓް ބިލްޑިންގް އެއް އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތަށް ޒަމާނެއް ވެއްޖެއެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބޭފުޅުން ހުޅުމާލެ އިން އެޕާޓްމަންޓްތައް ގަނެފައި ވަނީ މިދިޔަ ސަރުކާރުގެ ވަޒީރު ކަމަށް އެމަނިކުފާނު ވަޑައިގަތުމުގެ ކުރީން ކަމަށް ވިދާޅުވެއްޖެ އެވެ.
ޝާހިދުގެ ތިން ފިރިހެން ބޭފުޅުން ހުޅުމާލެ އިން އަގުބޮޑު ފްލެޓްތަކެއް ގަނެފައިވާ ކަމަށް ބުނެ ނޫހަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ރިޕޯޓްގައި ގިނަ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.
އެކަން ދޮގު ކުރައްވާ ޝާހިދު ވިދާޅުވީ އެއީ އެމަނިކުފާނާއި އާއިލާގެ އަބުރު ކަތިލުމުގެ މަގުސަދު ގައި ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އެ ރިޕޯޓްގައިވާ ގޮތުން ޝާހިދުގެ، މޫސާ ޔަމީން ވަނީ ހުޅުމާލެ އިން ރެއިންބޯގެ ރެއިންކްރެސްޓް އެޕާޓްމަންޓުން ޕެންޓްހައުސް ގަނެފަ އެވެ.
ޝާހިދު ވިދާޅުވި ގޮތުގައި ޔަމީން، ރެއިންކުރެސްޓް އިން އެޕާޓްމެންޓް ގަތީ ބޭންކް އިން ލޯނެއް ނަގައިގެންނެވެ. ލޯނު މިހާރު ވެސް ގެންދަނީ ދައްކަމުންނެވެ. އަދި ވިދާޅުވީ އޭނާގެ ތިން ބޭފުޅުން އެޕާޓްމެންޓްތައް ގަނެފައިވަނީ ރައީސް ސޯލިހްގެ ސަރުކާރުގެ ވަޒީރުކަމުގައި ހުންނެވި މިދިޔަ ފަސް އަހަރުގެ ތެރޭގައެއް ނޫނެވެ.
"އަޅުގަނޑަކީ އޭރު، މިހާރެކޭ ވެސް އެއްފަދައިން އިދިކޮޅުޕާޓީ ގެ މީހެކެވެ،"
ޝާހިދު ވިދާޅުވި ގޮތުގައި މާލޭގައި 10 ބުރީގެ އެޕާޓްމެންޓް ބިލްޑިންގް އެއް އިމާރާތްކޮށް ކުއްޔަށް ދިނުމުގެ ވިޔަފާރި ކުރަމުން އަންނަތާ އެތަށް ޒަމާނެއް ވެއްޖެއެވެ. އަދި ވިދާޅުވީ ﷲގެ ހެޔޮ ރަހްމަތްފުޅުން އެމަނިކުފާނާއި އާއިލާއަށް ބޭނުންވާކަންތައްތައްް ގާނޫނުގެ އިމުގެތެރޭގައި ކުރެވޭވަރުގެ ތަނަވަސް ކަން ވަނީ މިންވަރު ކުރައްވާފައި ކަމަށެވެ.
"އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަކީ ވެސް ދިވެހި ރައްޔިތުންނަށް ވާތީ އަޅުގަނޑުމެންނަށް ވެސް މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު ގާނޫނު އަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރު ކޮށްދެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ މިކަމާމެދު ސުވާލު ކުރައްވާ ފަރާތްތަކުން އަބުރުކަތިލާ ޒާތީ ދިރިއުޅުމުގެ ކަންކަމާބެހި ގަނާކުރުމުގެ ބަދަލުގައި ގާނޫނީ އިމުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން އަށް ހުށަހަޅުއްވައި އެ ކޮމިޝަނުން މިކަންކަން ބެއްލެވުމަށް މަރުހަބާ ކިޔުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.