"ފާހަގަކުރަންޖެހޭ ކަމަކީ ދައުލަތުގެ އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ މަތީ ނިސްބަތަކުން ދައުލަތުން ދަރަނި އަދާކުރުމަށް ކުރާ ހަރަދު އިތުރުވަމުންދާ ކަން،" އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ދައުލަަތަށް ލިބޭ އާމްދަނީ އިތުރުވާ މިންވަރަށްވުރެ ބޮޑަށް ދަރަނި އަދާކުރުމަށް ހަރަދުކުރަންޖެހޭ ފައިސާގެ އަދަދު އިތުރުވަމުންދާކަން އޮޑިޓު އޮފީހުން ފާހަގަކޮށްފި އެވެ.
ދައުލަތުގެ ދަރަނި އަދާކުރުމާއި މެނޭޖުކުރުމާ ގުޅޭ ކުރު ރާސްތާ ސްޓްރެޓެޖީ ރިވިއުކުރުމަށްފަހު އެ އޮފީހުން ނެރުނު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އާމްދަނީއާ އަޅާބަލާއިރު ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވާނަމަ އާމްދަނީގެ ތެރެއިން ދަރަނި އަދާކުރުމަށް ހޭދަވާ ފައިސާގެ އަދަދު އަންނާނީ އިތުރުވަމުންނެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ދަރަނި އަދާކުރުމަށް އާމްދަނީން ހަރަދުކުރާ މިންވަރު 2020 ވަނަ އަހަރާ ހަމައަށް ހުރީ ދާދި އެއް މިންގަނޑެއްގައި ހިފަހެއްޓިފަ އެވެ. ނަމަވެސް 2020 ވަނަ އަހަރު އާމްދަނީ ވަރަށް ބޮޑަށް ދަށްވުމާއެކު ދަރަނި އަދާކުރުމުގެ ހަރަދު އާމްދަނީގެ ނަސްބަތުން އިތުރުވި އެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި 2020 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ނިސްބަތުން 26 އިންސައްތަ ދައުލަތުގެ ދަރަނި އަދާކުރަން ހަރަދުވި އެވެ. އެއީ ހިލޭ އެހީ ނުހިމަނައި ދައުލަތުގެ އާމްދަނީގެ ގޮތުގައި އެ އަހަރު 14.2 ބިލިއަން ރުފިޔާ ލިބުމުންނެވެ.
2021 ވަނަ އަހަރު ދައުލަތުގެ އާމްދަނީގެ ނިސްބަތުން ދަރަނި އަދާކުރުމަށް ކުރާ ހޭދަ 31 އިންސައްތައަށް އިތުރުވި އެވެ. އެއީ މައިގަނޑު ގޮތެއްގައި ކުރިން ނަގާފައި އޮތް ސަނީ ސައިޑް ބޮންޑުގެ ދަރަނި އަދާކުރަންޖެހުމުންނެވެ.
ޖެހިގެން އައި 2022 ވަނަ އަހަރު ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް އިތުރުވި އެވެ. 2019 ވަނަ އަހަރު ލިބުނު އާމްދަނީއަށްވުރެ އިތުރަށް ދެ ބިލިއަނާ ގާތްކުރާ މިންވަރެއް 2022 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނެވެ.
އާމްދަނީ އިތުރުވި ނަމަވެސް އެ އަހަރު ދައުލަތުން ދަރަނި އަދާކުރުމަށް ކުރަންޖެހޭ ހޭދަ ކުޑަނުވެ އެވެ. އެ އަހަރު 6.5 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރި އެވެ. އެއީ އާމްދަނީގެ ނިސްބަތުން 23 އިންސައްތަ އެވެ.
"ފާހަގަކުރަންޖެހޭ ކަމަކީ ދައުލަތުގެ އާމްދަނީ އިތުރުވާ ނިސްބަތަށްވުރެ މަތީ ނިސްބަތަކުން ދައުލަތުން ދަރަނި އަދާކުރުމަށް ކުރާ ހަރަދު އިތުރުވަމުންދާ ކަން،" އޮޑިޓު އޮފީހުގެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އަހަރުން އަހަރަށް ދައުލަތުން ދަރަނި އަދާކުރަން ކުރަންޖެހޭ ހޭދަ ބޮޑުވުމަކީ ދައުލަތުގެ މާލީ ހާލަތު ހީނަރުވެ، ހަރަދުބަރަދު ދެކޮޅުނުޖެހުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި މާލީ އިދާރާތަކުން އަންނަނީ ފާހަގަކުރަމުންނެވެ.