ކަޝްމީރުގެ ހާއްސަ މަގާމު އުވައިލިފަހުން ފުރަތަމަ ފަހަރަށް އިންތިހާބު ބާއްވަނީ

މިނިވަން ކަޝްމީރަަކަށް ތާއީދުކުރާ މީހުން ދެކެނީ އިންޑިޔާއިން އިސްނަގައިގެން ބާއްވާ އިންތިހާބުތަކުގައި ބައިވެރިވުމަކީ ކަޝްމީރުގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން ހިންގަނީ ހައްގު ބާރުވެރިކަމެއް ކަމަށް އެއްބަސްވުން

ޖަމްމު ކަޝްމީރުގައި އިންޑިޔާ ސިފައިން ހަރަކާތްތެރިވަނީ، ފޮޓޯ: އޭޕީ

އިންޑިޔާގެ ބާރުގެ ދަށުގައި އޮންނަ ޖަމްމު ކަޝްމީރަށް އެ ގައުމުގެ ގާނޫނު އަސާސީން ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވައިލިފަހުން ފުރަތަމަ ފަހަރަށް އެ ސަރަހައްދުގެ ގާނޫނު ހަދާ މަޖިލިސް އިންތިހާބުކުރަން ވޯޓު ނަގަން ނިންމައިފި އެވެ. 

"ވަރަށް ބޮޑު މެދުކެނޑުމަކަށްފަހު ޖަމްމުއާއި ކަޝްމީރުގައި އިންތިހާބު ބާއްވާ ވަގުތު ޖެހިއްޖެ،" އިންޑިޔާގެ އިލެކްޝަން ކޮމިޝަނުގެ އެންމެ އިސްވެރިޔާ ރަޖިވް ކުމާރު ނިއުދިއްލީގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ. 

އެ ސަރަހައްދުގެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން އޮންނާނީ ތިން މަރުހަލާއަކަށް ބަހާލއިގެން ސެޕްޓެންބަރު 18 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު އެއްވަނަ ދުވަހާ ދެމެދު އެވެ. 

އިލެކްޝަން ކޮމިޝަނުން ބުނި ގޮތުގައި މި އިންތިހާބުގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދު 8.7 މިލިއަނަށް އަރާނެ އެވެ. 

އިންތިހާބުގެ ނަތީޖާ އާންމުކޮށް އިއުލާނުކުރާނީ ވޯޓު ގުނާ ދުވަހު އެވެ. ވޯޓު ގުނުން އޮންނާނީ އޮކްޓޯބަރު ހަތަރުވަނަ ދުވަހު އެވެ. 

އިނގިރޭސިންގެ ކިނބައިން ޕާކިސްތާނާއި އިންޑިޔ މިނިވަންވީއްސުރެ ޖަމްމު ކަޝްމީރު އޮންނަނީ ދެ ގައުމުގެ މެދުގައި ބައިކޮށްފަ އެވެ. ދެ ގައުމުންވެސް ޖަމްމު ކަޝްމީރުގެ މައްޗަށް ހައްގު އޮތްކަމަށް ދައުވާކުރެ އެވެ. 

މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޖަމްމު ކަޝްމީރުގެ ގިނަ ބަޔަކު ދެކޭ ގޮތުގައި އިންތިހާބު ބޭއްވުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް އެމީހުންގެ ވެރިން އިހުތިޔާރުކުރުމުގެ ބާރު އަނބުރާ ދިނުމަށް އެޅޭ މުހިއްމު ފިޔަވަޅެކެވެ. 

ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި 90 ގޮނޑީގެ މައްޗަށް އެކުލެވޭ ޖަމްމު ކަޝްމީރުގެ ގާނޫނު ހަދާ މަޖިލީހަށް ލިބޭނީ ތައުލީމާއި ސަގާފަތާ ގުޅުންހުރި ހަނި ބާރުތަކެކެވެ. މުހިއްމު ހުރިހާ ނިންމުމެއް ނިންމާނީ ދިއްލީގައި އިންޑިޔާގެ މަރުކަޒީ ސަރުކާރުންނެވެ. 

ކަޝްމީރުގައި މިނިވަން ދައުލަތެއް ގާއިމުކުރަން ތާއީދުކުރާ މީހުން ދެކޭ ގޮތުގައި އިންޑިޔާއިން އިސްނަގައިގެން ބާއްވާ އިންތިހާބުތަކުގައި ބައިވެރިވުމަކީ ކަޝްމީރުގެ މައްޗަށް 2019 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން ހިންގަމުންދާ ނުފޫޒާއި ބާރަކީ ހައްގު ކަމެއްގެ ގޮތުގައި ގަބޫލުކުރުމެވެ. 

12 މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮންނަ ސަރަހައްދުގެ މުސްތަގުބަލު އެ ސަރަހައްދުގެ ރައްޔިތުން އަމިއްލައަށް ކަނޑައެޅުމަށް އާންމު ވޯޓެއް ނެގުމަށް އެ މީހުން އަންނަނީ އެދެމުންނެވެ. 

1989 ވަނަ އަހަރުން ފެށިގެން މިނިވަންކަން ހޯދުމަށް ކަޝްމީރުގެ ބައެއް ޖަމާއަތްތަކުން ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެ ސަރަހައްދުގައި 500،000 އެއްހައި އިންޑިޔާ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންނާއި އެ ޖަމާއަތްތަކުގެ މެދުގައި ހިނގި ހަނގުރާމައިގެ ތެރޭގައި އެތައް ހާސް އާންމުންނާއި ސިފައިން އަދި ހަނގުރާމަވެރިން މަރުވެފައިވެ އެވެ. 

ޖޫން މަހުގައި އޮތް އިންޑިޔާގެ އާންމު އިންތިހާބުގައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ޖަމްމު ކަޝްމީރު ތަމްސީލުކުރާނެ ފަސް މެންބަރުން އިންތިހާބުކުރަން ވޯޓު ނަގާފައިވެ އެވެ. އެ ވޯޓުގައި ވޯޓުލާ އާބާދީގެ 58.6 އިންސައްތަ މީހުން ވޯޓު ދީފައިވެ އެވެ. 

2019 ވަނަ އަހަރު މޯދީގެ ސަރުކާަރުން އިންޑިޔާގެ ގާނޫނުއަސާސީގައި ޖަމްމު ކަޝްމީރަށް ދީފައި އޮތް އިންތަކެއްގެ ތެރޭގައި އަމިއްލައަށް ވެރިކަން ހިންގުމުގެ އިހުތިޔާރު އަތުލައިގަތްފަހުން އެ ސަރަހައްދު ހިންގަމުން އައިސްފައިވަނީ މަރުކަޒީ ސަަރުކާރުން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2024 Mi. All rights reserved.