އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް އާންމުކުރި ރިޕޯޓުގައި ބަޔާންކުރި ގޮތުގައި ދަރަނީގެ ސްޓްރެޓަޖީގައި ހާސިލުކުރަން ކަނޑައެޅި ގިނަ އަމާޒުތަކެއް ހާސިލުކުރުމުގައި ކުރީގެ ސަރުކާރު އޮތީ ފެއިލުވެފަ އެވެ.
ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ފިނޭންސް މިނިސްޓްރީން އެކުލަވައިލާ ކުރު ރާސްތާ ސްޓްރެޓެޖީގައި ހާސިލުކުރަން ކަނޑައެޅި ގިނަ އަމާޒުތަކެއް ހާސިލުނުވުމުގެ ސަބަބުން ދަރަނީގެ ހިރާސް އިތުރުވިކަން ހާމަވެއްޖެ އެވެ.
2024 އަދި 2025 ވަނަ އަހަރަށް އެކުލަވައިލާ ނިމުނު އަހަރުގެ ޖުލައި މަހުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދަރަނީގެ ކުރު ރާސްތާ ސްޓްރެޓެޖީ މުރާޖައާކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށް އާންމުކުރި ރިޕޯޓުގައި ބަޔާންކުރި ގޮތުގައި އެ ސްޓްރެޓަޖީގައި ހާސިލުކުރަން ކަނޑައެޅި ގިނަ އަމާޒުތަކެއް ހާސިލުކުރުމުގައި އެއިރުގެ ސަރުކާރު އޮތީ ފެއިލުވެފަ އެވެ.
އެ ސްޓްރެޓެޖީގައި ބަޔާންކޮށްފައިވާ އެއް އަމާޒަކީ ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނި ޖުމްލަ ދަރަނީގެ 40 އިންސައްތައަށްވުރެ އިތުރުވިޔަނުދިނުމެވެ. އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނި އައީ ޖުމްލަ ދަރަނީގެ ނިސްބަތުން އިތުރުވަމުންނެވެ.
އެގޮތުން 2021 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބޭރު ފައިސާގެ ދަރަނި ދައުލަތުގެ ޖުމްލަ ދަރަނީގެ 50 އިންސައްތައަށް އެރި އެވެ. އަދި ޖެހިގެން އައި 2022 ގައި ސަަނީ ސައިޑް ބޮނޑު މެޗުއާވެ 58 މިލިއަން ޑޮލަރު ދައްކަންޖެހުމުންނާއި، ކުރީ އަހަރުތަކުގައި ޗާޕުކުރި 4.3 ބިލިއަން ރުފިޔާ ސެކިއުރަޓައިޒްކޮށް ދިގު މުއްދަތުން ދައްކާ ބޮންޑަކަށް ބަދަލުކުރުމުން، ބޭރު ފައިސާގެ ދަރަނީގެ ނިސްބަތް 49 އިންސައްތަައަށް ތިރިވި އެވެ.
އެކެއް އިންސައްތައިން ބޭރުގެ ދަރަނީގެ ހިއްސާ ދަށްވީ ސަަނީ ސައިޑް ބޮންޑުގެ ދަރަނީގެ ގޮތުގައި 58 މިލިއަން ޑޮލަރު އަދާކުރުމުން ބޭރު ފައިސާގެ ދަރަނި މަދުވުމާއި، ޗާޕުކުރި ފައިސާ ދިގު މުއްދަތުން ދައްކާ ބޮންޑަކަށް ބަދަލުކުރުމުން ދިވެހި ރުފިޔާއިން ދައްކަންޖެހޭ ދަރަނި އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ޖުމްލަ ދަރަނީގެ ތެރެއިން ބޭރު ފައިސާގެ ދަރަނީގެ ހިއްސާ 49 އިންސައްތައަށް ދަށްވި ނަމަވެސް 2023-2025 އަށް ކަނޑައަޅާފައިވާ ދަރަނީގެ މެދުރާސްތާ ސްޓްރެޓެޖީގައި 2022 ވަނަަ އަހަރު ބޭރު ފައިސާގެ ދަރަނި %43 ގައި ހިފަހެއްޓުމަށް ކަަނޑައެޅި އަމާޒު ހާސިލުނުވާކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.
ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނި، ޖުމްލަ ދަރަނީގެ 40 އިންސައްތައަށްވުރެ ދަށް މިންވަރެއްގައި ހިފަހެއްޓުމަށް ސަރުކާރުން އަމާޒުކުރި ނަމަވެސް ބޭރު ފައިސާގެ ދަރަނި އަހަރުން އަހަރަށް އިތުރުވުމުގެ ސަބަބުން އެ އަމާޒު ހާސިލުނުވެ އެވެ.
އޭގެ އިތުރަށް ބޭރު ފައިސާއިން ދައްކަންޖެހޭ ދަރަނީގެ ތެރެއިން ކުރު މުއްދަތުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ ދަރަނި 2022 ވަނަ އަހަރު 11 އިންސައްތައިން އިތުރުވެފައިވާކަން އޮޑިޓު އޮފީހުން ފާހަގަކުރި އެވެ.
އަދި ބޭރު ފައިސާގެ ދަރަނީގެ ނިސްބަތް އިތުރުވުމަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވަށް ބާރު ބޮޑުވާނެ ކަމެއް ކަމަށާއި، ކުރު މުއްދަތުގައި އަދާކުރަންޖެހޭ ބޭރު ފައިސާގެ ދަރަނި އިތުރުވުމުން ދައުލަތުގެ ދަރަނި އަދާކުރުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެ ކަމުގައި އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.
މެދު ރާސްތާ ދަރަނީގެ ސްޓްރެޓެޖީގައި ހާސިލުކުރަން ކަަނޑައަޅާފައިވާ އަނެއް އަމާޒަކީ ދަރަނީގެ ވެއިޓެޑް އެވެރެޖު އިންޓެރެސްޓު ރޭޓު ނުވަތަ ނަގާފައިވާ ހުރިހާ ދަރަންޏެއްގެ އިންޓަރެސްޓު ރޭޓުތައް އެއްކޮށްލުމުން ނުކުންނަ އެވަރެޖު އިންޓަރެޓު ރޭޓު %4.0 ގައި ހިފަހެއްޓުމެވެ.
އެކަން ކުރުމަށް ސަރުކާރުން ކަަނޑައަޅާފައި އޮތް އަމާޒަކީ ކޮންސެޝަނަލް ލޯނުތައް ނުވަތަ ލުއި ލޯނުތައް ނެގުމެވެ. ކޮންސެޝަނަލް ލޯނު ނެގުމަކީ ދަރަނީގެ ޖުމްލަ އިންޓަރެސްޓު ރޭޓު ދަށްވާނެ ކަމެއް ކަމުގައި އޮޑިޓު އޮފީހުން އެއްބަސްވި ނަމަވެސް އެ އޮފީހުން ފާހަގަކުރި ގޮތުގައި، އެ އަމާޒު ހާސިލުކުރުމަށް އެކުލަވާލާފައިވާ ތަފުސީލީ ޕްލޭނެއް އޮތްކަން އެނގެން ނެތެވެ.
އެކަށީގެންވާ ރޭވުންތެރިކަމާއި ބެލެހެއްޓުމާއި ޖަވާބުދާރީކުރުވުމެއް ނެތް ގޮތެއްގައި ދަރަނި ނަގައިގެން ކޮންސެޝަނަލް ދަރަނި ހޯދުމަކީ ފަސޭހަކަމަކަށްނުވާނެކަން އެ އޮފީހުން ފާހަގަކުރި އެވެ. އެ އޮފީހުން ބުނެފައިވަނީ ކޮންސެޝަނަލް ލޯނާއި ގްރާންޓު/ ހިލޭ އެހީއަކީ ވަކިވަކި މަޝްރޫއުތަކަށް ނުވަތަ ހާއްސަ ތަރައްގީގެ އަމާޒުތަކެއް ހާސިލުކުރަން އެކަނި ދޭ ފައިސާކަމަށްވާތީ، އެ ފައިސާ ހޯދުމަށް ގައުމުތަކުގެ މެދުގައި ބޮޑު ވާދަވެރިކަމެއް އޮތުމުން އެގޮތަށް ފައިސާ ހޯދުމުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.
