ފައިސަލް ވިދާޅުވީ އައްޑޫގައި ޓޫރިޒަމް ތަރައްގީކޮށް ޑައިރެކްޓް ފްލައިޓް އެޅުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ލަނޑުދަނޑި އެވެ.
އައްޑޫ ސިޓީ ބްރޭންޑްކޮށް ދުނިޔޭގައި އިޝްތިހާރު ކުރަން ސަރުކާރާއި އެމްއެމްޕީއާރުސީން އެހީތެރިވެދޭނެކަމުގެ ޔަގީންކަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދެއްވައިފި އެވެ.
އައްޑޫގެ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން ބޭއްވި ޑެސްޓިނޭޝަން އައްޑޫ ސަމިޓު ހުޅުވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ އައްޑޫ ސިޓީއަކީ ތާރީހާއި ގުދުރަތީ ރީތިކަމަށް ބަލާއިރު މިހުރިހާ ކަމަކުން މުއްސަނދި ސިޓީއެއް ކަމަށެވެ. އެހެންކަމުން އަޅުނގަޑުމެން އެބަޖެހޭ އެކަށީގެންވާ ގޮތަށް އައްޑޫ ސިޓީ ބްރޭންޑްކޮށް މިވާހަކަތައް ދުނިޔޭގެ ފަތުރުވެރިކަމުގެ މައިދާނަށް ނެރެވޭނެ މަގު ތަނަވަސްކުރަން ކަމަށެވެ.
"މި މަސައްކަތުގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ފުރިހަމަ އެއްބާރުލުން ދޭނެކަން އަޅުގަނޑު ޔަގީންކޮށް އަރުވަން. އެބޭފުޅުންގެ ތަޖުރިބާއާއި ގްލޯބަލް ރީޗްގެ އެހީގައި، ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އައްޑޫ ސިޓީ ޓުއަރިޒަމް މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރެވިގެންދާނެ،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތަސައްވުރަކީ ދިވެހިރާއްޖޭގެ އަތޮޅުތަކަށް ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފުޅާކޮށް، އޭގެ މަންފާ ގައުމުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ.
"މި މަގްސަދު ހާސިލުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާފައި. މިއީ އެމަނިކުފާނުގެ އިންތިހާބީ ވަޢުދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިޒަމް މިނިސްޓްރީން ހާއްސަ މަޝްރޫޢުތަކެއްގެ ދަށުން ފަށާފައިވާ މަސައްކަތްތަކެއް،" ފައިސަލް ވިދާޅުވި އެވެ.