ދަރަނި މެނޭޖުކުރުމުގައި ދެން އޮތް އަމާޒަކީ ދަރަނީގެ އެވެރެޖު މެޗުރިޓީ ނުވަތަ ދަރަނި އަދާކުރަން ފަށަންޖެހޭ މުއްދަތު 7 އަހަރު ފަހަށް ހެދުމެވެ. ނަމަވެސް އެކަން ހާސިލުކުރަން ބަލާއިރު ދިވެހި ރުފިޔާއިން ނަގާފައިވާ ދަރަނިތައް ދެއްކުން ފަސްކުރަންޖެހެ އެވެ.
އަދި ދިގު މުއްދަތުގައި ދައްކަންޖެހޭ ނުވަތަ މެޗުއާވާ ދަރަނީގެ އިންޓަރެސްޓު ރޭޓު އާންމުކޮށް ބޮޑުވާނެކަން ފާހަގަކޮށް އޮޑިޓު އޮފީހުން ބުނެފައިވަނީ ދަރަނި މެޗުއާވާ މުއްދަތު ދިގުދަންމައިލާނަމަ ދަރަނީގެ އިންޓަރެސްޓު ރޭޓު ދަށް މިންވަރެއްގައި ހިފަހައްޓަން އުނދަގޫވާނެ ކަމަށެވެ.
ދަރަނީގެ މެދު ރާސްތާ ސްޓްރެޓެޖީގެ އެއް އަމާޒަކީ އެއް އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނި ޖުމްލަ ދަރަނީގެ 40 އިންސައްތައަށްވުރެ އިތުރުވިޔަނުދިނުމެވެ. ނަމަވެސް 2022 ވަނަ އަހަރު ނިމުނުއިރު އެއް އަހަރު ތެރޭގައި ދައްކަންޖެހޭ ދަރަނިވަނީ ޖުމްލަ ދަރަނީގެ 46 އިންސައްތައަށް އަރާފަ އެވެ.
އެ މައްސަލަަ ހައްލުކުރަން އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ސަރކާރުން ފާހަގަކުރީ އެތެރޭގެ ދަރަނި ނެގުމަށް ޓީ-ބިލު ވިއްކުމުގެ ބަދަލުގައި ދިގު މުއްދަތުގެ ބޮންޑު ވިއްކުމެވެ. ނަމަވެސް އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި އެއް އަހަަރު ތެރޭގައި ދައްކަންޖެހޭ ދަރަނީގެ ބޮޑު ބަޔަަކީ މާލީ މުއައްސަސާތަކަށް ސަރުކާރުން ވިއްކާފައިވާ ޓީ-ބިލާއި ސުކޫކު ފަދަ އިސްލާމީ މާލީ އިންސްޓްރޫމެންޓުތަކެވެ.
އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ޓީބިލާއި އިސްލާމީ އިންސްޓުރޫމެންޓުތައް ބޭނުންކޮށްގެން ދަރަންޏަށް ފައިސާ ނަގާ މިންވަރު ފާއިތުވި އަހަރުތަކުގައި ވަރަށް ބޮޑަށް އިތުރުވުމުގެ ސަަބަބުން އެއް އަހަރު ތެރޭގައި މެޗުއާވާ ދަރަނި ޖުމްލަ ދަރަނީގެ 40 އިންސައްތައަށްވުރެ އިތުރުވިޔަނުދީ ހިފަހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށްވާނެ އެވެ.
ޖުމްލަކޮށް ބަލާއިރު ކުރީ ސަރުކާރުން މެދުރާސްތާގައި އަދި ކުރު ރާސްތާގައި ދަރަނި މެނޭޖުކުރަން ކަނޑައެޅި އަމާޒުތައްވީ އަތުނުވެ ދުރަށް ދުވަމުންދިޔަ އަވާމެންދުރަކަށެވެ. އެކަންކަން ހާސިލުނުކުރެވުމުގެ ސަބަބުން ދަރަނީގެ ދެމެހެއްޓެނެވިކަން ކަށަވަރުނުވެ ދަރަނީގެ ހިރާސް ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ.